
އެސްޓީއޯ އެމްއެމް ޔޫތްކަޕް 2021: އަންހެންޑިވިޝަންގައި ފައިނަލްގެ ފަހުޖާގަ ރޯޔަލް ސްޕޯޓްސް ކްލަބަށް
271233258_444141337426475_4582390975775715311_n
މާމެންދޫގައި މިހާރު ކުރިއަށްދާ އެސްޓީއޯ އެމްއެމް ޔޫތްކަޕް 2021ގެ އަންހެން ޑިވިޝަންގައި ފައިނަލްގެ ފަހުޖާގަ ރޯޔަލް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

ރޯޔަލް އިން ފައިނަލަށް ދަތުރުކުރީ ރޭ، ކްލަބް އިންވިކްޓަސް އޯސިސް 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ.
މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ރޯޔަލް ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 99، ނާޝިއާ ނަސީމް އެވެ. އަދި މި މެޗުގެ މޮޅުކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ނާޝިއާއެވެ.
ރޯޔަލް ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކުރީ ލީގުބުރުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެކަން ފާހަގަކޮށްލެވެއެވެ.
ލީގުބުރުގެ އަންހެން ޑިވިޝަންގެ މެޗެއް މިރޭވެސް ކުޅެވޭނެއެވެ. މިރޭ ބައްދަލުކުރާނީ އެފްސީ ވިކްޓޯރިއަސް އާއި ގޮމަ އެވެ. މި މެޗު ނަތީޖާ ކޮންމެ ގޮތަކަށް ނުކުތްކަމުގައިވިޔަސް މި ދެޓީމަށްވެސް ވަނީ ފައިނަލްގެ ޖާގަ ގެއްލިފައެވެ.
މިމަހުގެ 6ވަނަ ދުވަހު އަންހެންޑިވިޝަންގެ ފައިނަލްގައި ބައްދަލުކުރާނީ ކްލަބް އިންވިކްޓަސް އޯސިސް އާއި ރޯޔަލް ސްޕޯޓްސް ކްލަބް އެވެ.
މި މުބާރާތުގައި އަންހެން ޑިވިޝަންގައި 4 ޓީމެއް ބައިވެރިވެފައިވާއިރު ފިރިހެން ޑިވިޝަނުން 5 ޓީމް ވަނީ ބައިވެރިވެފައެވެ.
އެމްއެމް ޔޫތު ކަޕް 2021 މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވަނީ އެސްޓީއޯ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އުރީދޫ މޯލްޑިވްސް އެވެ.