
ހަވަރު އޮފީސް ފުޓްސަލް ޓޯނަމެންޓް 2021:އާރުޑީސީއާއި ކޭޑީއެމް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ
DSC_5375
ގދ ތިނަދޫ ކައުންސިލުން އިސްނަގައިގެން އެރަށުގެ ޖަމިއްޔާއެއް ކަމުގައިވާ ހަވަރު ސްޕޯޓްސްއާއި ގުޅިގެން ތިނަދޫގައި ތިބި ސަރުކާރުގެ މުވައްސަސާތަކަށާއި އޮފީސްތަކަށް ހުޅުވާލައިގެން ބާއްވާ އޮފީސް ފުޓްސަލް މުބާރާތް ކަމުގައިވާ ތިނަދޫ ކައުންސިލް ހަވަރު އޮފީސް ފުޓްސަލް މުބާރާތުގެ ގްރޫޕް ބީގެ ދެވަނަ މެޗު އެއްވަރުވެއްޖެއެވެ.

މިރޭ ތިނަދޫ އާރު އަވަށު ދަނޑުގައި ކުޅުނު މެޗުގައި ވާދަކޮށްފައިވަނީ ގްރޫޕް ބީގެ ކާޑެއްދޫ (ކޭޑީއެމް) ޓީމާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އެވެ. މި މެޗު 2-2 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.
މެމެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ވަނީ ފެނިފައެވެ. މެޗުގެ ކުރީކޮޅުގައި އާރުޑީސީން މެޗުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީ އެޓީމުގެ ޖާޒީ ނަމްބަރު 8 ޝިމާލް އަބްދުﷲ އެވެ. އެލަަނޑު ޖެހިތާ މިނެޓެއް ތެރޭގައި ކޭޑިއެމް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އާރުޑީސީގެ ޖާޒީ ނަންބަރު 7، ހަސަން ރަޝީދު ވަނީ އެޓީމަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ ދެވަނަފަހަރަށް މެޗުގެ ލީޑު ނަގާފައެވެ.
ފުރަތަމަ ހާފް ނިމުނީ 2-1 ގެ ނަތީޖާއަކުން އާރުޑީސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ކޭޑީއެމް ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް އާރްޑީސީގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ކޭޑީއެމް އިން ވަނީ އަނެއްކާވެސް އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 8 އަޙުމަދު ބިލާލް އެވެ.
މިމެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ މިމެޗުގައި އާރުޑީސީގެ ޖާޒީ ނަންބަރު 10 މުޙައްމަދު ޙުސެއިންމަނިކު އެވެ.
ކޭޑީއެމް ގްރޫޕް ސްޓޭޖުގައި ދެން ވާދަކުރާނީ ޕޮލިސް ޓީމާއިއެވެ. އެމެޗު އޮންނާނީ އާދީއްތަ ދުވަހުގެ ހަވީރު 16:30 ގައެވެ.
އާރުޑީސީ ޓީމު ގްރޫޕް ސްޓޭޖުގައި ދެން ވާދަކުރާނާނީ އެމްއެންޑީއެފް އެވެ. އެމެޗު އޮންނާނީ މާދަމާ ރޭ 20:15 ގައެވެ.
މި މުބާރާތުގައި 14 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖް އުސޫލުން 3 ގްރޫޕަކަށް ބަހާލައިގެންނެވެ.
މި އަހަރުގެ އޮފީސް ތަކުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައި އެވެ.
ތިނަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތް ހިންގުމަށް އެވޯޑް ކުރީ ހަވަރު ސްޕޯޓްސްއަށެވެ. މި މުބާރާތް އިންތިޒާމުކޮށްގެން ބޭއްވުމަށް ބޭނުންވާ ރަށުގެ ޖަމިއްޔާތަކަށް އެކަމަށް އެދި ހުށަހެޅުމަށް ތިނަދޫ ކައުންސިލުން ހުޅުވާލީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އެފުރުސަތުގައި މި މުބާރާތް ހިންގުމަށް އެދި ހުށަހެޅީ ހަމައެކަނި ހަވަރު ސްޕޯޓްސް އިންނެވެ. އަދި އެ ޖަމިއްޔާއަކީ ތިނަދޫގައި އެފަދަ ބޮޑު މުބާރާތެއް އިންތިޒާމުކޮށް ހިންގޭނެ ގާބިލްކަން ހުރި ހަމަ އެކަނި ޖަމިއްޔާކަން ފާހަގަކުރެވެއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ތިނަދޫ ކައުންސިލެވެ. އަދި ކޯ ސްޕޮންސަރަކީ ގދ ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކަށް ތިނަދޫ ސްޓޭޑިއަމް ހަމަޖައްސާފައިވާ އިރު މުބާރާތުގެ ބެވަރޭޖަސް ޕާޓްނަރަކަށް ޒިމަމަން އަދި ޕްރިންޓިންގ ޕާޓްނަރަކީ ނޯވާޓެކެވެ.
މި މުބާރާތުގެ މެޗުތަށް ސްޓްރީމް ކުރަމުންދަނީ މުބާރާތުގެ ސްޓްރީމިންގ ޕާޓްނަރ އެވެންޓްކާސްޓުންނެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ.