
ރާއްޖޭގެ 67 ރަށުގައި ޕާކު އެޅުމަށް ބޭނުންވާ ސާމާނު އިންޑިޔާއިން ހަދިޔާކޮށްފި
EmY73XUUYAAlxkR
ހުވަދު އަތޮޅުގެ 8 ރަށް ހިމެނޭގޮތަށް ރާއްޖޭގެ 67 ރަށެއްގައި އަޅާ ޕާކުތަށް އެޅުމަށް ބޭނުންވާ ސާމާނު އިންޑިޔާ ސަރުކާރުން ރާއްޖެ ސަރުކަރާ ހަވާލުކޮށްފި.

ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ތަކެތި ހަވާލު ކޮށްދެއްވީ ރަސްމީ ދަތުރެއްގައި މިދިޔަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަތް، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ.
ޕާކުތަށް އެޅުމަށް އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ސާމާނުގެެ އަގު 6.7 މިލިއަން ރުފިޔާއަށް އަރައެވެ. މީގެ ކުރިން މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓްތަކެެއްގައި ޕާކު އަޅަން ހަމަޖެހިފައިވާ ރަށްތަށް ވަނީ އިއުލާން ކުރައްވާފައެވެ. އެެގޮތުން ހުވަދުއަތޮޅުގައި ޕާކު އަޅަން ހަމަޖެެހިފައިވާ ރަށްތަކަކީ ގދ މަޑަވެެލި ، ގދ ފިޔޯރީ އަދި ގދ ގައްދޫ އެވެެ. އަދި ގއ އަތޮޅުން ގއ ކޮލަމާފުށި ، ގއ ދާންދޫ ، ގއ މާމެެންދޫ ، ގއ ގެމަނަފުށި އަދި ގއ ދެއްވަދޫ ހިމެނެއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތެވެ.