logoEN
ކޮކާކޯލާ
ދިވެހިރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ނުފެނި ދިވެއްސެއްގެ އުމުރު ދިޔުމަކީ ހިތާމައެއް!

ދިވެހިރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ނުފެނި ދިވެއްސެއްގެ އުމުރު ދިޔުމަކީ ހިތާމައެއް!

ގާފު އެޑިޓޯރިއަލް

logo

12/14/2020, 5:15:32 PM

a11

ރާއްޖޭގެ ރީތިކަން ހަމައެކަނި އެކުލެވިގެން ވަނީ، ހާރެއްހެން އަތުރާލެވިފައިވާ ކުދި ފެހިކުލައިގެ ރަށްތަކާއި، އެރަށްތަށް ވަށިގެން އުފެދިފައިވާ ކަފަކޮޅެއްހާ ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، މަނޑު ނޫ ކުލައިގެ ބިއްލޫރިކޮޅެއް ހާ ސާފު، ހިތްގައިމު ފަޅުތަކުގައެއް ނޫނެވެ.

އަބުޅޯ

ގުދުރަތީ ރީތިކަމުގެ ލާމަސީލު، އަޖައިބުތަކުން ފުރިގެންވާ، ޖާދުވީ ހިތް ދަމައިގަންނަ މަންޒަރުތައް އެކުލެވޭ، އަދި މިމަންޒަރުތައް ބަލާ ފޫހިނުވާ، ފޮރުވިފައި އެއްތަނަކީ ރާއްޖޭގެ ކަނޑުތަކުގެ އަޑީގެ ޤުދުރަތީ ރީތިކަމެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ގިނައަދަދެއްގެ ފަތުރުވެރިން، އެތަކެއް ހާސް ޑޮލަރު ޚަރަދުކޮށްފައި، މިކުޑަކުޑަ ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމުގެ މައިގަނޑު މަޤްސަދަކަށް ވަނީ ދިވެހިރާއްޖޭގެ ކަނޑުތަކުގެ ޖާދޫވީ ރީތިކަން ހަމަލޮލަށް ދެކިލުމެވެ. އަހަރަމެން ދިވެހިންނަކީ ކިހާ ނަސީބުވެރި ބައެއް ހެއްޔެވެ؟ ފަތުރުވެރިން ބޮޑު އަގެއްދީފައި، ރާއްޖޭގެ ކަނޑުތަކުގެ ރީތިކަން ދެކިލުމަށް ޒިޔާރަތްކުރާއިރު، އެއްވެސް އަގެއް ނުދީ ބޭނުން އިރެއްގައި ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން އަހަރަމެންނަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ.

undefined

ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު ކުލަތަކާއި މަސްތަކާއި މުރަކަ އާއި ގާތަކުގެ ވާހަކަ، ފުރަތަމަ އިވެންފެށީ ރާއްޖެއަށް ޓުއަރިޒަމް ތަޢާރަފްވި ހިސާބުންނެވެ. ނަމަވެސް ހިތާމަޔާއެކު ފާހަގަ ކުރަންޖެހެނީ ރާއްޖޭގެ އާބާދީގެ %90 އިންސައްތަ ދިވެހިންނަށް އެ ރީތިކަން ހަމަ ލޮލުން ބަލާލުމުގެ ފުރުޞަތު ލިބިފައި ނުވާކަމެވެ. އެހެންކަމުން ގިނަ ދިވެހިންގެ އުމުރު ހުސްވެގެންދަނީ އަމިއްލަ ގައުމުގެ އެ ހިތްގައިމު މަންޒަރުތައް ހަމަލޮލަށް ނުފެނި އެވެ. ދިވެއްސަކަށް ވެފައި ދިވެހި ކަނޑުގެ ރިތީ މަންޒަރު ބަލަން ފުރުޞަތު ނުލިބުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ. ދިވެއްސަކަށް ވީތީ ވެސް އެ ރީތިކަން ދެކިލުމަކީ މުހިންމު ކަމެވެ. އެ ނަސީބު ހޯދުމަކީ ކޮންމެ ދިވެއްސަކުވެސް ކުރުން އެންމެ ރަނގަޅު ކަމެކެވެ.

undefined

ކަނޑު އަޑީގެ ރީތިކަމުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް ހަމަލޮލަށް ފެނުމުން ނޫނީ އެރީތިކަމާއި ހިތްގައިމުކަން ހިތްމައްޗަށް ގެނައުމަކީ ފަސޭހަކަމެއް ނޫންކަން ޚުދު އަހަންނަށްވެސް ޤަބޫލުކުރެވުނެވެ. ނަސީބު ކަންދިމާކުރިގޮތުން ރިސޯޓެއްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތެއް އަހަންނަށް ލިބުނެވެ. ޑައިވިން ކުރުމަށް ނުވަތަ އަޑިޔަށް ފީނުމަށް ފުރުޞަތު ލިބުނީ ރިސޯޓުގެ ޑައިވް ބޭސް ލީޑަރ އަކަށް އުޅުއްވި ފްރާންސްގެ ބޭފުޅެއްގެ ސަބަބުންނެވެ. ގިނަ ދިވެހިންނެކޭ އެއްގޮތަށް އަހަންނަށްވެސް ޤަބޫލުކުރެވިފައި އޮތީ ފީނުމަކީ އެހާ ރައްކާތެރި ކަމެއް ނޫންކަމަށެވެ. ނަމަވެސް ޑައިވް ސެންޓަރުން ހިންގި އޯޕަން ވޯޓާ ޑައިވިން ކޯސް ފުރިހަމަކުރުމުން ވިސްނުން މުޅިން ބަދަލުވިއެވެ. މިއީ ރައްކާތެރިކަމާއެކު ކުރެވިދާނެ ކަމެއްކަމާއި، އަދި މިކަން އަހަންނަށްވެސް ކުރެވިދާނެކަމެއްކަން އަހަންނަށްވެސް ޤަބޫލުކުރެވުނީ މިހިސާބުންނެވެ. އޯޕަން ވޯޓާ ޑައިވް ކޯސް ނިމި، ފީނުމުގެ ލައިސަންސް ލިބުމުން އަމިއްލަ ނަފްސަށް އޮތް އިތުބާރު އިތުރުވެގެން ދިޔައެވެ. ފީނުމުގެ ކޯސް ހެދިއިރު އެންމެ އުދަގޫ ކަމަކަށް ދިމާވި ކަމަކީ މޫދުގެ ލޮނުގަނޑުގެ އަޑީގައި މާސްކް އެއްކޮށް ނަގައި އަލުން އަޅުވައި، މާސްކުގެތެރޭގައި ހުންނަ ލޮނު ބޭރުކޮށް ހުސްކުރުމެވެ. ވަރަށް ގިނަ ފަހަރުގެ ފަރިތަކުރުންތަކާއެކު މިކަންވެސް ދަސްކުރެވުނެވެ.

undefined

ރިސޯޓުގެ ފަރަށް ފުރަތަމަ ފީނި ފީނުމުނެވެސް، އަހަންނަށް ފެނިގެން ދިޔައީ އޭގެ ކުރިން ދުނިޔެ އިން ނުދެކޭ ވަރުގެ ރީތި މަންޒަރުތަކެވެ. އެއީ އަޖައިބެއް ކަހަލަ ރީތި ކަމެކެވެ. އެ ހިތްގައިމު މާހައުލުގައި ވަގުތު ހޭދަކުރާއިރު ސިކުނޑި އަށް ހަމަޖެހުން ލިބި މީހާ ތާޒާވެގެން ދެއެވެ. ފުރަތަމަ ފީނުމުންވެސް ނުތަނަވަސް ކަން ފިލާ ދިޔުމުގެ އިޙްސާސް ކުރެވުނެވެ. އާންމުކޮށް ޑައިވިން އަކަށް ހޭދަވަނީ 45 ވަރަކަށް މިނެޓްގެ ވަގުތުކޮޅަކަށް ވީނަމަވެސް، އެއަށްވުރެ ގިނަ ވަގުތު އަޑީގައި އޮވެވޭނެ ނަމައޭ ހިތަށް އަރައެވެ. ފުރަތަމަ ފީނުން ނިމުމުން ދެވަނަފަހަރަށްވެސް އެރީތި މަންޒަރު ބަލަން ދާހިތްވިއެވެ. އެއީ ހަމަ އިންސާނަކު ބަލައި ފޫހި ނުވާނޭ މަންޒަރުތަކެކެވެ.

undefined

ވަޒީފާ އަދާކުރި ރިސޯރޓްގެ ފަރުގައި އުފެދިފައިވާ ހޮހަޅައަކީ އަހަންނަށް ފީނުނު އެންމެ ރީތި ތަންތަނުގެ ތެރޭގައި ހިމެނޭ އެއްތަނެވެ. ރިސޯރޓް ފަރުގެ އެތެރެއަށް 25 ވަރަކަށް ފޫޓަށް އެތެރެއަށް ވަދެވޭގޮތަށް ހެދިފައި ހުންނަ މިހޮހަޅައަށް ވަދެ ނުކުމެވެނީ 05 ވަރަކަށް ފޫޓް ފުޅާމިނުގައި ހެދިފައި ހުންނަ ބާގަނޑަކުންނެވެ. އެތެރެއަށް އެއްވަރަކަށް ފުޅާކޮށް ހުންނަ މިހޮހަޅައިގައި، 12 ވަރަކަށް ފީނުންތެރިންނަށް އުދަނގޫ ކަމެއް ނެތި އުޅެވޭ ވަރަށް ޖާގަ ތަނަވަސްވެފައިވެއެވެ. ހޮހަޅައިގެ ތެރެއަށް ވަނުމުން ދުވާލުގެ އަލިކަން އެއްކޮށް ކެނޑިގެންދާއިރު، ހޮހަޅައިގެ އެތެރޭގެ ފާރުގެ ވަށައިގެންވާ ފަރުގެ ގާތަކުން، އޭގައި ގުދުރަތުން ލައްވާފައިވާ ދިރުމުން އެކި ކުލަ ކުލައިން ދިއްލިފައި ހުންނައިރު، ޖާވާހިރާއި ޔާގޫތުން ފުރިފައިވާ ޚަޒާނާއަކުން އަލިއެޅުމުން ދިއްލިފައި ހުންނަހެން ތަފާތު ކުލަކުލައިން ދިއްލިފައި ހުރެއެވެ. މިއީ އިންސާނަކު ބަލައި ފޫހި ނުވާނޭހާ ރީތި މަންޒަރަކެވެ. ރޭގަނޑު އުޑުން ފިޔަޖަހާ ތަރިތައް ފެންނަ މިސާލުގައި، ފަރުގެގާތަށް އެކިކުލަ ކުލަޔަށް ބަދަލުވެއެވެ. ދުވާލުގެ އަލިކަން ހޮހަޅަޔަށް ނުފޯރާތީ އެތެރޭގައި އުޅެންޖެހެނީ ޑައިވިން ބައްތި ދިއްލައިގެންނެވެ.

undefined

undefined

ނުރައްކާތެރި މަސްމަހާމެހީގެ އެއްވެސް ބާވަތެއް ދިރިނޫޅޭ މިހޮހަޅަޔަކީ ދުވާލަކު އެތަކެއް ޑައިވަރުން ވަދެ ނުކުމެ ހަދާ، މުޅި އެސަރަޙައްދަށް މަޝްހުރު ޑައިވިން ޕޮއިންޓެކެވެ. މިހޮޅައިގެ އެންމެ ޚާއްސަ ސިފަޔަކީ، ކުދި މަސްތައް ބައިގަނޑުތަކަށް، އެކިދުވަހު އެކި ވައްތަރުގެ ކުދި މަސްތައް ހޮހަޅަ އަށް ފުރި ބާރުވަންދެން ވަންނަކަމެވެ. ކުދިމަސްތައް ވަދެ ބާރުވެފައި އޮންނައިރު، ހޮހަޅަޔަށް ވަންނަ ޑައިވަރުންގެ ކޮންމެ ހަރަކާތަކަށް، މަސް ބައިގަނޑަށް އަންނަ ވައިބްރޭޝަނެއް ހެން ނުވަތަ ރާޅެއްހެން މުޅި ހޮހަޅަޔަށް ފެތުރިގެން ދާ މަންޒަރަކީ އާދަޔާ ޚިލާފު މަންޒަރެކެވެ. ޑައިވަރަކު އެންމެ އިނިގިއްޔަކަށް ގެންނަ ހަރަކާތަކުންވެސް ފެތުރިގެންދާ ވައިބްރޭޝަނެއް ހެއް ނުވަތަ ރާޅެއް ހެން ކުދި މަސްތަކަށް އަންނަ ހަރަކާތް ބަލާ ފޫހި ނުވެއެވެ. މައްޗާއި ހޮހަޅައިގެ ވަށައިގެންވާ ފާރުން ދިއްލޭ އަލިތަކަށް ނަޒަރު ހިންގާލުމުން ބައެއް ފަހަރު އުޑުމަތިން ފެންނަ ފިޔަޖަހާ ތަރިތައްހެން ވިދާ ބަބުޅާއިރު، ފެންނަ ރީތި މަންޒަރުން މިއުޅެވެނީ ދުނިޔޭގައި ބާއޭވެސް ހިތައް އަރައެވެ. މިފަދަ ރީތި މަންޒަރުތައް އަހަރަމެން ދިރިއުޅޭ ރާއްޖޭގެ ކަނޑުތަކުގައި ގުދުރަތުން ލައްވާފައި ވާއިރު މިމަންޒަރު ބަލާލުމުގެ ނަސީބު އަހަރަމެން ދިވެހިންނަށް ލިބިފައި ނުވުމަކީ، ހިތާމައެކެވެ.

undefined

ގިނަ ބަޔަކަށް ވިސްނިފައި އޮންނަ ގޮތުގައި ކަނޑު އަޑި އަކީ ބިރުވެރި ތަނެކެވެ. އަހަންނަށްވެސް ކުރިން ވިސްނިފައި އޮތީ އެގޮތަށެވެ. ކަނޑަކީ ބިރުވެރި މަސްމަހާ މެހި އުޅޭ، މިޔަރު ފަދަ އެއްޗެހި ދަތް އަޅާ މީހުންނަށް ހަމަލާ ދޭ މާހައުލެއް ގޮތުގައެވެ. ނަމަވެސް ހަޤީގަތަކީ، މިޔަރެއް ދަތް އަޅައިގެން މަރުވާ މީހުނަށް ވުރެ ކާއްޓެއް ބޮލަށް ވެއްޓިގެން މަރުވާ މީހުން ވެސް ގިނައެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ މިފަދަ ހާދިސާތަކަކީ ވަރަށްވެސް މަދުފަހަރެއްގައި ނޫނީ ދިމާނުވާ ކަމެކެވެ. ޑައިވިން އިންސްޓްރަކްޓަރުންގެ ބަހަކީ، ކަނޑު އަޑި އަކީ ތަފާތު މަސްމަހާމެހި ދިރިއުޅޭ މާހައުލަކަށް ވެފައި އެ މާހައުލުގައި އެ އެއްޗިއްސަށް އިންސާނުންގެ ފަރާތުން އެގިގެން ނުވަތަ ނޭގި ނަމަވެސް އުނދަގުލެއް ކުރިމަތި ނުވާހިނދެއްގައި އެތަކެތީގެ ފަރާތުން އެއްވެސް ނުރައްކަލެއް ނުފޯރާނެކަމަށެވެ. ޑައިވްކުރާ މީހުންނަށް ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމުކަމުން ބިރެއް ނުފެނެ އެވެ. ގިނަ ގިނައިން ފީނާވަރަކަށް، ކަނޑުގެ މާހައުލުދެކެ އެމީހުންގެ ލޯބި އިތުރުވެއެވެ.

undefined

ދިވެހިންނަށް ދޭންބޭނުންވާ ނަސޭހަތަކީ، ރާއްޖޭގައި ހުރި އެފަދަ ރީތި މަންޒަރުތައް ބަލައިލަން މޫދަށް އެރި ހެދުމަށެވެ. ފީނުމުގެ ކޯހެއް ހެދުމަކީ މިހާރު އެހާ އުދަނގޫ ކަމަކަށް ނުވާތީ، ރަނގަޅަށް ޓްރެއިންނިންގ ހެދުމަށްފަހު ފީނާށެވެ. ފީނުމަކީ އަހަރަމެން ދިރިއުޅުމުގައި ދިމާވާ ހާސްކަން ފިލުވައިލުމަތް އޮތް އެންމެ ރަނގަޅު ފަރުވާ އެވެ. ފީނުމުގެ ކޯހެއް ކޮންމެހެން ނެހެދި ކަމުގައިވިޔަސް، ފިންސް އަދި މާސްކް އަޅައިގެން ފަރުމައްޗަށް ފީނާލުމުންވެސް، ދިވެހިރާއްޖޭގެ މޫދު އަޑީގެ ރީތިކަން ސިފަކުރެވިގެން ދާނެއެވެ. ދިވެހި ކަނޑުފަޅުތަކުގެ މަސްމަހާމެއްސާއި، ތަފާތު އެކި ކުލަކުލައިން ޖަރީވެފައިވާ ފަރުގެ ހިތްގައިމު ބަގީޗާ ސިފަވެގެން ދާނެއެވެ. އެއް ފަހަރަކު ނަމަވެސް ފީނުމުގެ ފުރުޞަތު ލިބިފައިވާ މީހަކު މިކަމާ ދެކޮޅު ނަހަދާނެއެވެ.

undefined

ކަނޑު އަޑީގެ ރީތި މަންޒަރަކީ ދިވެހިން ފޮޓޯ އާއި ވީޑިއޯ ބަލާއެއްޗެއްގެ ގޮތުގައި ނުހަދައި، ދިވެހި ކަނޑުފަޅުގެ ޖާދޫވީ ހިތްޤައިމު މަންޒަރުތައް ހަމަލޮލުން ބެލުމުގެ ފުރުޞަތު ހޯދާށެވެ. ދިވެހިރާއްޖޭގެ ސަރަޙައްދަށް ބަލާއިރު، %99 އިންސައްތަޔަކީ މާކަނޑެވެ. މިހެންކަމުން ކޮންމެ ދިވެއްސަކީ މޫދަށް ފަރިތަ، ފަތަން ދަންނަ މީހަކަށް ވުމަކީ، ދިވެއްސަކަށް ވީތީވެސް ކުރަންޖެހޭ ކަމެކެވެ. ބައެއް ފީނުންތެރިން ސިފަކުރާ ގޮތުގައި، ރާއްޖޭގެ ކަނޑު ފަޅުގެ ރީތިކަން ހަމަލޮލަށް ނުފެނި، ދިވެއްސަކު އުމުރު ހޭދަކުރުމީ މޮޔަ ކަމެކެވެ. ދިވެހި ރާއްޖޭގެ ކަނޑު އަޑީގެ ޤުދުރަތީ ރީތިކަން ހަމަލޮލަށް ނުދެކި، ދިވެއްސަކު އުމުރު ދުއްވާލުމަކީ ހަޤީޤަތުގައިވެސް ހިތާމަ ހުރި ކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ