ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަޙައްދަށް (މާލެ، ހުޅުމާލެ، ވިލިމާލެ) އަށް އަންނަ ފަރާތްތައް ކަރަންޓީނުވާ އުސޫލާއި ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންނަށް ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން ދެވޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކަރަންޓީނު އުސޫލުތަށް ބަދަލުކޮށްފި އެވެ.
އެޗްޕީއޭއިން މިއަދު އާއްމުކުރި އާ އުސޫލުތަކުގައި ބުނާގޮތުން ނަމަ ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންނަށް ކޮވިޑް-19 އިގެ ނެގެޓިވް ނަތީޖާއާއެކު ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން ދެވޭނެއެވެ. އެގޮތުން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ހުއްދަ ލިބިގެން ކުރު މުއްދަތުގެ މަސައްކަތްތަކަށް ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިސޯޓުތަކަށް ޗުއްޓީއަށްދާ ފަރާތްތަކުން ދަތުރު ފަށާއިރު 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ ބޭނުންވާނެއެވެ. އަދި އެގޮތަށް ރިސޯޓުތަކަށް ދަތުރުކުރާ ފަރަތްތަކުގެ ހުރުމާއި ކެއުން ހަމަޖެހިފައި ހުންނަންވާނީ، އެ ރިސޯޓުތަކުގެ މުވައްޒަފުންނާ ވަކިން ކަމަށް ވެސް އެޗްޕީއޭގެ އުސޫލުގައިވެ އެވެ.
އެޗްޕީއޭއިން އާމުކުރި ދެވަނަ އުސޫލު ހާއްސަ ކޮށްފައިވަނީ ރާއްޖެއިން ބޭރުން އަންނަ ފަރަތްތަކަށެވެ. އެގޮތުން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަޙައްދަށް (މާލެ، ހުޅުމާލެ، ވިލިމާލެ) އަށް އަންނަ ފަރާތްތައް ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު އަންނަ ނަމަ ކަރަންޓީނުވާން ނުޖެހޭ ގޮތައް ވަނީ އުސޫލު ބަދަލުކޮށްފައެވެ. ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަމަލުކުރުމަށް ނިންމައިފައިވާ މި އުސޫލު ބުނާ ގޮތުން ނަމަ ރާއްޖެއިން ބޭރުން އަންނަ ދިވެހިން އަދި ވޯކް ވިސާގައި ދަތުރުކުރާ ފަރާތްތަކުން ދަތުރުފަށާ ބަދަރުން ފުރާއިރު މިހާރު ބޭނުން ވާނީ 96 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެކެވެ. ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވީ ނަމަވެސް 10 ދުވަހުގެ މުއްދަތަށް ގޭގައިވެސް މާސްކު އަޅައިގެން އުޅުމާއި ގޭގައި އެކަހެރިވެ ތިބުން އެދެވިގެންވާކަމަށް އެޗްޕީއޭ އިން ވަނީ އުސޫލުގައި ބުނެފައެވެ.
މާލޭ ސަރަހައްދަށް އަންނަ މީހުން ކަރަންޓީންވާން ނުޖެހުނު ނަމަވެސް ރާއްޖެއިން ބޭރުން އައިސް ރަށްރަށަށް ދަތުރުކުރާ މީހުންނާއި ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި މާލެ ސަރަޙައްދަށް އަންނަ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއާއި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެއެވެ. މީގެ އިތުރުން، ރިސޯޓުތަކަށް ދަތުރުކުރާ ފަރަތްތަކުންވެސް މާލެ ސަރަހައްދު ނޫން އެހެން ރަށަކަށް ދަތުރުކުރާނަމަ، ކަނޑައެޅިފައިވާ 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާންޖެހޭނެކަމަށް ވެސް ބުނެފައިވެ އެވެ.