ތިޔަ ދެނީ އަނިޔާއެވެ!

އެޑިޓަރުގެ ނޯޓު: މި ލިޔުމަކީ ސަޢުދުﷲ ޙިލްމީ،  ގާފުގެ ކޮލަމަށް ލިޔެފައިވާ ލިޔުމެެކެވެ.

ދައުލަތުގެ މުއައްސަސަތަކުގައި ވަޒީފާ އަދާކުރާ މީހުންނަކީ، އަމިއްލަ ތަންތާގައި ވަޒީފާ އަދާކުރާ މީހުންނަށްވުރެ ވަޒީފާގެ ޔަޤީންކަން ވަރަށްބޮޑަށް އޮންނަ ބަޔެކެވެ. ވަޒީފާއިން ފަސޭހަ ފަސޭހައިން ވަކިނުކުރެވޭނެ ކަމާއި ވަކިކުރިޔަސް ވަކިކުރާނީ ހަމަޖެހިފައިވާ އުޞޫލުގެތެރެއިން ވަކިހަމަޔަކުން ކަމުގައިވާތީއެވެ. ބޭއިންޞާފުން ނުވަތަ އަނިޔާވެރިކޮށް ވަޒީފާއިން ވަކިނުކުރާނެތީއެވެ. ވަޒީފާއިން ވަކިކުރިޔަސް ވަކިކުރާނީ ތިމާގެ މައްސަލަތަކެއް ހުރެގެން ތަކުރާރުކޮށް ނަޞޭޙަތާއި އިންޒާރުދީފައި ކަމުގައިވާތީ ވަޒީފާއިން ވަކިކުރެވޭނީ ތިމާއަށްވެސް އެގިގެން ތިމާގެ ދައުރެއް އެކަމުގައިވެގެންކަން އެގޭތީއެވެ.

އެކަމަކު ފަހުގެ މާޟީއަށް ބަލާއިރު މިއީ ރަނގަޅު ވިސްނުމެއްކަމަށް ބުނެވޭކަށް ނެތެވެ. ނަޞޭޙަތެއް އިންޒާރެއް ދިނުމެއްނެތި އަދި ބައެއްފަހަރަށް ވީކީއްކަންވެސް ނޭގި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ނުވަތަ ވަޒީފާއިން ވަކިކުރަމުންދާކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. މީގެ އެންމެމޮޅުކަމަކީ ކުރީގެ ސަރުކާރުތަކުން މުވައްޒަފުން ވަޒީފާއިންވަކިކުރާތީ އެކަމާ އިދިކޮޅުހަދާ އިހުތިޖާޖްކޮށްހަދައި އަދި އެކަމަކީ އެއީ ކުރީގެ ސަރުކަރަށް ވޯޓް ނުދީ ސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއްކަމަށްބުނެ ވޯޓް ހޯދައިގެން އަންނަ ސަރުކާރުގެ އޮފީސްތަކުން ހަމަ އެގޮތަށް އެކަންކުރާތީއެވެ. ކުރީގެ ސަރުކާރުން ކުރީމާ އެއީ ބޮޑުއަނިޔާއެއް ނުވަތަ ބޭއިންޞާފެއް ކަމަށްބުނެ އަޑުގެ ނެތްކޮޅަށް ހަޅޭލެވި މީހުންނަށްވެސް އެމީހުންގެ ސަރުކާރުގެ އޮފީސްތަކުން އެކަންކުރުމުން އެއީ އަނިޔާއަކަށް ނުވަތަ ބޭއިންޞާފަކަށް ނުވާތީއެވެ. ތިމާމެންގެ ސަރުކާރަކުން އެފަދަ އަނިޔާއެއް ނުދޭނެކަމަށް އެތައްވާހަކައެއް ދެއްކިމީހުން އެފަދަ އަނިޔާތައް އެމީހުންގެ ސަރުކާރުގެ މުއައްސަސާތަކުން ދިނުމުންވެސް ހިރުވާތަން ކަހާނުލާކަމީ ފެންނަމުންދާ ޙަޤީޤަތެކެވެ. ޤަބޫލުކުރެވޭ ގޮތުގައި މިފަދަ މީހުންނަށް ބޭއިންޞާފާއި އަނިޔާ ކަމަށް މިވަނީ ތިމާމެން ނުރުހޭބަޔަކު އެކަމެއް ކުރުމުން ކަމަށްވާތީ އެވެރިންގެ ޑިކްޝަނަރީގައި އަނިޔާ އާއި ބޭއިންޞާފުގެ މާނަ އެއޮންނަނީ މުޅިން އެހެންގޮތަކަށްތާއެވެ.

ތިމާމެން ރުހޭ ސަރުކާރަކުން ބޭއިންޞާފާއި އަނިޔާވެރިކޮށް މުވައްޒަފުން ވަކިކުރުމުން މިބުނަނީ ތިމަންމެންގެ ސަރުކާރުން އެކަމެއް ކުރާނީ ވަރަށްބޮޑަށް ބަލާހެދުމަށްފަހު އޮންނަ އުޞޫލާއި އެއްގޮތަށްކަމެވެ. އެކަމުގައި އެއްގޮތަކަށްވެސް ގޯހެއް ނުވަތަ ބޭއިންޞާފެއް އަނިޔާއެއް ނުވާނެކަމަށާއި ގޯހެއް އުޅޭކަމަށް ފެންނަނީނަމަ ކަމާއިބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށެވެ. މިކަމަކީ ކުރީގައިވެސް އޮންނަގޮތްކަމަށް ވާއިރުވެސް އެއިރުގެ ސަރުކާރުތަކުން އެފަދަ ކަންކަންކުރުމުން އެއީ ނުފުއްސަވާފަދަ ބޮޑުފާފައަކަށްވެގެން ހަޅޭއްފަޅޭއްލަވައި އެއިރުގެ ސަރުކާރުގެ ވެރިންނަށް ރަތްމަހަށް ނުގޮވާ އެއްޗެހި މިވެރިން ގޮވީ ކީއްވެތޯ އާއި ކަމާއިބެހޭ ފަރާތްތަކަށް މައްސަލަހުށަހަޅައިގެން މަޑުން ނުތިބީ ކީއްވެތޯ ސުވާލު ނުއުފެދޭތޯއެވެ؟ އެގިސާބިތުވެގެން ދަނީ މިފަދަ މީހުންގެ ހުރި މުނާފިގުކަމާއި ދެފުށްދެގޮތްކަމެވެ. ހުރި ނުބައި ނުލަފާކަމެވެ. މިފަދަ މީހުންނާއިމެދު ރައްޔިތުން ވިސްނާ ފިކުރުކުރަންޖެހޭކަމެވެ. މިފަދަމީހުންގެ ހީލަތްތެރި މަޅީގައި ރައްޔިތުން ނުޖެހި ތިމާމެންގެ ސިކުނޑިން ވިސްނަންޖެހޭކަމެވެ. މިފަދަ މުނާފިގުން ރައްޔިތުންގެ ކަންކަމަށް އިސްކުރުމަކީ ބޮޑުވެގެންވާ ގޯހެއް ކަމާއި އެފަދަމީހުންނަށް ރައްޔިތުންގެ މައްޗަށް ހަރާންކޯރުވާނެ ފުރުޞަތު ދޭންނުޖެހޭކަމެވެ.

ކޮންމެސަރުކާރެއްގެ އޮފީހަކުންވިޔަސް ބޭއިންޞާފުން މުވައްޒަފުން ވަކިކުރުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. އެފަދަކަމެއް ކުރިކަން ނުވަތަ ކުރާކަން އެސަރުކާރެއްގެ ވެރިންނަށް އެނގުމުން އެކަން ހުއްޓުވައި ފިޔަވަޅުއަޅަން ޖެހޭނެއެވެ. އެފަދަކަންކަން އެގި ނުހުއްޓުވޭނަމަ އެވާނީ އެސަރުކާރުގެ ވެރިންނަށް އެގިގެން އެމީހުންގެ އެއްބާރުލުން ލިބިގެން ކުރަމުންދާ ކަންތައް ކަމަށެވެ. އާރެއްބާރެއް ނެތް ނިކަމެތި ރައްޔިތުންނަށް ޤާނޫނުތަކުން ލިބިދީފައިވާ ޙައްޤުތަކުން ބޭއިންޞާފާއި އަނިޔާވެރިގޮތުގައި އެއްކިބާ ކުރުމަކީ އެއިރެއްގެ އޮންނަ ސަރުކާރަކުން ކުރާނެ އެންމެ ނާތަހުޒީބް އެއް ކަންތަކެވެ. ތިމާމެން ރުހޭ މީހުންނަށް ނުވަތަ ތިމާމެންގެ ޕާޓީގެ މީހުންނަށް ވަޒީފާ ދިނުމަށްޓަކައި ކުށެއްނެތް މައުޞޫމް ނިކަމެތި ރައްޔިތުންނަށް އަނީޔާ ދިނުމަކީ ކޮންފަދަ ނުބައި ޢަމަލެއްކަން ނުވިސްނެނީ ހެއްޔެވެ. އަދި އަމުދުން ތިމަންމެންގެ ސަރުކާރަކުން މުވައްޒަފުންނާމެދު ބޭއިންޞާފުކޮށް ކަންކަން ނުކުރާނެކަމާއި އަނިޔާވެރި ނުވާނެކަމާއި އެމީހެއްގެ ސިޔާސީފިކުރާއި އެއްގޮތަށް މިނިވަންކަމާއިއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ދޭނެކަމުގެ ބޮޑެތިވަޢުދު ވެގެން ރައްޔިތުންގެ ވޯޓް ހޯދައިގެން އަންނަ ސަރުކާރުގެ އޮފީސްތަކުން މިފަދަ އަނިޔާވެރި ކަންކަން ކުރުމަކީ ލަދުވެތިވާންޖެހޭ ކަމެކެވެ. އަދި އެއީ ރައްޔިތުންގެ ކުރިމަތީގައިވި ވަޢުދާއި ކަނޑައެޅިގެން ޚިލާފުވެ ރައްޔިތުންނަށް ހަރާންކޯރު ވާކަމާއި އަދިވެސް ހަރާންކޯރު ވާނެކަމުގެ ފުރިހަމަ ދަލީލެކެވެ. މިފަދަ ކަންކަމަކީ ކުރިޔަށްއޮތް އިންތިޚާބުތަކުގައި ރައްޔިތުން ވަރަށްބޮޑަށް ވިސްނަންޖެހޭ ކަންކަމެވެ.

ރައްޔިތުންނަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ފޭރި އަނިޔާވެރިވުމަކީ އެއްވެސް ބަޔަކަށް ކުރެވިގެންވާނެ ކަންކަމެއް ނޫނެވެ. ރައްޔިތުންނަށް ލިބިފައިއޮތް ބާރު ޤާނޫނުގެތެރެއިން ބޭނުންކޮށް އެފަދަކަންކަން ހުއްޓުވެން އޮތްގޮތަކަށް އެކަންކަން ހުއްޓުވަން މަސައްކަތްކުރަން ޖެހެއެވެ. މުވައްޒަފުން ބޭއިންޞާފުން ޙާލުގައިޖައްސާ ބިކަކޮށްލުމަކީ ދެވޭ ވަރަށްބޮޑު އަނިޔާއެއް ކަމުގައިވާތީ، އަނިޔާ ލިބެމުންދާ މީހުންގެ ދުޢާ އާއި މާތްﷲގެ ޙަޟްރަތާއި ދެމެދު އެއްވެސް ހުރަހެއް ނުވާކަން އެގި އެކަމަށް ބިރުވެތިވާން ޖެހެއެވެ. އަދި އެ ރައްޔިތުންގެ ކައިރިއަށް ދާންޖެހޭކަމާއި ތިމަންމެންނަށް ރައްޔިތުންގެ ބޭނުން އެންމެބޮޑުވާހިދު ރައްޔިތުންގެ ފަރާތުން ލިބޭނެ "ރުޅިވެރި" ޖަވާބަށްވެސް ވިސްނަންޖެހެއެވެ. އެފަދަފަރާތްތަކަށް ބުނެލަން އޮތީ މުވައްޒަފުން ބޭއިންޞާފުން ވަޒީފާއިން ވަކިކުރުމަކީ ޢާއިލާތަކަކަށް ދެވޭ ވަރަށްބޮޑު އަނިޔާއެއްކަމެވެ. ހަމައެކަނި އަނިޔާއަކީ ޖިސްމާނީ ގޮތުންދޭ އަނިޔާއެއް ނޫންކަމެވެ. އާއެކެވެ. ތިޔަ ދިނީވެސް އަނިޔާއެވެ.

ކޮމެންޓް

One Response

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް