65 މެމްބަރުން ދިނީ ހެއްޔެވެ؟ ނޫނީ ލިބުނީ ހެއްޔެވެ؟

އެޑިޓަރުގެ ނޯޓު: މި ލިޔުމަކީ ސަޢުދުﷲ ޙިލްމީ، ގާފުގެ ކޮލަމަށް ލިޔެފައިވާ ލިޔުމެެކެވެ.

19 ވަނަ ރައްޔިތުންގެ މަޖްލީހަށް 87 މެމްބަރުން ހޮވުމަށް 2019 ވަނަ އަހަރު ބޭއްވުނު އިންތިޚާބުގައި 65 ގޮޑިއަށް ހޮވުނީ އެމްޑީޕީ ގެ ޓިކެޓްގައި ވާދަކުރި ފަރާތްތަކެވެ. މިއީ ފަހުގެ ތާރީޚެއްގައި މަޖްލީހުގެ މިފަދަބޮޑު މެޖޯރިޓީއެއް އެއް ޕާޓީއަކަށްލިބުނު ފުރަތަމަ ފަހަރެވެ. މިގޮތަށް މިކަންވުމުން 65 މެމްބަރުން އެމްޑީޕީ އަށް ރައްޔިތުންދިނީ އެވެނި މިވެނި ކަމެއްކުރުމަށް ކަމަށްބުނެ ގިނަބަޔަކު ވާހަކަދައްކަމުން ގެންދާއިރު ޚުދު އެމްޑީޕީ އިންވެސް އެގޮތަށް ވާހަކަދައްކަމުން ގެންދާކަން ފާހަގަކުރެވެއެވެ. ސުވާލަކީ ޙަޤީޤަތުގައިވެސް ރައްޔިތުން އެމްޑީޕީ އަށް 65 މެމްބަރުން ދިނީ ހެއްޔެވެ؟ ނޫނީ އެކި ކަންތައް އެކިގޮތަށް މެދުވެރިވެގެން އިއްތިފާގަކުން ލިބުނީހެއްޔެވެ؟ ނުވަތަ ރައްޔިތުން ކިޔަނީ އެމްޑީޕީ އަށް ވޯޓްދިން މީހުންނަށް އެކަނިހެއްޔެވެ؟

ދެހާސް އަށާރަ ވަނަ އަހަރުގައި ބޭއްވުނު ރިޔާސީއިންތިޚާބަށް އެއިރު އިދިކޮޅުގައިތިބި ހުރިހާ ޕާޓީއަކުން ނިކުތީ ކޯލިޝަނެއްގެ ގޮތުގައި ކަންތައްތަކަކަށް އެއްބަސްވެގެންނެވެ. އެއްބަސްވުންތައް ހެދުނީ އެއިރުގެ ރިޔާސީކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙް އާއި ވަކިވަކި ޕާޓީތަކާއި ދެމެދު، ހުރިހާޕާޓީތަކުންވެސް އެއްބަސްވެވުނު ކަންތައްތަކުގެ މައްޗަށެވެ.

އެގޮތުން ރިޔާސީކެނޑިޑޭޓް އާއި އޭނާގެ ރަނިންމޭޓް އާއި މަޖްލިސްގެ ރައީސާއި ނައިބްރައީސް އަކަށް ހަމަޖައްސާނީ ކޮންޕާޓީއެއްގެ މީހުންކަމާއި ވަޒީރުންގެ މަޖްލިސްއަށާއި ސިޔާސީމަޤާމްތަކާއި ކުންފުނިތަކަށް އެކިފާޓީތަކުން އައްޔަންކުރާނެ ޕަސެންޓާއި 2019 ގެ މަޖްލިސްއިންތިޚާބާއި 2020 ގެ ލޯކަލްކައުންސިލް އިންތިޚާބުގައި ޕާޓީތަކުން ވާދަކުރާނެ ޕަސެންޓް ކަނޑައަޅައި އެއްބަސްވެފައިވެއެވެ. އެ އެއްބަސްވެފައިވާ ގޮތާ އެއްގޮތަށް 2019 ގެ މަޖްލިސްއިންތިޚާބާ ހަމަޔަށް ކުރަންޖެހުނު ހުރިހާކަމެއް ކުރެވިފައިވީނަމަވެސް މަޖްލިސް އިންތިޚާބާ ހަމައިން އެމްޑީޕީ އިން އެ އެއްބަސްވުމާއި މުޅިންޚިލާފްވެ އަދި އެއްބަސްވުމެއް ހަދާފައިނުވާނެ ކަމަށްވެސް ބުނަންފެށިއެވެ. އެކަމަކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ރިޔާސީކެނޑިޑޭޓަކަށް އެމްޑީޕީ ގެ ބޭފުޅަކު  އޭނާގެ ރަނިންމޭޓްއަކަށް ޖޭޕީ ގެ ބޭފުޅަކު، މަޖްލިސްގެ ރައީސްކަމަށް ޖޭޕީ ގެ ބޭފުޅަކު ހަމަޖައްސައި އަދި ވަޒީރުންގެ މަޖްލީހަށްވެސް އެއްބަސްވުމުގައިވާ ޕަސެންޓާ އެއްގޮތަށް ބޭފުޅުން އައްޔަން ކުރެވިފައިވެއެވެ. އެކަންތައްތައް ކުރެވިފައިވަނީ އެމްޑީޕީ އިންވެސް ރުހި ޤަބޫލްވެ ތާއީދުކޮށް އަދި ވޯޓް ދޭންޖެހުނު ކަންތައްތަކަށް ވޯޓްވެސް ދީގެންނެވެ.

ނަމަވެސް އެއްބަސްވުމުގައި އެމްޑީޕީ ގެ ފަރާތުން ސޮއިކޮށްފައިވާ އެޕާޓީގެ ޗެއަރޕާސަން ޙަސަން ލަޠީފް އެއްބަސްވުމެއް ނޯންނާނެކަމަށް ބުނެ އަދި ހުރިހާ ދާއިރާތަކަށް ވާދަކުރުމަށް އެމްޑީޕީގެ ޤައުމީމަޖްލީހަށް ރައީސް މުޙައްމަދު ނަޝީދު ހުށަހަޅައި ޤައުމީ މަޖްލީހުން އެގޮތަށް ފާސްކުރުމުން އެހެންޕާޓީތަކަށް ބޮޑު ސިހުމެއް ލިބުނުކަމަށާއި އެއްބަސްވުންތަކުގައި އެއްފަރާތުން ސޮއިކުރައްވާފައިވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ޤައުމީމަޖްލީހުން ނިންމި އެ ނިންމުމާ ވަރަށްބޮޑަށް ހިތްޕުޅާނުވެ ޚިޔާލުތަފާތުވެފައިވާ ކަމަށްވެސް އެއިރު ވާހަކަދެކެވުނެވެ. ނަމަވެސް ފަހުންފެނުނީ އެމްޑީޕީ ގެ ޤައުމީ މަޖްލިސް އިން ނިންމި ނިންމުމާއި އެއްގޮތަށް އަދި ކޮންމެވެސް ސަބަބަކާހުރެނަމަވެސް އެމަނިކުފާނު ސޮއިކުރައްވާފައިވާ އެއްބަސްވުމާޚިލާފަށް ޚުދު އެމަނިކުފާނުވެސް ކަންތައްތައް ކުރައްވައި އެމްޑީޕީ ގެ ކެނޑިޑޭޓުންނަށް ކެމްޕެއިންކޮށްދެއްވިތަނެވެ. އެމަނިކުފާނުގެ ސަރުކާރުކޯލިޝަނުގެ އެހެން އެއްވެސް ޕާޓީއެއްގެ ކެނޑިޑޭޓަކަށް އެމަނިކުފާނު  ކެމްޕެއިން ކޮށްދެއްވިތަނެއް ނުފެނެވެ.

ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ރާއްޖޭގައި އެއް ޕާޓީއަކަށް އެންމެގިނަ ރައްޔިތުން ތާއީދުކުރާ ޕާޓީއަކީ އެމްޑީޕީ ކަމެވެ. އެހެންކަމުން އިންތިޚާބުގައި ވަކިވަކިޕާޓީތަކުން އެއްދާއިރާއަކަށް ވާދަކޮށްފިނަމަ ގިނަދާއިރާތަކުން އެންމެގިނަވޯޓް ލިބޭނީ އެމްޑީޕީ އަށް ނަމަވެސް ޕީޕީއެމް އާއިގުޅިގެން އެހެންޕާޓީއަކުން ނުވަތަ ޕާޓީތަކުން ވާދަކޮށްފިނަމަ އެމްޑީޕީގެ ކެނޑިޑޭޓަށްވުރެ ގިނަވޯޓް ލިބޭނީ ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓަށެވެ. ކަންއެހެން އޮތްނަމަވެސް އެއިރު ރާއްޖޭގެ ސިޔާސީ މަސްރަޙް އޮތީ ޕީޕީއެމް އާއެކު އެހެންޕާޓީއަކުން ނުވަތަ އެހެންޕާޓީ އަކާއެކު ޕީޕީއެމް އިންވެސް ކޯލިޝަން ހެދޭ ކަހަލަގޮތަކަށް ނޫންކަމަށް އެމްޑީޕީ އަށް ރަނގަޅަށް އެނގޭތީ އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ވެފައިވާ އެއްބަސްވުމާ ކަޑައެޅިގެން ޚިލާފަށް ވަކިން އިންތިޚާބަށް ނިކުތުމަށް އެމްޑީޕީ އިން ނިންމި ނިންމުމަކީ ޙީލަތްތެރި ނިންމުމެއްކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. އެހެންކަމުން ދާއިރާތަކަށް ވަކިވަކިޕާޓީތަކުންނާއި އަމިއްލަ ކެނޑިޑޭޓުން ވާދަކުރުމުން އެކަމުގެ ހުރިހާ ފައިދާ އަކާއި މޮޅެއްލިބި އެދާއިރާތަކުން އެއް ކެނޑިޑޭޓަކަށް އެންމެ ގިނަ ވޯޓް ލިބިގެން މަޖްލީހަށް ހޮވުނީ އެމްޑީޕީ ކެނޑިޑޭޓެވެ.

ހަމައެހެންމެ އެކެނޑިޑޭޓުންނަށް ގިނަވޯޓް ލިބުމުގައި ސަރުކާރުގެ ނުފޫޒުގަދަ މިނިސްޓްރީތަކުގެ މިނިސްޓަރުންގެގޮތުގައި އާއި ނުފޫޒުގަދަ ކުންފުނިތަކުގެ އެމްޑީ އިންގެގޮތުގައިވެސް އަދި ރައީސްއޮފީހުގެ ނުފޫޒުގަދަ މަޤާމްތަކުގައިވެސް ތިބީ އެމްޑީޕީ ގެ ބޭފުޅުން ކަމުގައިވާތީ އެބޭފުޅުންގެ "ދައުރުވެސް" ވަރަށްބޮޑެވެ. އަދި ވޯޓާ ހިސާބަށް ދިޔައިރު ޕީޕީއެމް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ގެ އެކައުންޓް ފްރީޒްކޮށްފައިވުމާއި އެމްޑީޕީ ފިޔަވައި ކޯލިޝަންގެ އެހެންޕާޓީއެއްގައި އިންތިޚާބަށް ޚަރަދުކުރާނެ ފައިސާއެއް ނެތުމަކީވެސް އެމްޑީޕީ ގެ ކެނޑިޑެޓުންނަށް ގިނަވޯޓް ލިބުމަށް މެދުވެރިވި އެއް ސަބަބެވެ.  

ދެހާސް ނަވާރަ ވަނަ އަހަރު ބޭއްވި މަޖްލިސް އިންތިޚާބުގައި ކެނޑިޑޭޓުންނަށް ވޯޓް ލިބިފައިވާ ގޮތަށް ބަލާއިރު ވަރަށްގިނަ ދާއިރާތަކުން އެމްޑީޕީ ގެ ކެނޑިޑޭޓަށްވުރެ އެހެން ހުރިހާ ކެނޑިޑޭޓުންނަށް ލިބުނު ޖުމްލަ ވޯޓް ގިނައެވެ. އެހެންކަމުން މަތީގައި ދެންނެވިފައިވާ "ދައުރާ'" އެކުވެސް ގިނަ ރައްޔިތުން ވޯޓް ދީފައިވަނީ އެމްޑީޕީ އަށޭ ދެންނެވޭކަށްނެތެވެ. ކަންމިހެން އޮތުމުން އެމްޑީޕީ އަށް 65 މެމްބަރުން ރައްޔިތުން ދިނީއޭ ބުނެވެން އޮތްކަމަށް ނުފެނެއެވެ. ބުނެވެންއޮތީ 65 މެމްބަރުން އިއްތިފާގުން ލިބުނީކަމަށެވެ. ނޫނީ ވަޢުދާއި ޚިލާފަށް 65 މެމްބަރުން "ދަމައިގަތީ" ކަމަށެވެ. 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް