logoEN
cocacola
ގިނަ ބަޔަކު ގެންގުޅޭ ނުރައްކާތެރި ރަޙްމަތްތެރިޔަކު އެނގޭތަ؟

ގިނަ ބަޔަކު ގެންގުޅޭ ނުރައްކާތެރި ރަޙްމަތްތެރިޔަކު އެނގޭތަ؟

ގާފު އެޑިޓޯރިއަލް

logo

12/13/2020, 6:01:01 PM

muslim-married-couple-together

ގިނަ ބައެއްގެ މެދުގައި މަޤްބޫލު، ގިނަ ބަޔަކާއި ގުޅުން އޮންނަ މީހަކު ރައްޓެއްސެއް ގޮތުގައި ލިބުމަކީ ކޮންމެ މީހަކުވެސް ފަޚުރުވެރިވާނެ ކަމެކެވެ. ޒަމާނީ ފެޝަނަށް ލޯބިކުރާ ގިނަ ޒުވާން ފިރިހެން ކުދިންނާއި އަންހެން ކުދިން ގަޔާވާ، ތަފާތު އެކި ނަސްލުގެ މީހުން، ކުޑަދިން، އަދި އުމުރުން ދުވަސްވީ މީހުންގެ މަޤްބޫލުކަން ހޯދާފައިވާ ރަޙްމަތްތެރިއަކު ލިބުމަކީ، އިޙްސާނު ގަޓުހުރި ފިރިހެނަކަކަށް ވުމަށް މެދުވެރިވީ ސަބަބެއްކަމުގައި އިޙްސާނު ދެކެއެވެ.

ގޮސިޔާ

ރަޙްމަތްތެރިޔާ އާއި ގުޅުން ބާއްވަން ފެއްޓި ފުރަތަމަ ދުވަސްކޮޅުގައި، ކެއްސައި، ކަރުތެރެ ސަކަރާތްވެ، އަރިދަފުސް އަޅައިގަތުން ކަހަލަ އުދަނގޫތައް ވުމާއި ގުޅިގެން ރަހުމަތްތެރިޔާ އަށް އެހާ ވަގުތުނުދެވެއެވެ. މިފަދަ އުދަނގޫ ތަކަކީ ދިރިއުޅުމަށް އައި ބަދަލުތަކާއި ގުޅިގެން ރަޙްމަތްތެރިޔާގެ ފަރާތުން ކުރިމަތިވި ކަމެއްގެ ގޮތުގައި ފުރަތަމަކޮޅު ހީވިއެވެ. ނަމަވެސް ފަހުން ރަޙްމަތްތެރިޔާ ވެގެންދިޔައީ އިޙްސާނުގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް އެހީތެރިއާ ކަމުގައެވެ. ނަމަވެސް ދެތިން ފަހަރެއްގައި ލޯބިވެރިޔާގެ ބަހަށް ހެއްލި ރަހްމަތްތެރިޔާއާއި ގުޅުން ކުޑަވެގެން ދިޔައެވެ. ނަމަވެސް ރަޙްމަތްތެރިޔާ އާއި އިޙްސާނުގެ ދެމެދަށް ވަދެ ގުޅުން އެއްކޮށް ކަނޑާލުމަކީ އެއްވެސް މީހަކަށް އަދި ޚުދު އިޙްސާނަށްވެސް ވެދާނެކަމެއް ކަމަށް އިޙްސާނަށް ޤަބޫލުނުކުރެވެއެވެ.

އިންސާނުންނަކީ ފާޑެއްގެ ބަޔެކެވެ. ހެޔޮކަމެއް ކޮށްދޭ މީހާގެ ރަގަޅުވާހަކަ ދެއްކުމުގެ ބަދަލުގައި އެމީހެއްގެ ގޯސް ސިފަތަކާއި، ތަންދޮރު ނުބަލައި ދޮގު އިލްޒާމް މީހުންގެ ބޮލުގައި އަޅުވައެވެ. އެމީހެއްގެ ފަރާތުން ބޭނުންވާ ކަމެއް ހާސިލްކުރުމަށްފަހު އެހީވެދިން މީހާގެ ހުންނަ އުނިއިތުރު ސިފަތަކުގެ ވާހަކަ ދެއްކުމަކީ އިންސާނީ ޠަބީއަތެވެ. ދެރަކަމަކީ މީހަކު އަރިދަފުސް އަޅައިގެން ކެއްސާތީ ޑޮކްޓަރަކަށް ދައްކާލިޔަސް، މީހަކު ބައްޔެއްޖެހިގެން މަރުވިޔަސް، އެމީހާ އިޙްސާނުގެ ރަޙްމަތްތެރިޔާ ފަދަ ރައްޓެއްސަކާ ގުޅުން އޮންނަ މީހެއްކަން އެގިއްޖެނަމަ، ދިމާވެގެން އުޅޭ ހުރިހާ ކަމެއްގެ އިލްޒާމް ރަޙްމަތްތެރިޔާގެ ބޮލުގައި އަޅުވާކަމެވެ. އަދި މީގެ ފަހުން އެފަދަ ރަޙްމަތްތެރިންނާއި ގުޅުން ނުބާއްވަން ނަސޭޙަތްވެސްދެއެވެ. އަދި ހައިރާން ވާންޖެހޭ ކަމަކީ މިފަދަ ވާހަކަތައް ދައްކައި، ދޮގު އިލްޒާމް މީހުންގެ ބޮލުގައި އަޅުވާ، މޮޅެތި ޑޮކްޓަރުންނާއި، ހޭލުންތެރި މީހުން އިޙްސާނުގެ ރަޙްމަތްތެރިޔާ ފަދަ މީހުންނާއި ފާޅުކަންބޮޑު ގޮތެއްގައި ގުޅުން ބާއްވާކަމެވެ.

15 އޮކްޓޯބަރު ވާ ބުރާސްފަތި ދުވަހަކީ އިޙްސާނު އެންމެ ލޯބިވާ ސާރާގެ 20 ވަނަ އުފަންދުވަސް ކަމުން، ބަރާބަރު 12 ޖަހާއިރު ސާރާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް ހަދިޔާއެއް ހިފައިގެންދާން ނިންމިއެވެ. އެއަރ ފްރައިޓްކޮށްގެން ސާރާއަށް ދިނުމަށް އިޙްސާނު ހޯދި ޚާއްސަ ރަތް ފިނިފެންމަލުގެ ގުލްދަސްތާއެއް ޑްރެސިންގ ޓޭބަލް މަތީގައި އޮތެވެ. އެގުލްދަސްތާގައިވާ ރަތް ފިނިފެންމަލުގެ ފިޔަތަކުގައި އަތުން ބީހިލުމުން، ސާރާގެ އޮމާން ކޯތާފަތުގައި އަތްލެވޭ ހެން އިޙްސާނަށް ހީވިއެވެ. ޑްރެސިންޓޭބަލްގެ އަނެއްފަރާތުގައި ކުޑަފޮއްޓެއްގައި ޕާރުސަލް ކޮށްފައިވާ ހަދިޔާ އަކީ ސާރާއަށް ދިނުމަށް ތައްޔާރުކުރެވިފައިވާ ސަޕްރައިޒް ގިފްޓެވެ. އެކުޑަ ފޮށީގައި ބަންދުކުރެވިފައިވަނީ އިޙްސާނުގެ ހިތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިރެޔަކީ ސާރާޔާއި އިޙްސާނުގެ 02 އަހަރުވީ ލޯބި އެންގޭޖްމަންޓަކަށް ބަދަލުކޮށް، ސާރާ އާއި ކައިވެނި ކުރުމަށް ހުށަހަޅަން އިޙްސާނު ނިންމާފައިވާ ރެއެވެ. 11 ޖެހުމުން އިޙްސާނު ރަނގަޅަށް ފެންވަރައި، ސާރާ އެންމެ ގަޔާވާ ނޫކުލައިގެ އަތްދިގު ގަމީސް ލައި، ބެގީކޮށް، ބޫޓަށް އަރާލުމަށްފަހު، ސާރާ އެންމެ ގަޔާވާ "ބްލޫ ދި ޗެނަލް" ސެންޓް ރަނގަޅަށް ޖަހާލުމަށްފަހު ގުލްދަސްތާ އަދި ހަދިޔާ ހިފައިގެން ސާރާ ދިރިއުޅޭ ދިލްކަޝްގެއަށް ދިޔުމަށް، 11 ގަޑި 45 ގައި އިޙްސާނު ނުކުތެވެ.

އިޙްސާނުގެ ރަތްކުލައިގެ ޕީސީއެކްސް މަތީގައި އިށީނުމަށްފަހު ރަހްމަތްތެރިޔާގެ މަތިން ހަނދާންވެ، ރަޙުމަތްތެރިޔާގެ ބޭނުން ހިފިއެވެ. ދެއެކުވެރިން ސައިކަލް އިސްޓާޓް ކޮށްލުމަށްފަހު ބަނަފްސާ ގޯޅިން ރަށްދެބައި މަގަށް ނިކުތެވެ. ރަގަޅަށް ހަމަޖެހިލިތަނާ ކުއްލިއަކަށް ކުރިމައްޗަށް ޖެހުނީ ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ސައިކަލަކާއެވެ. އިޙްސާނު ހަދާނެގޮތް ހުސްވިއެވެ. ބިރުގަތީ ރަޙްމަތްތެރިޔާގެ ބޭނުން ހިފަމުން ސައިކަލް ދުއްވުނީމައެވެ. ސައިކަލު މަޑުކުރުމަށް ފުލުހުން ވަގުތުން އެންގިއެވެ. ކުއްލިއަކަށް ރަޙްމަތްތެރިޔާ އިޙްސާނަށް ދޫކޮށްލެވުނެވެ. ލައިސަންސް ކާޑު ދެއްކުމަށް އޮފިސަރ އެންގުމުން ލައިސަންސް ކާޑު ދެއްކިއެވެ. ބަލައި ޗެކްކުރުމަށްފަހު ރިސިޕްޓެއް އިހުސާންގެ އަތަށް ދިއްކޮށްލުމަށްފަހު އިޙްސާނުގެ ލައިސަންސް ކާޑު މިހާރު މިވަނީ ހިފަހެއްޓިފައި ކަމަށް އޮފިސަރު ބުނުއްވިއެވެ. 750 ރުފިޔާ ޕޮލިސް ސްޓޭޝަނަށް ދެއްކުމަށްފަހު މާދަމާ ރަސްމީ ގަޑިގައި ލައިސަންސް ކާޑު ގެންދިޔުމަށް އޮފިސަރު އެންގިއެވެ. ލައިސަންސް ކާޑުނެތި ސައިކަލް ދުއްވާފިއްޔާ އިތުރަށް ޖޫރިމަނާ ވާނޭކަމަށްވެސް އޮފިސަރު ބުނުއްވިއެވެ. ގަޑި ބަލާލެވުނު އިރު ބާރަ ޖަހަނީ އެވެ. ކުރާނެކަމެއް ނެތިގެން އިޙްސާނު ސައިކަލް މަގުގެ އެއްފަރާތުގައި ރަނގަޅަށް ޕާކް ކުރުމަށްފަހު، ސާރާއަށް ފޯނުކޮށްލަން ފޯނު ނެގިއެވެ. ފޯނު ހުޅުވާލިތަނާހެން ފޯނުގެ ބެޓެރީ ފްލެޓްވެފަ ވުމާއިއެކު ފޯނު ނިވިއްޖެއެވެ. ފޯނު ނިވުމުން އިޙްސާން މުޅިން މޯޅި ވެ ރިހޭފައި މައްޗަށް ފޮއިވެއްޓުނެވެ.

ރަށުގެ އަނެއްކޮޅުގައި ހުންނަ ސާރާ ދިރިއުޅޭ ދިލްކަޝްގެ އަށް ދާން މިޖެހުނީ ހިނގާފައެވެ. ސައިކަލެއްވެސް ޓެކްސީއެއްވެސް މަގުމަތީން ފެންނާކަށް ނެތެވެ. ކުއްލިޔަކަށް ރަޙްމަތްތެރިޔާގެ ބޭނުން ހިފަން ހިތައްއަރާފައި، ރަޙްމަތްތެރިޔާ އަތުޖެހޭ ހިސާބުގަ ވާނޭކަން އެގުމުން ވަރަށް ބޮޑަށް މީހާ ހަމަޔަކަށް އެޅިގެންދިޔައެވެ.

ރަހްމަތްތެރިން މުހިންމުވަނީ މިކަހަލަ ގަޑިތަކުގައެވެ. ރަޙްމަތްތެރިޔާގެ ބޭނުން ހިފުމުން މީހާ ތާޒާވެ، ހާސްކަން މުޅިން ފިލައިގެންދިޔަކަހަލައެވެ. ނަމަވެސް ސާރާ އަށް ވިޝްކުރަން ބާރަޖެހި އިރަށް ނުދެވުމުން ވަރަށް ދެރަވިއެވެ. ސާރާމެން ގެއާ ހަމަޔަށް ދެވުނު އިރު ލަފާކުރެވުނުގޮތުން 12 ގަޑި 45 ވަރު ވެދާނެއެވެ. ހިނގާފައި ދާންޖެހުމުން މުޅިމީހާ ވަނީ ދާހިތްލާ ފޯވެފައެވެ. ދިލްކަޝްގޭގެ ބޭރު ދޮރާށި ކައިރީގައި ހުރި ޖޯލީގައި، ޖެހި ބުދެއްހެން ވަތަށް އިސްޖަހައިގެން އިށީދެގެން އިނީ އިހުސާނު އެންމެ ލޯބިވާ ސާރާއެވެ.

ޖޯލި ކައިރީގައި ހުރި މަގުމަތީ ލައިޓްގެ އަލިން އެސަރަހައްދު އަލިވެފައި ވުމުން، ސާރާގެ ކައިރިއަށް ޖެހިލުމުން ސާރާގެ ލޮލުގައި ހުރި ކަރުނަތައް އިޙްސާނަށް ފެނުނެވެ. މިމަންޒަރަކީ އިޙްސާންގެ ހިތަށް ވަރަށް ތަދުވި މަންޒަރަކަށް ވިއެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި ސާރާ އިން ޖޯލިފަތީގެ ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ސޮރީ އޭ ބުނެފައި ބާތުޑޭ ވިޝްކޮށްލުމަށްފަހު އަތުގައި އޮތް ގުލްދަސްތާ ދިއްކޮށްލިއެވެ. ސާރާއަށް ވަރަށް ބާރަށް ރޮވުނެވެ. ސާރާ ރޮމުން މިއޮތްފަދަ ރޭގަވެސް އިޙްސާނަށް އޭނާއަށްވުރެ އިސްކަން ދެވުނީ އިޙްސާނު ގެންގުޅޭ ނުރައްކާތެރި ރަހުމަތްތެރިޔާ އަށް ކަމަށް ބުންޏެވެ. ޕޮލިސް އައްމަޑޭ ގުޅާފަ ދިމާވި ހުރިހާ ކަމެއް ކިޔާ ދިންކަމަށް ސާރާ ބުންޏެވެ. ލިބޭހާ ލާރިއެއް ބޭކާރުގޮތުގައި ތިޔަ އެކުވެރިޔާއަށް ޚަރަދުކޮށް ހުރިހާ ލާރި އަންދާ އަލިފާނަށް ނުހެދުމަށް ކިހާ ވަރަކަށް ނަސޭހަތް ދެވިއްޖެ ނޫންހޭ ސާރާ ބުންޏެވެ. އިޙްސާނު ގެންގުޅޭ ރަޙްމަތްތެރިޔާގެ ބޭނުންހިފުމުން ދުވާ ވަހުން އުދަގޫވާ ވާހަކަވެސް ސާރާ ބުންޏެވެ. މީގެފަހުން ބައްދަލުކުރަން އެގެއަށް ނައުމަށް ސާރާ ބުނެ އިޙްސާން ދިން ގުލްދަސްތާ ނަގާ އިޙްސާނުގެ ފައިބުޑަށް ހޫރާލުމަށްފަހު ޖޯލިން ތެދުވެގެން ގޮސް ދޮރާށިން ވަނެވެ.

ސާރާގެ ވާހަކަތައް ވިހަ ޚަންޖަރުތަކެއް ހެން އިޙްސާނުގެ ހިތަށް ހެރުނެވެ. ސާރާގެ ބަސްތަކުން އިޙްސާނުންގެ ހިތް މުޅިން ކުދިކުދިވެގެން ދިޔައެވެ. ކުރިއަސަރެއްގެ ބޮޑުކަމުން ގުލްދަސްތާ ނެގުމަށްވެސް ނޫޅެ އަނބުރާ ގެއަށް ދިޔުމަށް އިޙްސާނު ހިގައިގަތެވެ. ތަންކޮޅަކަށް ހިގައި ގަނެވުނުތަނާހެން ކުއްލިޔަކަށް މެޔާ ދިމާލަށް ތަނދުވާން ފެށިއެވެ. ބޯ އަނބުރާ ކަހަލަ ގޮތެއް ވެފައި ކުއްލިޔަކަށް ގައިގެ ވަރުދޫވެ ބިންމައްޗަށް އިޙްސާނު ވެއްޓުނެވެ.

އިޙްސާނަށް ލޯ ހުޅުވާލެވުނު އިރު، އޮވެވުނީ ހޮސްޕިޓަލުގެ އެދެއްގައެވެ. ޑޮކްޓަރ ފައިސަލް އިޙްސާނުގެ އަތުގައި ހިފަހައްޓައިގެން ވިންދު ބަލަން ހުއްޓެވެ. އިޙްސާނުގެ ޙާލު ފައިސަލް އެއްސެވިއެވެ. އިޙްސާނު މަގުމައްޗަށް ވެއްޓުނީ ނުރައްކާތެރި ސްޓްރޯކެއް ޖެހިގެން ކަމަށް ޑޮކްޓަރ ބުނުއްވިއެވެ. މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ފެނިގެން މާގިނަ އިރެއް ނުވެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ނުދެވުނު ނަމަ އިޙްސާނުގެ ފުރާނަޔަށްވެސް ނުރައްކާ ވެދާނެ ކަމަށް ޑޮކްޓަރ ބުނުއްވިއެވެ. ހޮސްޕިޓަލަށް ގެނެވުނު އިރު އިޙްސާނުގެ ލޭގައި ނިކޮޓިން ލެވެލް ވަރަށް މަތިކަމަށާއި، ސްޓްރޯކް ޖެހެން ދިމާވި ސަބަކަށް ލަފާކުރެވެނީ މާގިނައިން އިޙްސާނަށް ދުންފަތުގެ އިސްތިޢުމާލު ކުރެވުނީމަ ކަމަށް ޑޮކްޓަރ ފައިސަލް ބުނުއްވިއެވެ. އިޙްސާނަށް މީހަކު ގޮވި އަޑަށް ބަލާލެވުނުއިރު ސާރާ ކައިރިޔަށް އައިސް މަޑުކުރަނީ އެވެ. ސާރާ ކިބައިން އިޙްސާނު މާފަށް އެދުނެވެ. ސާރާ ބުނި ފަދައިން އޭނާއަށް އިޚްތިޔާރު މިވީ ނުރައްކާތެރި އަދި ގެއްލުން ދެނިވި ރަޙްމަތްތެރިޔެއެއްކަމަށް އިޙްސާން އިޢުތިރާފް ވެވުނެވެ. އަދި މީގެ ފަހުން ދުވަހަކުވެސް ސިނގިރެޓަކީ ހެޔޮއެދޭ ރަޙްމަތްތެރިޔަކު ގޮތުގައި އިޚްތިޔާރު ނުކުރުމަށް ސާރާ ކައިރީގައި އިޙްސާނު ވައުދު ވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ