ގއ ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްޤީކޮށް ، މަސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެެއްޖެ އެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައި ރައީސް ސޯލިހް ވިދާޅުވިގޮތުގައި ގއ ކޫއްޑޫއާއި ޅ. ފެލިވަރުގައި ގާއިމް ކޮށްފައިވާ މިފްކޯ މަސް ކަރުޚާނާ އިތުރަށް ތަރައްޤީކޮށް ، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރު ކުރުމުގެ އަމަލީ މަަސައްކަތް 2021 ވަނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކޫއްޑޫއާއި ފެެލިވަރުގެ ކާރުހާނާ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށާއި މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުމުގެެ މައްސަލައަށް ހައްލު ހޯދައި ދިނުމަށްޓަކައި ސަރުކާރުން 270 މިލިއަން ރުފިޔާ ހަރަދުކުރަމަށް ނިންމަފައިވާ ކަމަށްވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
2020 ވަނަ އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް ހުށަޅުއްވަމުން ރައީސް ސޯލިހް ވަނީ ގއ. ކޫއްޑޫގައި ހުރި މަސް ކާރުހާނާގެ ކެޕޭސިޓީ 6000 ޓަނަށް އިތުރުކުރުމަށް އިންވެސްޓް ކުރާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ސަރުކާރުން މިއަހަރު ހިންގަން ގަސްތުކޮށްފައިވާ ގިނަ ޕްރޮޖެކްޓުތަކެއް ވަނީ ކޮވިޑް 19 ބަލިމަޑުކަމުގެ ސަބަބުން ކުރިޔަށް ގެންދެވޭ ގޮތް ނުވެފައެވެ.
ރައީސް ސޯލިހްގެ ޚިޠާބުގައި މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ހުރިހާ މަސްވެރިންނަށާއި، ކެޔޮޅުންނަށާއި، ފަޅުވެރިންނަށާއި، އޮޑިވެރިންނަށް، އަދި، މަސްވެރިންގެ ޢާއިލާތަކަށާއި، މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ އެންމެހައި ކުންފުނިތަކާއި ވިޔަފާރިވެރިންނަށް ފޮނުއްވާފައިވެއެވެ.