logoEN
cocacola
މަސްވެރިންގެ އުދާސްތައް : ދިވެހީންގެ ލޭނާރަށް މިވީ ކިހިނެއް؟

މަސްވެރިންގެ އުދާސްތައް : ދިވެހީންގެ ލޭނާރަށް މިވީ ކިހިނެއް؟

large_156827734440mL3N

"މާޒީގެ އުޖާލާ މަންޒަރުތަށް" މިއަދު ބީވެގެންދަނީއެވެ. "މާރީތި އުފާވެރި ކުރެހުންތަށް" މިއަދު ފަނޑުވަމުންދަނީއެވެ. ދިވެހިންގެ ދިވެހިވަންތަކަން ދައްކުވައިދިން ދިވެހީންގެ ލޭނާރު މިއަދު މަޑުމަޑުން އޮޔާ ދޫވެވި ދަނީއެވެ. މިދައްކަނީ އެއްވެސް ހާލެއްގައި ދިވެހީންގެ މަސްވެރިކަން ނިމޭ ވާހަކައެއްނޫނެވެ. ދިވެހީންގެ ރަންބިސް އަޅާ ކުކުޅަށާއި، ދިވެހި ގައުމުގެ މައި ސިނާއަތަށް ފަތުރުވެރިކަންވީފަދައިން، ދިވެހީންގެ އަމިއްލަ ކަނޑުން ހޯދާ ރޯދި ދެވަނަ ސިނާއަތަށް ވިގޮތުގެ ވާހަކައެވެ. ދިވެހީންގެ ފަހްރުވެރި މަސްވެރިކަން މިއަދު ކިތަންމެ ޒަމާނީވެފައި ކިތަންމެ ކުރިއެރިޔަސް، ފަޙްރުވެރި މަސްވެރިންނަށް މަސްވެރިކަމުގައި ލިބޭ ގޮންޖެހުންތަކުގެ ވާހަކައެވެ.

ގޮސިޔާ

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 10 މަސްވެރިންގެ ދުވަހުގެ ގޮތުގައި ސަރުކާރުން ފާހަގަ ކުރިޔަސް ދިވެހި މަސްވެރީންގެ އުދާސްތަށް ބަންޑުންވަނީއެވެ. ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަރާނީ ހަމަ ޔަގީނުންވެސް ހުރިހާ ސިނާއަތްތަކެއް ކުރިއަރައިގެން ކަމުގައި ވީހިނދު، ދިވެހީންގެ މާޒީ ބަލާ ލޯގަނޑު ކަމުގައިވާ މަސްވެރިކަން މިއަދު އޮތް ހާލަތާއިމެދު ވިސްނާލަމާތޯއެވެ. މަހަށްދާ މަސްވެރިންނަށް ދިމާވާ ދަތިތަކާއި، ލިބޭ ގޮންޖެހުންތަކާއި، ދޭހާއި އަތްވެއްގައި، ވެހޭހާ ވާރޭއެއްގައި އުފުލާ ތަކުލީފްތަކަށް ވިސްނާލަމާތޯއެވެ.

މަސްވެރިކަމަކީ ވަރަށްވެސް ބުރަ މަސައްކަތަކަށްވީއިރު، އެފަދަ ބުރަ މަސައްކަތަށް ހައްގުވާ އުޖޫރަ ނުލިބުމަކީ މަސްވެރީންގެ އަބަދުމެވެސް އެންމެ ބޮޑު ޝަކުވާއެވެ. ސަރުކާރުން އަދި ޕޮލިސީތަށް ކަނޑައަޅާ ފަރާތްތަކުން، މަސްވެރިން ބާނައިގެން އަންނަ މަހަށް ލިބެންޖެހޭ ހަމައަގު ނުދޭއިރު، މިއީ މިއަދު މަސްވެރީންގެ އެންމެ ބޮޑު އެއް އުދާހެވެ.

" މިހާރު މަސްކިލޯއެއް ކޫއްޑޫ ފަދަ ތަންތަނުން މަސް ކިލޯއެއް ގަންނަނީ ގާތްގަޑަކަށް އެންމެ 16 ރުފިޔާއަށް. މިވަރުން ގޮސްގެން ކިހިނެއްތޯ ދޯނީގައި ތިބޭ 20 ނޫނީ 25 އެއްހާ ފަޅުވެރިންނަށް އެބުނާ ރަނގަޅު އުޖޫރައެއްދެވޭނީ. މިހާރު އެހާ ބުރަކޮށް މަސައްކަތްކޮށްގެންވެސް ލިބެނީ މަހަކު އެންމެ 8 ހާހެއްހާ ރުފިޔާ. ކުރިން މިސާލަކަށް 2009 ހާތަގައި މަސްކިލޯއެއްގެ އަގު 30 ރުފިޔާވަރަށް ބޮޑުވިއިރު، މިހާރު މަހަކަށް މިލިބޭ 8 ހާހެއްހާ ރުފިޔާ އޭރުލިބޭ ހަފްތާއަކުން. މީ އެންމެ ދެރަވާކަމަކީ"

"ގާފު" އާއި ވާހަކަ ދައްކަމުން ކެޔޮޅަކު ހާމަކުރިއެވެ.

މަސްވެރިންގެ އަބަދުވެސް އެންމެ ބޮޑު އެއް ޝަކުވާއަށް ބާނައިގެން އަންނަ މަހަށް ހަމައަގު ނުލިބޭކަން ހާމަކުރާއިރު މިކަމަށް އެއްވެސްކަހަލަ ކުރިއެރުމެއް ފަހުން އައިސް ނުފެންނަ ކަމަށްވެސް މަސްވެރިން ހާމަކުރިއެވެ.

" ބާނައިގެން އަންނަ މަސްކޮޅު ކިލޯއެއް ކުޑަ އަގުގައި ވިއްކައިގެން ކިތަންމެ ދުވަހަކު ލޮސްގައިވެސް އެބަނިންމަމު. އެކަމަކާއި ކުރެވޭނެ މާބޮޑު ކަމެއްނޯވޭ. ތެލަށާއި އައިސްއަށާއި އަދި ދޯނީގެ އެންމެންގެ ކޮށްތަށް ދާ ޙަރަދު ކަނޑާފައި ބައެއްފަހަރު ބާކީ ވަނީ ވިއްސަކަށް ހާސްރުފިޔާ."

"ގާފު" އަށް މައުލޫމާތު ދެމުން މަސްވެރިޔަކު ހާމަކުރިއެވެ.

އާއިލާއާއި ދުރުގައި ކިތަންމެ ކަނޑުގަދަވިޔަސް ހެޔޮކަމަށް މަސްވެރިން ކުރާ މަސައްކަތަށް ހަމައަގު ނުލިބުން އެމީހުންގެ އެންމެ ބޮޑު ޝަކުވާއަށް ވާއިރު، ހަމަ މިއާއިވިދިގެން މަސްގަންނަ ފަރާތްތަކުގެ ކެޕޭސިޓީކުޑަކަމުގެ ޝަކުވާވެސް މަސްވެރިން ހާމަކުރެވެ.

" ގާތްގަޑަކަށް މަސްވެރިކަން ކުރާތާ މިހާރު 35 އަހަރުމިވަނީ. ހުވަދު އަތޮޅަކީ ރާއްޖެއިންވެސް މަސްވެރިކަން އެންމެ ރަނގަޅު ސަރަހައްދު. އެކަމަކު ކީއްތޯ ކުރާނީ، މަސްގަންނަން އަންނަ ދޯނިތަކުގައި އެހޭ ކެޕޭސިޓީއެއްނުހުރޭ. ކޫއްޑޫއިން އެއްޒަމާނެއްގައި 700 ޓަނުގެ މަސް ކިރި. ނަމަވެސް މިހާރު ކޫއްޑޫއިންވެސް ނަގަނީ އެންމެ 200 ނޫނީ 300 ޓަނުގެ މަސް. ގާތްގަޑަކަށް ހުވަދޫގެ އެކަނިވެސް 150 އަށް ވުރެ ގިނަ މަސްދޯނި އޮތްއިރު، މަސްނުކިރި މަސްތަށް ކަނޑަށް އުކާލައިފައި ނޫނީ ރުފިޔާއެއް ނުލިބި ހުސްއަތާ އެނބުރި ގެއަށް އަންނަންޖެހުމުން އަސްލު ވަރަށް މާޔޫސްވޭ " ތިނަދޫގެ މަސްވެރިޔަކު

"ގާފު"އަށް އެމީހާގެ އުދާސްތަށް ހާމަކުރަމުން ވިދާޅުވިއެވެ.

ހަމަމިއާއިކު، މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވީ، މަސްވެރިކަން ކުރުމުގެ އެންމެ ރަނގަޅު ސޭފްޓީ ކަންކަން ދޯނިތަކުގައި ނުހުންނަކަމެވެ. އެހެނީ، ފަހަކަށް އައިސް މަސްވެރިންގެ ތެރެއިން ލޮލަށް ބުޅި ހެރުމުގެ އެތަކެއް މައްސަލަތަކެއް އިތުރުވެފައިވާއިރު، މިފަދަ ކަންކަން ހުއްޓުވުމަށް އެންމެ ރަނގަޅުގޮތަކީ މަސްވެރިކަންކުރުމުގައި ސޭފްޓީގެ ކަންކަން ވެސް ބޭނުން ކުރުން ކަމުގައި މަސްވެރިން ހާމަކުރެއެވެ.

" މިހާރު ވަރަށް އާންމުވެއްޖެ ލޮލަށް ބުޅިހެރުން. އެކަންކަން އެހެން ވާ އެންމެ ބޮޑު ސަބަބަކީ އަސްލު މަސްވެރިކަން ކުރަން ދޮށިއުކާއިރު އެންމެން ޖެހިޖެހިގެން ތިބެގެން މަސްވެރިކަން ކުރުމާއި ސޭފްޓީ މެޝާރަސް ބޭނުން ނުކުރުން. ކުރިން އަހަރުމެން މޫނުގައި ސްވިމިން މާސްކްފަދަ ތަކެތި އަޅައިގެން ،ބޮލުގައި ހެލްމެޓް އަޅައިގެން އުޅުނު. އެކަމަކު މިހާރު އެފަދަ ކަންކަން ވަރަށްވެސް ނުކުރޭ. ގިނަފަހަރު ދޯނީގައިވެސް ހެލްމެޓް ފަދަ ތަކެތިވެސް ނުހުރޭ "

"ގާފު" އާއި ވާހަކަދައްކަމުން މަސްވެރިއަކު ހާމަކުރިއެވެ.

އަދި ހަމައެހެންމެ، މަސްވެރިން ހާހަލަށާއި ފަޅުތަކަށް އެންނަގަން ޑައިވް ކުރާއިރު، ދިމާވާ އެތަކެއް ގެއްލުންތަށްވެސް މަސްވެރިން ހާމަކުރިއެވެ.

" މިހާރު ގިނަފަހަރު ޑައިވްކުރަން ފައިބަނީ ޑައިވިންގެ ލައިސަންސްވެސް ނެތް މީހުން. އަސްލު އެކަންކަމަކީ ސަރުކާރުން ވަރަށްބޮޑަށް ބަލަންޖެހޭ ކަންކަން. އެއީ ދިމާވާ އެންމެ ކަމަކުންވެސް މީހާގެ ފުރާނައަށް ގެއްލުވެސްވާނެ ޑައިވިންގް އަށްގޮސްގެން."

ޑައިވިންގްއާއި ބެހޭގޮތުން "ގާފު"އަށް މަސްވެރިއަކު ހާމަކުރިއެވެ.

މިހުރިހާ ކަމެއް މިހެން ހުރި ހިނދުގައި، މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވަފައިވަނީ މަސްވެރިންނާއި، މަސްވެރިންގެ ކަންކަމާއި ހަވާލުކޮށް މަތިކޮށްފައިވާ ފަރާތްކަމުގައިވާ ފިޝަރީޒް މިނިސްޓްރީއާއި އޮންނަ ގުޅުން ހީނަރުކަމުގެ ވާހަކައެވެ. މަސްވެރިން ހާމަކުރާގޮތުގައި، މަހުގެ އަގުބޮޑު ކުރުމަށް އެދި ކިތަންމެވަރަކަށް އާދެސް ކުރިކަމުގައި ވީނަމަވެސް، އެކަމަށް އަދިވެސް އެކަށީގެންވާ ހައްލެއް ނުލިބެއެވެ. ނަމަވެސް ދުވާލަކަށް ވުރެ ދުވާލެއް މަހުގެ އަގުވެސް ދަނީ ދަށަށްކަމަށާއި، މިއީ މަސްވެރިންނަށް ދެވޭ ވަރަށްބޮޑު ނާއިންސާފެއްކަމަށް މަސްވެރިން ހާމަކުރެއެވެ.

" މަސްވެރިކަމުގެ ބެލެނިވެރި ފަރާތް، ފިޝަރީޒް މިނިސްޓްރީއާއި ހަމަ ބުނާނަމަ އެއްވެސް ކަހަލަ ގުޅުމެއް ނޯވޭ. ގިނަފަހަރު ކުރާ ފޯންތަކަށް ޖަވާބެއް ނުދޭ. ސިޓީތަކަށްވެސް ޖަވާބެއް ނާދޭ. މީ އަބަދުވެސް މިކަން އޮންނަ ގޮތް. ކޮންމެ ބަޔަކުވެސް މަސްވެރިންނާއި އެންމެ ގާތުން މަސައްކަތްކޮށް މަސްވެރިންނަށް ލިބޭ ދަތިތަކަށްބަލައި ފަސޭހަކޮށްދޭނެކަމަށް ޓީވީތަކަށް އަރާ ވަރށްފަސޭހައިން ބުނާނެ. އެކަމަކު މަސްވެރިކަން ކުރާތާ މިވި ގާތްގަޑަކަށް 25 އަހަރުތެރޭގައިވެސް ފިޝަރީޒް މިނިސްޓްރީ ގެ ފަރާތުން އެއްވެސް ކަހަލަ އެއްބާރުލުމެއް ލިބިގެން ގޮސްފައެއްނުވޭ! "

"ގާފު" އަށް މައުލޫމާތު ދެމުން މަސްވެރިއަކު ވިދާޅުވިއެވެ.

ކޮންމެއަކަސް، މީ ދިވެހީންގެ ލޭނާރުކަމުގައިވާ މަސްވެރިކަންކުރާ މަސްވެރީން އާދޭހެވެ. އެމީހުން އެކުރާ މަސައްކަތުގައި ލިބޭ ދަތިތަކުގެ ވާހަކައެވެ. ގައުމުގެ ފަތުރުވެރިކަމަށް މިއަހަރު އަދި މިހާތަނަށް ވެސް ދިވެހިގައުމަށް ލިބުނު އެންމެ ޝަރަފްވެރި އެވޯޑް ލިބުނުއިރު، ދިވެހީންގެ ލެއާއި ގުޅިފައިވާ ދިވެހީންގެ މަސްވެރިކަން މިއަދު މިއޮތީ ކޮން ހާލެއްގައި ހެއްޔެވެ؟ މީގެ ގާތްގަޑަކަށް 60 އެއްހާ އަހަރުކުރިން ފަންރިޔަލުގައި ކާބަފައިން ކުރި މި ބުރަ މަސައްކަތް މިއަދު ބޮޑެތި އިންޖީނުލީ ދޯނިތަކަށް ބަދަލުވުމުން މަސްވެރިންގެ ފަރާތުން ލިބެންޖެހެނީ މިފަދަ ޝަކުވާތަށް ހެއްޔެވެ؟ ކޮންމެއަކަސް، މީ ދިވެހި ގައުމަށް މިއަދު ލިބޭ ވަރަށް ބޮޑު ދެރައެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ