ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޕާޓީން ނިކުންނަ ކެނޑިޑޭޓުންނަށް ކެމްޕޭނު ކުރުމުގެ ފުރުޞަތު ސަރުކާރުން ނުދޭނަމަ ކޯޓަށް ދާނެކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.
އެ ކޯލިޝަނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަންގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިދިކޮޅުގެ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުޞަތު ސަރުކާރުން ދެމުން ނުދާ ކަމަށެވެ.
ހީނާ ވިދާޅުވީ، ސަރުކާރުގެ ކެނޑިޑޭޓުން ކެމްޕޭނު ކުރައްވަމުން ގެންދަވާއިރު، އިދިކޮޅުން ތިބީ ޕީޕީއެމް އޮފީސްތެރޭގައި ބަންދުކޮށްފައި ކަމަށާއި، އެފަރާތްތަކަށް ބޭރަށް ނިކުމެ ހަރަކާތެއް ހިންގޭނެ ފުރުޞަތުވެސް ނެތްކަމަށެވެ. އަދި އެގޮތަށް ނުކުތް ކަމުގައިވިޔަސް މެމްބަރުންނާއި ލީޑާރުން ހައްޔަރު ކުރާ ކަމަށް ހީނާ ވިދާޅުވިއެވެ.
ކެމްޕެއިން ކުރުމުގެ ޙައްޤަކީ ކޮންމެ ކެންޑިޑޭޓަކަށް ވެސް ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ އިދިކޮޅު މެންބަރުން އެ ހައްގުން މަހުރޫމް ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރާއި އެމްޑީޕީގެ ބައެއް ކެންޑިޑޭޓުން ބޭނުން ގޮތަކަށް ކެމްޕެއިން ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.