އެސްވަތީނީއާއި އެކު ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފި

ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް އެސްވަތީނީއާ ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފި އެވެ.

ދިވެހިރާއްޖެއާއި އެސްވަތީނީގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމާ ބެހޭ ޖޮއިންޓް ކޮމިއުނިކޭގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ފަރާތުން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން އެވެ. އަދި އެސްވަތީނީގެ ފަރާތުން ސޮއިކުރެއްވީ އެސްވަތީނީއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މެލޫސީ މާރޓިން މަސޫކޫ އެވެ. މިރަސްމިއްޔާތު ބާއްވައިފައިވަނީ ނިއުޔޯކްގައި ހުންނަ އދއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި އެވެ.

ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމާއެކު ދެޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ މަސްރަހުގައި އެކުގައި މަސައްކަތްކުރުމަށް މަގު ފަހިވެގެންދާނެއެވެ. އެސްވަތީނީއާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމުން، ދިވެހިރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވާ ޤައުމުތަކުގެ ޢަދަދަކީ މިހާރު 175 އެވެ.

ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އޭގެ އަގު ވަޒަންކުރާ ޤައުމުތަކާއެކު ގުޅުން ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ޚާރިޖީ ސިޔާސަތުގެ ތެރޭގައި އިސްކަމެއް ދެއްވާ އެއް ކަންތަކެވެ.

އެސްވަތީނީ އަކީ އެފްރިކާގެ ދެކުނުގައި، މޮޒަމްބީކް އާއި ދެކުނު އެފްރިކާ އާއި އިންވެގެން އޮންނަ، 1.1 މިލިއަން މީހުންގެ އާބާދީއެއްގެ ޤައުމެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް