8 ސިކުންތައް ކަރަންޓީނު އުސޫލާއި ޚިލާފު ވުމުން 3500 ޑޮލަރުން ޖޫރިމަނާ ކޮށްފި!

ޓައިވާނުގައި އެންމެ 8 ސިކުންތައް ކަރަންޓީނު އުސޫލާއި ޚިލާފުވި މީހަކު 3500 ޑޮލަރުން  ޖޫރިމަނާ ކޮށްފިއެވެ.

މި މީހާ އަކީ ޓައިވާންގައި މަސައްކަތް ކުރާ ފިލިޕީންސްގެ ރައްޔިތެކެވެ. ކައޯޝިއޯންގް ސިޓީގެ ހޮޓަލެއްގައި ކަރަންޓީނުވެގެން ހުރި މި މީހާ އޭނާ ހުރި ކޮޓަރިން ނުކުތުމާއެކު ސީސީޓީވީ ފުޓޭޖަށް ވަނީ އަރާފައެވެ. އޭނާ ކޮޓަރިން ނުކުމެ ފެންޑާގައި ހުރީ ގާތްގަޑަކަށް 8 ސިކުންތު ވަންދެންނެވެ. އެއްފަހު އޭނާ ވަނީ އޭނާ އުޅޭ ކޮޓަރިއަށް ވަދެފައެވެ. ނަމަވެސް ހޮޓަލުގެ ސެކުއިރިޓީން ވަނީ ޓައިވާނުގެ ސިއްޙީ އިދާރާއަށް މައްސަލަ ހުށަހަޅާފައެވެ. އަދި  އެ އިދާރާއިން ވަނީ 100،000 ޓައިވާން ޑޮލަރުން އޭނާ ޖޫރިމަނާ ކޮށްފައެވެ. އެއީ ގާތްގަޑަކަށް 3500 ޑޮލަރެވެ.

ޓައިވާނުގައި ކަރަންޓީނުގައި ހުންނަ މީހަކު ކިތަންމެ ގިނަ ދުވަހެއް ވިއަސް ކަރަންޓީން ނުނިމެނީސް ބޭރަށް ނުނިކުމެވޭނެއެވެ. އަދި އެ ޤައުމުގެ ސިއްޙީ އިދާރާއިން ބޭރަށް ނުކުމެވޭނެކަމުގެ ފެހި ސިގްނަލް ދެންދެން ކަރަންޓީނުގައި ހުންނަން މަޖުބޫރުވާނެއެވެ. އެހެންނޫނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާނެއެވެ.

އެ ޤައުމުގައި ކޮވިޑާއި ދެކޮޅަށް ގެންގުޅޭ އުސޫލުތަކާ އެކު އެ ޤައުމު ވެފައި ވަނީ ކޮވިޑް ކޭސްތައް އެންމެ މަދު އެއް ޤައުމަށެވެ. ޓައިވާނުން ވަނީ ކޮވިޑް އެންމެ ފުރަތަމަ ފެނުނު ވޫހާން އިން ވައިރަސް ފެނުމާއެކު އެ ޤައުމަށް އެތެރެވާ އެންމެން ސްކްރީން ކުރަން ފަށާފައެވެ.

އެ ޤައުމުން ކޮވިޑް ކޮންޓްރޯލް ކުރި ގޮތަށް ގިނަ ޤައުމު ތަކެއްގެ ތަރުހީބު ލިބުނެވެ. އާބާދީގައި ގާތްގަޑަކަށް 23.78 މިލިއަން މީހުން އުޅޭ ޓައިވާނުން މިހާތަނަށް ފެނިފައި ވަނީ 718 ކޮވިޑް ކޭހެވެ. އަދި މި ބަލީގައި މަރުވެފައިވަނީ އެންމެ 7 މީހުންނެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް