ރާއްޖޭގައި އިންޑިޔާގެ ސިފައިން އެއްވެސް ވަރަކަށް ނުތިބޭނެ ކަމަށާއި، ރާއްޖޭގައި ތިބީ އިންސާނިއްޔަތަށް މަސައްކަތް ކޮށްދޭން އައިސް އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހެލި ކޮޕްޓަރު ދުއްވަން ތިބި ބައެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް މިހެން ވިދާޅުވީ ޗެނަލް-13 ގައި އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބިކަމަށް ގަބޫލު ކުރައްވަންތޯ ކުރެވުނު ސުވާލަކާއި ގުޅިގެންނެވެ.
ހަލީމް ވިދާޅުވީ އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބިކަމަށް ހަދައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން އުޅެނީ ވަކި މަޤްސަދެއްގައި ކަމަށެވެ. އަދި މިއަދު ރައްޔިތުން އެކަން ގަބޫލު ނުކުރާނެކަމަށް ހަލީމް ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިންނަކީ އިންސާނީ ޚިދުމަތެއް ކޮށްދެއްވަން ތިއްބެވި ބައެއް ކަމަށާއި އެއީ އަސްކަރީ ކަންކަން ހިންގުމަށް ރާއްޖޭގައި ތިބިބައެއް ނޫންކަމަށް ހަލީމް ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިޔާގެ ސިފައިން އެއްވެސް ވަރަކަށް ނުތިބޭނެ ކަމަށް ހަލީމް ވިދާޅުވިއިރު، އިންޑިޔާގެ ސިފައިން ތިބިކަމަށް އެމްއެންޑީއެފްއިން ވަނީ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިންގެ އަދަދު ހާމަކުރުމަކީ އެއީ ޤާއުމީ ސަލާމަތަށް ހުިރ ނުރައްކަލެއް ކަމަށްބުނެ އަދަދު ހާމަކޮށްފައި ނުވެއެވެ.