2021 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ކުރިއަށްގެންދާނެ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އެމް.ޓީ.ސީ.ސީ.އަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ދެއްކި "ކާމިޔާބު 40″ ޓީވީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވަނީ ކޯވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމުގައި، ތަރައްޤީގެ މުޅިން އައު މަސައްކަތްތަކެއް ބާރުދުވެލީގައި ކުރިއަށް ގެންދަންޖެހިފައިވާ ކަމުގައި ވިދާޅުވެފައެވެ. މި ގޮތުން، ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިސްކަން ދީގެން އަންނަ އަހަރުގެތެރޭގައި، ރަށްރަށުގައި ހިންގަން ހަމަޖެހިފައި ހުރި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހުރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އެ މަޝްރޫޢުތަކުގެ ތެރެއިންއެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރެވޭ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމައި، ކުންފުންޏާ މެދު އުފެދިފައިވާ އިތުބާރާއި ޔަޤީންކަން ދަމަހައްޓާނެކަންޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޚާއްޞަ އިސްކަމެއް ދޭން ސަރުކާރުން ނިންމަވާފައިވާކަމަށާއި،އެއީ ލާމަރުކަޒީ ނިޒާމުން އަސާސީ ޚިދުމަތްތައް ދިނުމުގެ މުހިންމުކަން ކުރިއަށް ވުރެ އެތައް ގުނައެއް މިހާރު ބޮޑުވެފައިވާ ކަމަށް ޤަބޫލުކުރެވޭތީކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވެސް މާލެ ސަރަޙައްދުގެ އެއްގަމު ދަތުރުފަތުރުގެ ޚިދުމަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން މި ސަރަޙައްދުގެ ބަހުގެ ޚިދުމަތް ދިނުންއެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.ޓީ.ސީ.ސީ.ގެ 40 އަހަރުގެ ތާރީޚާ ގުޅުވައިގެން ތައްޔާރުކުރި، ޚާއްޞަ ފޮތެއް ވެސް އިފްތިތާޙުކޮށްދެއްވާފައެވެ.