logoEN
ކޮކާކޯލާ
ޒުވާނުން ބާރުވެރި ކުރުވުން - އުޅެއުޅެ ކުލަ ނުޖެހުނު މަންޒަރެއް!

ޒުވާނުން ބާރުވެރި ކުރުވުން - އުޅެއުޅެ ކުލަ ނުޖެހުނު މަންޒަރެއް!

# ޒުވާނުން ބާރުވެރިކުރުވުން

COLUMN

ޒުވާނުން ބާރުވެރި ކުރުވާ ވާހަކަ އަކީ އާ ވާހަކަ އެއް ނޫނެވެ. ކޮންމެ ކަމެއް ފެއްޓުމުގެ ކުރިން ޒުވާނުންނަށް ފުރުސަތު ލިބިގެން ދާނެ ކަމުގެ ފޮނި ހުވަފެނީ ބިލާހުތައް ދައްކަމުން ދިޔުމަކީ ކޮންމެ ސަރުކާރެއްގައިވެސް ކުރަމުން އަންނަ ދުވަސްވީ ޕްރޮޕެގެންޑާ އެކެވެ. އެހެނީ ސިޔާސީ ވައުދު ތަކުގެ ތެރޭގައިވެސް " ބާރުވެރި ކުރާނަން" ބުނެ އުއްމީދު އާކޮށްދިނުމުން، ޒުވާނުން އުފަލުން ފޮޅި ހުވަފެން ދެކެން ފައްޓަނީ ލޯތައް މިނަށް ހުޅުވައިގެން ތިބެ އެ ހުވަފެން ތަކުގައި ކުލަ ޖެއްސިގެން ދާނެ ކަމުގެ ފޮނި އުއްމީދާ އެކީގައެވެ.

އަބުޅޯ

ނަމަވެސް އާޙިރަތުގައި ކަންވެ ނިމިގެން ދަނީ އުއްމީދުތައް ވިއްސި ވިހާލިވެގެން ނާއުއްމީދާ އެކީގައެވެ. ޒުވާނުން ބާރުވެރި ކުރާނެ ކަމަށް ބުނެ ޖައްސާ އެއް ދަންތުރަޔަކަށް ވެގެންދާނީ ވަޒީފާތައް ލިބޭނެ ކަމުގެ ހުވަފެނީ ދަންތުރަ އޭ ބުނުމަކުން ކުށަކަށް ނުވާނެ ކަން ޔަގީނެވެ. އެހެނީ ކޮންމެ އަހަރަކު ޔުނިވާސިޓީ އިންނާއި ކޮލެޖު ތަކުން އެކި ފެންވަރުގެ ކޯސްތައް ފުރިހަމަ ކޮށް މުޖުތަމައުގެ ތެރެއަށް ނިކުނަން ކުދިން މަދެއް ނޫނެވެ. ނަމަވެސް ވަޒީފާ އެއް ހޯދުމަށް އެއް އޮފީހުން އަނެއް އޮފީހަށް އަހަރު ދެ އަހަރު ވަންދެން ދުވަންޖެހެއެވެ.

ވަޒީފާތައް ސިޔާސީ ވެ، ބާރުގެ ބޭނުން ކޮށްގެން މެނުވީ ނުލިބޭ ހާލަތަށް ވަނީ ގޮސްފައެވެ. ބޮޑުންގެ ދަރިން އަތުގައި "އޯ ލެވެލް" ފާސްގަނޑެއް ނެތަސް ތަންތަނުގެ އިސް މަޤާމުތަކަށް ހޮވިގެން ދަނީ އެ ދާއިރާތަކުން ލޯބޯ ކޮށައިގެންނާއި ނިދިން މަހުރޫމުވެގެން ތިބެ ސަނަދު ޙާސިލް ކުރި ޒުވާނުން ކޮޅު މާޔޫސް ކޮށްލާފައެވެ. ތިމާމެން ކިޔެވި ކިޔެވުމުގެ ބޭނުމެއް ނެތްކަމުގެ އިހުސާސު ކުރުވަމުންނެވެ. އެންމެ ފަހުން ގޮތް ހުސްވެ ސަނަދު ގޭގައި ބާއްވާ ނިކުމެވެނީ މަގުމައްޗަށެވެ. ނޫނީ ކިޔެވި ދާއިރާ ނޫން އެހެންދާއިރާއެއްގެ ކުޑަ ވަޒީފާ އެއްގައެވެ. ބިކަވެ މަގުމައްޗައް ނުކުންނަ ޒުވާނާގެ ނަމުގައި ދެން ޖެހޭ ލައްގަނޑު އަދި މުޅިން ތަފާތެވެ.

ދެން އޮތީ ގެދޮރުވެރި ކަމުގެ ވާހަކައެވެ. ދެވަނަ ދަންތުރައެވެ. އެކަމެއްގެ އިންތިޒާރުގައި މުޅި އުމުރު ހުސްވާ ހުވަފެނެވެ. ކޮންމެ ވެރިކަމެއްގައިވެސް ޒުވާނުންނަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދޭ، ނަމަވެސް އަމަލުން ނުފެންނަ ވައިގައި ލިޔެވިގެންދާ ވާހަކައެކެވެ. ގޯތި ލިބޭނެކަމަށް ނުވަތަ ފުލެޓު ލިބޭނެ ކަމަށް ޕޯޑިއަމް ތަކަށް އަރާ އަޑު ނެތްކޮޅަށް ހޭރި ގޮވަމުން ބުނާއިރު ދައުރު ނިމޭ އިރުވެސް އެއިން ކަމއެއްގައި ކުލައެއް ނުޖެހޭތާ ބިލާހަކަށް ވެސް ނުވެއެވެ. އަލަށް ކައިވެނި ކުރާ ބޭފުޅުންނަށް ފުލެޓު ލިބޭނެ ކަމުގެ ޔަގީން ކަން ދިން ދުވަސް ވެސް މާޒީވެ ހިނގައްޖެއެވެ. ފުލެޓެއް ލިބުނު މީހަކު ނެތެވެ. އަދިވެސް ޖެހެނީ ސަލާން ޖަހާށެވެ. ލިބޭ ގޯއްޗެއް ނެތެވެ. މައިންބަފައިންގެ ގޯތިން ބައިކުޅަ ބައެއް ލިބެން އޮތަސް ޝަރުތުވެސް ފުރިހަމަ ނުވެއެވެ.

މޮޅުކަމަކީ މި ޝަރުތު އޮންނަނީ ވެސް ގޮތެއް ނެތް މީހުންނަށެވެ. ސަރުކާރުގެ ބޮޑުންނާއި ސިޔާސީ މީހުންނާއި އެމީހުންގެ އާއިލާ މީހުންނަށް މި ޝަރުތު އިސްތިސްނާ ވެގެން ވެއެވެ. އެ ބައި މީހުންގެ މަތި މައްޗައް ގޯތި އޮވެފައި ފުލެޓުތަކާއި ބިންތައް ހުއްޓަސް އެންމެ ނިކަމެތިންގެ ގޮތުގައި ގުނާލެވި އެންމެ މަތިން ޕޮއިންޓް ލިބި އަނެއްކާވެސް މުޅިން އާ ފުލެޓެއް ލިބިގެން ދެއެވެ. އެއްކަލަ ބާރުވެރި ކުރާ ޒުވާނާ ދާންޖެހެނީ ބޮޑު ލޯނު ނަގައިން ކުއްޔަށް އުޅޭށެވެ. ނޫނީ މަންމަގެ ގޯތިން ނުވަތަ ބައްޕަ ގޯތިން ލިބޭ އަކަ ފޫޓެއް ހަމަ ނުވާ ބިން ކޮޅުގައި ޖިފުޓިގަޑެއްހާ މިންވެސް އެޅޭތޯއެވެ. އަދި ގޯއްޗެއް ލިބުނުކަމުގައި ވީނަމަވެސް އެ ތާގައި ގެއެއް އެޅުމަށްޓަކައި ނަގަން ޖެހެނީ ބޭންކު މެދުވެރިކޮށް ލޯނު ތަކެވެ. އެއިން ބެންކަކަށް ވަދެވިއްޖެނަމަ އިންޓަރެސްޓެއް ގޮތުގައި ނެގޭ ލޯނުގެ އެތައް ގުނައެއް އެބައެއްގެ އަތުން އަނބުރާ ނަގައެވެ.

ސައްތަ އިން ސައްތަ މުސްލިމު ގައުމެއްގައި މިފަދަ ބޮޑެތި އިންޓެރެސްޓް ނަގައިގެން ރައްޔިތުން ފެލާލާއިރު މިކެވެނީ ރިބާ ކަމެއް ހަމަ ނޭނގެނީ ހެއްޔެވެ. ބާރަ އަހަރަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ބަހާލައިގެން ބޮޑު ލޯނު ނަގާއިރު، އެ ލޯނުން ގިނަ ފަހަރު ފުދެނީ ކިރިޔާ އެވެ. އެއްޗެހީގެ އަގުވެސް ހަމަ އެހާ ހެވީ އެވެ. އެހެން ނަމަވެސް އެނޫން ގޮތެއް ނެތި ދެން އުޅެން ވީ ލިބޭ ދިހަ ހާސް ރުފިޔާއިން ލޯނާއި، ބިލްތަކާއި ދަރިންގެ ކަންތައް ފުއްދުމުގައެވެ. މަހުގެ ފަނަރަޔަށް ނުދެވެނީސް ކަންމަތީ ފިހާރައިން ދަރަންޏަށް ފޮތުގައި ޖަހައިގެން ގެއަށް ބޭނުންވާ ސާމާނު ހޯދުމުގައެވެ. ނުކިޔަވާ ހުންނަ ސިޔާސީ މިހާ އަށް ފަންސާސް ހާހުން މުސާރަ ލިބޭ އިރު ކިޔަވައިގެން ހުންނަ އާދައިގެ ނިކަމެތި މީހާ އަށް މިލިބެނީ ކިރިޔާ ފަނަރަ ހާސް ނުވަތަ ދިހަ ހާހެވެ. އެހެން ކަމުން ޒުވާނުން މި ފެންވަރަށް ބާރުވެރި ވުމުން އަންނަން އޮތް ޖީލުތަކުގެ ބާރު އަދި މިއަށްވުރެ ބޮޑުވާނެތާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ