
ދާންދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖެއްގެެ ހާލު ސީރިއަސް
47028695
ގއ ދާންދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އުމުރުން ތިން އަހަރުގެ ކުޑަކުއްޖެއްގެ ހާލު ސީރިއަސް ވެއްޖެ އެވެ.

މިއަދު ހަވީރު ގއ ދާންދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް މަގުމަތީގައި ހުރި ތިން އަހަރުގެ ކުއްޖެއްގެ ގައިގަ ޖެހުމުން އެކުއްޖާގެ ހާލު ސީރިއަސްވެ ގއ ވިލިނގިލި ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަކަން " ގާފު " އަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން އިނިޔާވެފައިވަނީ އަންހެން ކުއްޖަކަށެވެ.
"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި އަންހެން ކުއްޖާގެ ގައިގަ ސައިކަލުން ޖެހުމުން އެކުއްޖާ ވިއްސައިގެން ގޮސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. ކުއްޖާގެ ބޯ ފަޅައިގެން ގޮސްފައި ވާއިރު ފަޔަށް ވެސް ވަނީ ހާނިކަތަކެއް ލިބިފައެވެ. އަދި ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް މިހާރު އަންނަނީ މަަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން ސައިކަލް ދުއްޗަން އިން މީހާއަށް ވެސް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ. އެމީހާއަށް ދާންދޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސައިކަލު ދުއްވަން އިނީ 19 އަހަރުގެެ ފިރިހެނެއްކަން ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެމީހާ އަތުގައި ލައިސެންސް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެެ.