logoEN
ޕީއެންސީ 2
ހަޤީޤީ ހާދިސާ: ނާމާން މިޔުޒިކް ޝޯވް!

ހަޤީޤީ ހާދިސާ: ނާމާން މިޔުޒިކް ޝޯވް!

ގާފު އެޑިޓޯރިއަލް

logo

12/16/2020, 4:53:41 PM

3

ނޯޓް: މިއީ ރައްޓެއްސަކަށް ދިމާވި ހާދިސާއެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ދަތުރު ނާމާއެއް. މިލިޔުމުގައި އެއްވެސް މީހެއްގެ އަސްލު ނަމެއް ބޭނުންކޮށްފައި ނުވާނެއެވެ.

ޝަރީ 2024

އެތަށް ދުވަހެއްގެ ޕްލޭނަށް ފަހު ހުރިހާ އެކުވެރިން، 10 ޑިސެމްބަރ ވީ ބުރާސްފަތި ދުވަހަށް އޯވަރނައިޓް ޕިކްނިކެއް ރޭވިއެވެ. ދަތުރު ދިޔުމަށް އެންމެން އަތުން ޗަންދާއެއް ނަގާ ދަތުރަށް ބޭނުންވާ އެންމެހާ ސާމާނު ހަމަކުރިއެވެ. ދަތުރު ދާން ނިންމީ ފެރީކުރުމަށް ބޭނުންކުރާ ފެރީ ދޯންޏެއްގައެވެ. ދަތުރު ދާ ރަށެއް ގޮތުގައި ހަމަޖެއްސީ އެއްވެސް ފަހަރަކު ނުދާ ގއ. ދެއްވަދޫ އާއި ކައިރީގައި އޮންނަ ގުދުރަތީ ރީތިކަން އެކުލެވޭ ފަޅުރަށެއް ކަމުގައިވާ ދެއްވަމާގަލާ އަށެވެ. ރަށަށް އަރާ ފޭބުމަށްޓަކައި ޑިންގީއެއް ހޯދައި ދޯނީގެ ކަފުޖަހައިގެން ދާން ތައްޔާރު ކުރިއެވެ. ދަތުރުގެ ބައިވެރިންގެ ގޮތުގައި އައްޕި، ޝިފާއު، ޝަމްއޫނު، ހަމްރާއު، ޖާދުއްﷲ އަދި އިތުރު 05 ބައިވެރިންނާއި އެކު ޖުމްލަ 10 މެމްބަރުން ބައިވެރިވިއެވެ.

އިރު މެންދުރުން ލަނބާލި އިރު، ދަތުރު ދާން ޕެކްކުރި ފޮށިގަނޑުތަކާއި، ފެންކޭސްތަކާއި، ޖަނަރޭޓަރު ހިފައިގެން ކުއްޔަށް ނެގި ޕިކަޕެއްގައި، ޝަމްއޫނާއި، ހަމްރާއު އައިސް މަޑުކޮށްލިއެވެ. ގަޑިން 12:05 ވީއިރު ދަތުރުގެ އެންމެހާ ބައިވެރިން ހަމަވެ، އަރުވަންޖެހޭ އެންމެހާ ސާމާނުތައް ދޯންޏަށް އަރުވައި ހަމަވިއެވެ. 12:10 ވީއިރު ދޯނި ސްޓާރޓްކޮށް ވާ މޮހާ ނަގިލި ނަގައިފިއެވެ. މަޑު ސްޕީޑެއްގައި ފަހަތަށް ޖަހައި އަބުރާލުމަށްފަހު ދޯނި ނެރަށްމިސްރާބު ޖެހިއެވެ. ކައްޕިތާނަކަށް ހުރީ އައްޕިވެ. ދޯނި މިސްރާބު ޖަހާފައި ހުރީ ގއ. ދެއްވަދޫ ކައިރީގައި އޮންނަ ދެއްވަމާގަލާ އަށެވެ. ދުވަހަކީ މޫސުން ރީތި އަވީދީފައި އޮތް ދުވަހެކެވެ. މުޅި ކަނޑުގައި އޮމާން ސާލެއް ފަތުރާލާފައިވާ ފަދައެވެ. ކުޑަ ނަމަވެސް ރާޅެއްގެ އަސަރުވެސް ފެންނާކަށް ނެތެއެވެ. "ފަރިވި ތާޒާ މަލެއް މަސްތުކުރުވީ ވަހެއް، ކަރުގަނޑުން އަރާމުދޭ ފަރިވި ޝަބްނަމް އޮހޭ" ލަވަޔާއިއެކު ފޯރިގަދަ ލަވަބާޒީ އެއް ފެއްޓުނެވެ. ލަވަބާޒީ ނިންމުމަށްފަހު ދޯނިމަތީގައި މެންދުރުގެ ކެޔުން ކުރިޔަށް ގެންދިޔައެވެ. ރާވާފައިވާގޮތަށް މެންދުރު ކެއުން ހުރީ ތައްޔާރުކޮށް ދޯންޏަށް އަރުވާފައެވެ.

މެންދުރުގެ ކެއުން ނިންމާ ހަމަޖެހިލިތަނާ، 01 ގަޑި 30 މިނިޓެގެ ދަތުރު ނިމި ދެއްވަމާގަލާގެ ފަރަށް ދޯނި ނަގިލި ލައިފިއެވެ. ރާއްޖޭގެ އެހެން ރަށްރަށާއި ޚިލާފަށް ރުއްތައް މަދު ރަށެކެވެ. ނަމަވެސް ބިޔަ ބޮޑެތި ޅޮސްގަސްތައް ހެދިފައިވެއެވެ. ކަފަކޮޅެއްހާ ހުދު ބޮޑު ދޮންވެލި ތުނޑިއެއް މުޅިރަށް ވަށާލާފައިވެއެވެ. ކިރުދޫންޏާއި، ކުރަނގި، މާރަނގަ، ވައްލަ، އަދި ހޯގުޅާ މިނިވަންކަމާއެކު ބައިގަނޑުތަކަށް އައިސް ދޮންވެލި ތުނޑިއަށް ޖައްސާ އުދުހި އުޅެއެވެ. ދޫނިތަކުގެ ހިތްގައިމު މިޔުޒިކުން ހިތަށް އުފާވެރިކަން ގެނެސްދިނެވެ. އެއްވެސް ކަހަލަ ބިރެއްނެތި ދޯނީގެ ވަށައިގެން ބައިގަނޑުތަކަށް އުދުހި އުޅޭއިރު ރަށަށް އައި މެހުމާނުނަށް މަރުޙަބާ ކިޔާކަހަލައެވެ.

ހަވީރު ސަޔާއި، ރޭގަނޑުގެ ކެޔުމަށް ބޭނުންވާ ސާމާނާއި، ޖަނރޭޓަރާއި، ޓެންޓް އަދި ގެނައި ސައުންޑް ސިސްޓަމާއި، ލެޕްޓޮޕް ހިފައިގެން އެންމެން ޑިންގީގައި ރަށަށް ފޭބީއެވެ. ބީޗުގައި ޓެންޓު ޖަހައި، ޖަނަރޭޓަރު ބަހައްޓައި، ވައިރުގުޅައި ޓެންޓަށް ކަރަންޓް ލިބޭނެގޮތް ހަދައި، ކައްކަން ވަކި ސަރަޙައްދެއް ތައްޔާރުކޮށް ނިންމިއެވެ. މޫދަށް އެރި މަޖާކޮށްލުމަށްފަހު ހަވީރު 16:30 ގައި ހަވީރުސައި ބޮއި ނިންމާލިއެވެ. ސަޔަށްފަހު އެއް ގްރޫޕް މަސްބާނަން ޑިންގީގައި ނައްޓާލިއެވެ. އަނެއް ގްރޫޕް ރަށުތެރެ ބަލާލުމަށް ދިއުމުން ބާކީ ތިބި 4 މީހުންނާއެކު ޓެންޓުގައި ތާސްކުޅެން ޝިފާއު މަޑުކުރިއެވެ.

undefined

އިރު އޮއްސުމުގެ ކުރިން އެންމެން ޓެންޓަށް ޖަމާވެ ކެއްކުމުގެ ކަންތައްތަކުގައި އެހީތެރިވެ އަތްގާތްކޮށްދީ ހެދިއެވެ. މަސްބާނަން ދިޔަ ގްރޫޕު ގެނައި ކިރުޅިޔަ މަހުން ބާބަކިޔު ހަދައި، ބޮޑު މަސްބަތް ގަޑެއް ތައްޔާރު ކުރިއެވެ. ރޭގަނޑުގެ 9 ޖެހުމާއި އެކު ރޭގަނޑުގެ ކެޔުން ނިންމައި، ޓްރުތް އެންޑް ޑެއަރ އަދި ތާސްކުޅުނެވެ. 11 ޖެހިތަނާ އެއްބަޔަކު ނިދާފިއެވެ. ނިދާފަ ތިބި މީހުން ގަޔަށް ފެނާ ވެލި ޖަހައި އުދަގޫ ކުރުމުންވެސް، 12:30 އެހާކަންހާއިރު އައްޕި އާއި، ޖާދުއްﷲ އާއި ޝިފާއު ނޫން އެންމެން ނިދައިފިއެވެ.

undefined

ކުރާނޭ ކަމެއް ނޭގިގެން ޝަމްއޫނު ތެދުކޮށްގެން ހަތަރު މީހުން ބޮނޑި ކުޅެން ތިއްބާ ޓެންޓާއި ދިމާލުން އެއްގަމުން، ކުޑަކުއްޖަކު ރޯއަޑު އިވިގެން ނިދާފައިތިބި އެންމެން ކޮޅަށް ޖެހުނެވެ. ރުއިމުގެ އަޑު އިރުކޮޅަކަށް އިވިފައި ހުއްޓެއެވެ. މިގޮތަށް ތަކުރާރުވެއެވެ. އިރުކޮޅެއްފަހުން އަލިފާން ގުޅަތަކެއް އަޑު އިވުނުހެން ހީވި ހިސާބަށް ވަލުތެރެއަށް ފޭބިތަން ފެނުނެވެ. ކުއްލިޔަކަށް ބާރުގަދަ އަޑުފައްގަޑަކާއި އެކު ފްލެޔަރެއް ހެން އަލިފާން ކަނިބުރުވަމުން ހުރެ އަލިފާންގުޅައެއް ރަށްމަށްޗަށް އަރާ ހުއްޓުނެވެ. ކުޑަ ޓެނިސް ބޯޅައެއްގެ ސައިޒުގައި ހުރި މި އަލިފާން ބޯޅަ މަޑުމަޑުން ބޮޑުވަމުންގޮސް ފުޓްބޯޅައެއްގެ ސައިޒަށް ބޮޑުވެފައި ބާރުގަދަ ގުގުރިއެއްފަދަ އަޑަކާއެކު އަލިފާން ބޯޅަ ފަޅައިގެން ދިޔައެވެ. އެންމެން ބިރުން ރޫރޫ އަޅައިގެން ގޮސް ބޮޑިއަކަށް ޓެންޓު ތެރެއަށް ގުޅަޔަކަށް މަތިމައްޗަށް ޖެހިގަނެވުނެވެ. އަލިފާން ބޯޅަފަޅައިގެން ދިޔައިރު އާދަޔާ ޚިލާފު އައްޔެއް ފެތުރިގެން ދިޔައެވެ. ދުވާލެކޭ އެއްފަދައިން ފަޅި ސިކުންތުކޮޅަކަށް މުޅިރަށް އެކީ ދިއްލުނެވެ. ދޮންވެލި ތުނޑީގައި ހުރި އެންމެ ހިމުން ކުނިތައްވެސް ލޮލަށް ފެންނަވަރަށް އަލިވިއެވެ. އެންމެން ބިރުން ފިނިވެ ހަރަކާތް ހުއްޓިފައި ޓެންޓް ތެރޭގައި ގުޅަޔަކަށް ޖެހިގެން ތިއްބެވެ. އިރުކޮޅަކުން ޖަނަރޭޓަރުވެސް ނިވި ކަނުއަދިރިކަން ވެރިވެއްޖެއެވެ. ކުއްލިޔަކަށް އެންމެންނަށް އެމީހުންގެ އަޑުގެ ކޮޅަށް ބޭއިޚްތިޔާރުގައި ހަޅޭލަވައިގަނެވުނެވެ. ގަތް ބިރުން ވީ ގޮތެކެވެ. އައްޕި ރުޅިއައިސްގެން ހަޅޭނުލަވަން ބުންޏެވެ. އަދި އެވާނީ ޖަނެރޭޓަރުގެ ތެޔޮ ހުސްވެގެން ނިވުނީ ކަމަށް ބުންޏެވެ. އައްޕި އަކީ ވަރަށް ބިރުކުޑަ މީހެކެވެ. އައްޕި އާދޭސް ކުރުމުންވެސް، ވީގޮތެއް ބަލަން ދިޔުމަށާއި، ޕެޓްރޯލު އަޅަން ދާން އެކަކުވެސް އެއްބަސްނުވިއެވެ. އަދި އައްޕި އެކަނި ދާންވެސް އެކަކުވެސް އެއްބަސް ނުވިއެވެ. އެންމެންގެ މަޝްވަރާގެ މަތިން ރަށުގެ އެއްގަމުގައި ތިބުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ދެކިގެން އެކަކު އަނެކަކަށް އަތްގުޅައިގެން ދޯންޏަށް ދިއުމަށް ޑިންގީ އަށް އެރުމަށް އެންމެން ނުކުތެވެ.

ބިރުން ފިތްކަނޑައިގެން ދާހާލުގައި އެންމެން ތިބެގެން ޑިންގީގަ ގޮސް ދޯންޏަށް އެރި އިރު ގަޑިން 3 ޖަހަނީ އެވެ. އިރުކޮޅަކުން މުޅިރަށް ކާނިވަލެއްހެން އެކި ކުލަކުލައިން ދިއްލާލިއެވެ. މުޅި ރަށްމަތިން އަލިގުޅަތައް އުދުހިފައި ހުރި އިރު ހަވާ އެރުވުމާއި އެއްގޮތް ގޮތެއް ހުއްޓެވެ. ބޮޑު ބެރާއި ގާތްކުރާކަހަލަ މިޔުޒިކެއް އިވޭހެންވެސް ހީވެއެވެ. ލަވަކިޔާ އަޑު ކަހަލަ އަޑެއްވެސް އިވޭހެން ހީވެއެވެ. ނަމަވެސް ކިޔާ ނުކިޔާ އެއްޗެއް ސާފުވާގޮތެއް ނުވެއެވެ. އިރުކޮޅެއްވީތަނާ ހަމްރާއު ބޮލުގައި ރިހެން ފައްޓައިފިއެވެ. ހަމްރާއުއަށް ޕެނަޑޯލް ގުޅައެއް ދީފައި ޝިފާއު އެނބުރިލިތަނާ މުޅި ދޯނިތެރެއަށް ޖާދުއްﷲ ހޮޑު ދުއްވާލައިފިއެވެ. ޝަމްއޫނު އާއި ޝިފާއު ދެމީހުންވެގެން ހޮޑުތައް ސާފުކޮށް، ޖާދުއްﷲ އަށް ކިއްލިކޮޅެއްދިނީމެވެ. ހަމްރާއު ތުރުތުއަޅާ ކަހަލަ ގޮތެއް ވާވާހަކަ ބުނެގެންގޮސް ގައިގައި އަތްޖައްސާލިއިރު ހުންއައިސް މުޅި ހަށިގަނޑު ހީވަނީ ދެންމެ ކައްކާފަ ބާލާފައި ހުރި ހޫނު ފެން ތެއްޔެއް ހެންނެވެ. ހަމްރާއުއަށް ބޭސް ދިނުމަށްފަހު ބިރު ނުގަނެ ތިބުމަށް އެންމެނަށް ނަސޭހަތް ދީ، ޝިފާއު އޭނާގެ ފޯނުން ގުރުއާން ޖެހިއެވެ. އިރުކޮޅަކުން އެންމެން ކުޑަކޮށް ހަމަޔަކަށް އެޅިލިއެވެ. ދޯނީގެ ފަހަތަށް ދިޔަތަނާ "މިޔުޒިކް ޝޯވްއަކަށް މުޅިރަށް ރިސާވްވެފައި އޮތް ރެއެއްގަ ދޯއޭ މިއާދެވުނީ!" ލާނެތް ރާގަކަށް އައްޕި ބުނެލިއެވެ. އައްޕި ބުނިހެން ދަޢުވަތަކާއި ނުލައި ޝޯވްއަށް އާދެވުމުން ޖެހުނީ ފަރު ބޭރުގައި ތިބެގެން މަންޒަރު ބެލުމަށެވެ. ފަތިސް ނަމާދުގެ ބަންގި އަށް ފޯނު އެލާމްވެ ބަންގިދިނުމާއި ހަމަޔަށް މިޔުޒިކް ޝޯވް ކުރިޔަށް ދިޔައެވެ.

ޝޯ ނިމި ހަމަހިމެންކަން ވެރިވިތާ ކުޑައިރުކޮޅަކުން، މަޑުމަޑުން ދުނިޔެމައްޗަށް އަލިކަން ވެރިވާން ފަށައިފިއެވެ. ދިމާވި ކަންތައްގަޑާއި ގުޅިގެން އިތުރަށް ދެން އެރަށުގައި މަޑު ނުކޮށް އަބުރާ ރަށަށް ނައްޓާލުމަށް އެންމެން އެދުނެވެ. ގަޑިން 6 ޖެހުމާއިއެކު ޝަމްއޫނު، އައްޕި އަދި ޝިފާއު އެއްގަމަށް ޑިންގީގައި ފައިބައި އެއްގަމަށް ގެންދިޔަ ހުރިހާ ސާމާނު ދޯންޏަށް އެރުވިއެވެ. 06:30ގައި ދޯނި ސްޓާޓްކޮށް ނަގިލި ނަގައި އަބުރާ ރަށަށް އައުމަށް ދަތުރުފެއްޓިއެވެ. ހެދުނު ސައިވެސް ބޯނެ ހޭވެރިކަމެއް ހުރި އެކަކުވެސް ނެތެވެ. ވަރުބަލިވެފައި ވުމާއިއެކު، އައްޕި، ޝިފާއު އަދި ޝަމްއޫން ނޫން އެންމެން ދޯނީގައި އެކި ތަންތަނުގައި އޮށޯވެ ނިދައިފިއެވެ. ގަޑިން 08:00 ޖެހިއިރު ދޯނި ނެރުން ވަދެފިއެވެ. 08:30 ވީއިރު ދަތުރު ދާން އެރުވި ހުރިހާ ސާމާނުތައް ދޯނިން ބާލައިގެން އެންމެން ގެއަށް ގޮސް ނިމިއްޖެއެވެ. މިއީ ބިރުވެރިކަމާއި، ނާމާންކަމުގެ އިތުރުން ހަނދާނުން ނައްތާލަން އުދަގޫވި ދަތުރެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ