ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ފަރާތުން ޖިންސޯ ގޯނާ ލިބުނު ކަމަށް ބުނާ އަންހެން މީހާ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފިއެވެ. އޭނާ އަކީ ފުލުހުންގެ ސިވިލް މުވައްޒަފެކެވެ. އޭނާ ފުލުހުންގެ ސިވިލް ބައިގައި މަސައްކަތް ކުރަމުން އަންނަތާ މިހާރު ވަރަށް ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.
އޮންލައިން ނޫހެއް ކަމަށްވާ “ވަގުތު” ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަންހެން މީހާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ ޤަވާޢިދުގެ 107 ވަނަ މާއްދާގެ (ހ)އާ ޚިލާފުވެފައިވާތީ ކަމަށް ބުނެއެވެ. އެ އަކުރުގެ 5 ވަނަ ނަންބަރުގައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ނުވަތަ ސަރުކާރަށް ހުތުރެއް ލިބޭ ފަދަ އަމަލެއް ކުރުމަކީ އެކަމާ ގުޅިގެން ޑިސިޕްލަނަރީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.
އަންހެން މީހާ ވަޒީފާއިން ވަކި ކޮށްފައިވާއިރު، އޭނާ ވަނީ މިނިސްޓަރު އިމްރާނު އާ މަގުމަތިން ދިމާކޮށް މި މަހުގެ 6 ވަނަ ދުވަހު ވަނީ މަގުމަތީގައި އަޑުއުފުލާފައެވެ.
ރައީސް އޮފީސް ކައިރިން މިނިސްޓަރު ވަޑައިގަންނަވަނިކޮށް އަންހެން މީހާ ވަނީ މިނިސްޓަރާ އެއްވަރަށް ސައިކަލު ދުއްވަމުން އަޑު އުފުލާ ނުރުހުން ފާޅުކޮށްފައެވެ.
މިނިސްޓަރ އިމްރާންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު މީހާ އެމައްސަލަ މީގެ ކުރިން ދެފަހަރެއްގެ މަތިން ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުމުން ވެސް އެމައްސަލަ ބަލާފައެއް ނުވެއެވެ.