
ގެއްލުނު ޒުވާނާ ހޯދުމަށް ގިރާވަރު ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައިފި
IMG_8835
ބޯވަ ނަގަން ފައިބައިން އުޅެނިކޮށް އިއްޔެ ގެއްލުނު ޒުވާނާ ހޯދުމަށް ގިރާވަރު ކަނޑުގެ 69.3 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

ގެއްލިގެން ހޯދަނީ ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ފޭބި ހދ. ކުމުންދޫ، އަރާއިރު، ޝުރޭހު ހަސަން، 21 އެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ، ގެއްލުނު މީހާ ހޯދުމަށް މިހާރުވެސް ހާބަރ ކްރާފްޓް އަދި ފާސްޓް އިންޓަސެޕްޓަ ކްރާފްޓް (އެފްއައިސީ) ބޭނުންކޮށްގެން މިހާރުވެސް ކުރަމުންދާކަމަށެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ، ބޮލިފުށި، ގުޅިފަޅު، ވިލިނގިލި ހުޅަނގުކަނުން ފެށިގެން ގޮސް ގިރާވަރު ކަނޑުގެ އުތުރު ކަނާ ހަމައަށް މިހާރު ބެލިފައިވާކަމަށެވެ. އެގޮތުން ގިރާވަރު ކަނޑުގެ 69.3 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާރު ބެލިފައިވާކަމަށްް އެމްއެންޑީއެފް އިން ބުނެއެވެ. އެގޮތުން މިހާރު ބަލަމުންދަނީ ސާފޭސް އެރިއާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ އިއްޔެ ހެނދުނު 08:58 ހާއިރު އެވެ. އެގަޑިން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ހުއްތުމެއް ނެތި ކުރަމުންނެވެ. އެގޮތުން އިއްޔެ ޑައިވްކޮށްގެން 55،000 އަކަ މީޓަރުގެ ސަރަހައްދެއް އަދި ސްނޯކްލިން ކޮށްގެން 36،000 އަކަ މީޓަރުގެ ސަރަހައްދެއް އެމްއެންޑީއެފުން ވަނީ ބަލާފައެވެ.