ކޯވިޑް19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބަންދު ކުރި ގެސްޓް ހައުސްތަކުގެ ތެރެއިން މިހާތަނަށް 17 ރަށެއްގެ 70 އަށްވުރެ ގިނަ ގެސްޓް ހައުސް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.
ރާއްޖޭގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރުން ފެށުމާއި އެކީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދު ކުރިއެވެ. މިއާއެކު ގެސްޓް ހައުސްތަކާއި، ރިސޯޓްތައް ބަންދުކޮށްފައި ވެއެވެ.
އޭގެ ފަހުން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށްފަހު ގެސްޓް ހައުސްތައް އަލުން ހުޅުވާލުމުގެ ހުއްދަ މިނިސްޓްރީން ދީފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
އެގޮތުން މިހާތަނަށް 71 ގެސްޓް ހައުސް ހުޅުވުމުގެ ޓުއަރިޒަމް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ. މިއީ 17 އަތޮޅެއްގައި ހިންގަމުން އަންނަ ގެސްޓް ހައުސްތަކެވެ. މިއާއެކު ގެސްޓްހައުސް ސިނާއަތުގައި މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދެމުންދާ އެނދުގެ އަދަދު ވަނީ 1548 އަށް އަރާފައެވެ.
ގެސްޓް ހައުސްތައް ހުޅުވާލުމަށް ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހުގައެވެ. އެގޮތުން ގެސްޓް ހައުސް ހިންގާ ރަށްތަކުގައި އެކަމުގެ ހުއްދަ ދެވެނީ ކައުންސިލުންނާއި އާންމު ރައްޔިތުން މަޝްވަރާ ކުރުމަށްފަހު ބަލީގެ ވޭދަނައެއް ފެނިއްޖެ ހާލަތެއްގައި ކަން ކުރާނެ އުސޫލުތައް އެކުލަވާލުމަށް ފަހުގައެވެ. އަދި ރަށު ފެންވަރުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަންވެސް ފުރިހަމަ ކުރަން ޖެހޭނެއެވެ.
އޭގެ ތެރޭގައި ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރު ކޮށްދޭންޖެހެއެވެ.