
ކުރީގެ ރައީސުން ހައްޔަރު ކުރުމުގެ ސަގާފަތް ނިމުމަކަށް އަންނާނީ ބަދަލު ހިފުން ދޫކޮށްގެން - ނިހާން
nihan hussain manil
ކުރީގެ ރައީސުން ހައްޔަރު ކުރުމުގެ ސަގާފަތް ނިމުމަކަށް ގެނެވޭނީ ބަދަލު ހިފުން ދޫކޮށް އެންމެން އެއްބައިވެގެން ކަމަށް ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ޖުމްހޫރީ ޕާޓީގެ ކައުންސިލު މެންބަރު އަޙުމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ ރާއްޖޭގައި ރައީސްކަން ކުރައްވާ ބޭފުޅުން ހައްޔަރުކޮށް ޖަލުގައި ބަންދުކުރުން ހުއްޓުމަކަށް އަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ.
އެގޮތުން ނިހާން ވިދާޅުވީ ރައީސް ކަން ކުރައްވާފައިވާ ބޭފުޅުން ހައްޔަރު ކުރުމަކީ ރާއްޖޭގައި އޮތް "ސަގާފީ ބަލިމަޑުކަމެއް" ކަމަށާއި އެއީ ނިމުމަކަށް އަންނަން ޖެހޭ ކަމެއް ކަމަށެވެ. އެކަން ހުއްޓުވޭނީ ބަދަލު ހިފުން ދޫކޮށް ހުރިހާ ފަރާތަކުން ގައުމީ އެއްބައިވަންތަކަން އިސްކޮށްގެން ކަމަށް ވެސް ނިހާނު ވިދާޅުވެފައިވެއެވެ.
ރޭގެ ޕްރޮގްރާމުގައި ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލުގައި އޮންނަވަން ޖެހޭތީ އެމަނިކުފާނު މިހާރު ވެސް ހިތާމަ ކުރައްވާ ކަމަށެވެ.