logoEN
ޕީއެންސީ 2
ހުވަދުއަތޮޅުގެ ގަން ފަޅުވުން!

ހުވަދުއަތޮޅުގެ ގަން ފަޅުވުން!

# ތާރީޚް

83ef1949f9f1c3a589e5da0c392fa7bb

ގދ. ގަމަކީ "އިކްއޭޓޮރިއަލް" ކަނޑުގެ އުތުން ހުވަދުއަތޮޅުގެ ދެކުނު ދުނީގައި ހިމެނޭ ބޮޑެތި ރަށްތަކުގެ ތެރޭން އެއް ރަށެވެ. ގަމަކީ ކުރީ ޒަމާނުގައި ހުވަދުއަތޮޅުގައި މީހުން ދިރި އުޅުނު ބިން ބޮޑު ރަށެކެވެ. ގދ. ގަމަކީ ރާއްޖޭގައި "ގަން" މިނަންކިޔާ 3 ރަށުގެ ތެރެއިން އެއްރަށެވެ. އަނެއް 2 ގަން ފަދައިން ގދ. ގަމަކީ ބިންބޮޑު ރަށެކެވެ. މިރަށަކީ ގިނަ އަދަދެއްގެ ޗަސްބިންއޮންނަ ރަށަކަށް ވުމުން ފަސޭހައިން އޮޅުއަލަ ފަދަ ބާވަތްތައް ހެދެއެވެ. މިގޮތުން މިއަދާ ހަމަޔަށް ވެސް މިރަށުގައި ގައްދޫ މީހުން ވަރަށް ގަދަޔަށް އޮޅުއަލަ ހައްދާ އުޅެއެވެ. މިރަށަށް ގައްދޫގަމޭވެސް ކިޔާއުޅެއެވެ. ނަމަވެސް ގައްދޫ އަދި ގަމަކީ ކުރީ ޒަމާނުގައި މާބޮޑު ގުޅުމެއް އޮތް ދެރަށެއްނޫނެވެ. ގަމުގައި މީހުން ދިރިއުޅުނު ދުވަސްވަރު، ގައްދުއަކީ ވަރަށްކުޑަކުޑަ އާބާދީއެއް ދިރިއުޅުނު ރަށެކެވެ.

ޝަރީ 2024

undefined

ގަން ފަޅުވުމުގެ ކުރީގައިއެރަށުގެ ބޮޑުއާބާދީ އެއް ދިރިއުޅުނު ކަމުގެ ހެކި ފެންނަން އެބަހުއްޓެވެ. އަދި އެރަށުމީހުންނަކީ އަމިއްލަ އޮޑިފަހަރުގައި ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރި ތަނަވަސް ބައެކެވެ. ނަމަވެސް މީގެ 200 ވަރަކަށް އަހަރުކުރިން އެރަށް ފަޅުވެދިޔަކީ ވަރަށްކުއްލި ހައިރާން ވަނިވިގޮތަކަށެވެ.

undefined

ރާއްޖެ އިސްލާމްދީނަށް އެނބުރުމުގެ ކުރީގައި ގަމުގައި އުޅެފައިވާކަމަށް ބޮޑަށް ބެލެވެނީ ބުޑިސްޓުންނެވެ. ބުޑިސްޓް ތަފާތު މަޒުހަބުގެ ތެރޭންވެސް "ހިންދީ ބުޑިޒަމް" (ތަންތިރިޒަމް) ގެ މީހުންނެވެ. އެބައިމީހުން ގަމުގެ 8 އަވަށުގައި އުޅުނުކަން ލަފާކުރެވެއެވެ. ކޮންމެ އަވަށަކުން ހަވިއްތައެއް ނުވަތަ އުސްތޫޕާއެއް ނުވަތަ ވިހާރައެއް ފެނިފައިވެއެވެ. ގަމުގައި ތިބި ބުޑިސްޓުން އިސްލާމްވުމަށްފަހު އެރަށު އިރު އުތުރު އަވަށުގައިހުރި ބޮޑު މޮނާސްޓްރީ ތަޅާލައި އެތާނގައި ހުކުރުމިސްކިތެއް ބިނާކޮށްފައިވާކަމަށް ބެލެވެއެވެ. މިސްކިތުގެ ތަރާގަނޑުން އެއީ ބޮޑުމިސްކިތެއްކަން އެނގިގެން ދެއެވެ. މިސްކިތުގެ ވަށިގެން ބޮޑު ގަބުރުސްތާނެއްވެސް ވެއެވެ. ގަމުގައި މީހުން އުޅުނު ދުވަސްވަރު އެރަށުގައި 40 މިސްކިތް ހުރިކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ދިރާސާކުރި ފަރާތްތަކަށް ފެނިފައިވަނީ 8 މިސްކިތުގެ ތަރާގަނޑާއި 10 ގަބުރުސްތާނެވެ. ފަހަރެއްގައި ރަށް އިތުރަށް ސާފްކޮށްފިނަމަ، އިތުރު ތަންތަން ފެނުން އެކަށީގެންވެއެވެ.

undefined

ގަމުގެ ހުކުރު މިސްކިތާއި މާދުރުނޫން ހިސާބެއްގައި ގަމުގެ ކަނޑުއޮޅި ފެންނަގޮތަށް "ގަމު ކިއްލާ" އޭކިޔާ ތަނެއް އޮތްކަމަށް ވެއެވެ. އެތަން އެންމެ ވައްތަރީ ސ. ހިތަދޫ އިރުއުތު މުލީގައި އޮންނަ "ކޯއްޓޭއޭ" އާއެވެ. އަދި ގދ. ވާދޫގައިވެސް "ކާންޒީފާރޭ" ކިޔާ ތަނެއް އޮވެއެވެ. ފަހަރުގައި މިއީ ބުދު ދީނުގެ ޒަމާނުގެ ތަންތަނަށް ވެދާނެއެވެ. ނަމަވެސް ބައެއް މުސްކުޅިންގެ ބަހުގައި އެތަންތަން ހެއްދެވީ އުތީމް 3 ބެއިން ޕޯޗްގީޒުންގެ ލޯމަތިން ދުރަށްޖެހިވަޑައިގަތުމަށް ރާއްޖޭގެ ދެކުނަށް ކުރެއްވި ދަތުރުފުޅުގައި ކަމަށް ވެއެވެ. އަދި މިވާހަކައަށް ރާއްޖޭގެ ތާރީޚުން އެއްވެސް ހެއްކެއް ފެނިފައި ނުވެއެވެ. ގަމު ހުކުރު މިސްކިތުގެ ގަބުރުސްތާނުގެ ބައެއްކަމުގައިވާ ގަމު ތުނޑީ ޒިޔާރަތުގައި ފަސްދާނުލެވިފައިވަނީ "އަލްފަޤީހު ހުސައިން ބުނު އީސާ" އެވެ. މިޚަތީބް ހުސައިނަކީ މަތިމަތި ފުށުން އެއް އާއިލާއަކުން ގަމުގެ ޚަތީބުކަން ކުރެއްވި އެއާއިލާގެ 7 ވަނަ ޚަތީބްކަން މަހާނަ ގަލުގެ ލިޔުންތަކުން އެނގިފައި ވެއެވެ. އޭނާ ތައުލީމް ހާސިލްކުރެއްވީ ވާދޫ ދަންނަކަލޭފާނުގެ އަރިހުން ކަމަށް ބުނެވެއެވެ. މިހުރިހާ މަޢުލޫމާތުތަކަށް ބަލާއިރު، މުހައްމަދު ތަކުރުފާނުލް އައުޒަމާއި އުތީމު ދަރިކޮޅުގެ ރަސްކަމުގައި 1103ހ. ގެނިޔަލަށް ގަމުގައި މީހުންއުޅެފައިވާކަމަށް ހެކިލިބެއެވެ.

undefined

ގަމުގައި މީހުންއުޅުނު ދުވަސްވަރު ގަމުގެ ދެކުނު އިރަށް އޮތް ގައްދުއަކީ 50 އަކަށް ފިރިހެނުން އުޅުނު ކުޑަރަށެކެވެ. ގައްދޫ ގިނަމީހުން އެމީހުންގެ ބޭނުންތައް އެދުވަސްވަރުވެސް ފުއްދަމުން ދިޔައީ ގަމުންނެވެ. މިއަދުވެސް ގައްދޫ މީހުން ދަނޑުވެރިކަންކުރުމަށާއި، އޮޅުއަލަ ހެއްދުމަށް ބޭނުންކުރާ ރަށަކީ ގަމެވެ. މީގެ 200 ވަރަކަށް އަހަރުކުރިން ގައްދޫ އުތުރުކޮޅު ކުޑަމިސްކިތް ބިނާކުރުމުގެ މާވަޑިއަކީ "ގަމު އިސްމާއީލް" މާވަޑިއެވެ. މިކަން އެނގިފައިވަނީ، އެމިސްކިތް އާކުރުމަށް ރޫޅާލިއިރު ފެނނުނު ލިޔުމަކުންނެވެ. ގައްދޫގައި ފުރަތަމަ ފަހަރަށް ހުކުރުކުރެވުނީ1280ހ. ވަނަ އަހަރުގައެވެ. ހުކުރުކޮށްދެއްވުމަށް މާލޭން ވަޑައިގަތީ އަލްގާޒީ އިބްރާހީމް މަޖުދުއްދީން ފަނޑިޔާރު ތަކުރުފާނެވެ. އެއީ އެމަނިކުފާނު އަވަހާރަވުމުގެ 7 އަހަރު ކުރިއެވެ. ރަށުގެ ފުރަތަމަ ޚަތީބަކީ އަލްޚަތީބު އިދްރީސްއެވެ. މިއިދްރީސްގެ މުދިމް އިބްރާހީމްގެ ގައްދޫ އަލްޚަތީބް ހުސައިން މަނިކެވެ. ހުސައިންމަނިކުގެ އަލްފާޟިލް ހަސަން ހުސައިން މަނިކެވެ.

undefined

ގަމުހުކުރުމިސްކިތް ގަބުރުސްތާނުގެ ގިނަ މަހާނުގަލުގައި ލިޔެފައިހުރީ ބިސްމިއާއި އާޔަތުލް ކުރުސިއެވެ. މިއީ ވަރަށްކުރީގެ މަހާނަގާތަކުން ފެންނަގޮތެކެވެ. މަހާނަގާތަކަށް ގިނަ ދުވަސްވުމާއި ރަށްފަޅުރަށަކަށް ވުމުން އެރަށުގެ ތަފާތުބޭނުންތަކަށް ގާބޭނުންކުރެވިފައި ވުމުންނާއި އެކު ގިނަ ގާ ވަނީ ހަލާކުވެ ބިންދައިގެން ގޮސްފައެވެ. ސަލާމަތުންހުރި މަހާނަގާތަކުން ފެނިފައިވާ އެއް މަހާނަގަލަކީ ގދ. ކުރެއްދޫ މިހާރު ފަޅުރަށެއް ޚަތީބްގެ އަންހެން ދަރިއެއްގެ މަހާނަގަލެވެ. އޭނަގެ ނަންއޮތްތަނާއި މަރުވި ތާރީޚް އޮތްތަންވަނީ ހަލާކުވެ ކިޔަން ނޭނގޭގޮތްވެފައެވެ. ކިޔަންއެނގުނީ އޭނާ މަރުވެފައިވާ ތާރީޚުގެ ފުރަތަމަ ދެއަދަދެވެ. އެއީ 12އެވެ. ވުމާއެކު އޭނާ މަރުވީ 1200ހ. ގެ ކޮންމެވެސް އަހަރެއްގައިކަން ޔަގީންކުރެވެއެވެ. ގައްދޫ އުތުރުކޮޅު މިސްކިތް ބިނާކުރެވުނު ދުވަސްވަރާއި ކުރިން މިދެންނެވުނު މަހާނަގަލުގައިވާ އަހަރަކީ ދާދި އެއްދުވަސްވަރެއްކަމަށް ބެލެވެއެވެ. މިހެންވުމުން ތާރީޚީ ގިނަ ލިޔުންތައް ލިޔުއްވާފައިވާ މުހައްމަދު އިބްރާހިމް ލުތުފީ ލަފާކުރާގޮތުގައި ގދ. ގަން ފަޅުވެފައިވަނީ 1200ހ. ގެ ތެރޭގައެވެ. 1200 ގައި ރާއްޖޭގެ ތަޚުތުގައި ރެނދަލިކުރައްވާފައިވަނީ އައްސުލްތާން ހަސަން ނޫރައްދީން 1 ވަނަ އާއި އެރަދުންގެ ދަރިކަލުން މުހައްމަދު މުއީނުއްދީން 1 ވަނަ އާއި އައްސުލްތާން މުހައްމަދު އިމާދުއްދީން 4 ވަނައެވެ. (1250ހ.-1299ހ.1835މ-1882) އައްސުލްތާން ހަސަން ނޫރައްދީނުގެ ރަސްކަމާއި މުއީނުއްދީން 1 ގެ ރަސްކަމުގައި ހުވަދު އަތޮޅުން ފަޅުވިރަށްރަށުގެ ނަން އަލްގާޒީ ހަސަން ތާޖުއްދީނުގެ ތާރީޚްގައި ބަޔާންކުރައްވާފައި ވެއެވެ. ނަމަވެސް އެރަށްރަށުގެ ތެރޭގައި ގަމުގެ ނަން ހިމެނިފައެއް ނުވެއެވެ.

undefined

ރަށެއް ފަޅުވުމަށް މެދުވެރިވެފައި ހުރި ސަބަބުތަކުގެ ތެރޭގައި ތަފާތު ސަބަބުތައް ހެބަހުއްޓެވެ. މިގޮތުން ރަށްތައް ފަޅުވެފައިވާ ސަބަބުތަކުގެ ތެރޭގައި، ތަފާތު ބަލިތައް ޖެހުން (ކޮލެރާ) ފަދަ ބަލިތައް ޖެހި ގިނަބަޔަކުމަރުވެ ރަށް ނާމާންވުމާއި، ރަށްގިރަމުންގޮސް ރަށުގައި އުޅެވޭގޮތް ނުވެގެން އެހެން ރަށަކަށް ހިޖުރަކުރުން، ކުރީޒަމާނުގައި މަލާބާރީން، ނުވަތަ ކަނޑު ފޭރޭ މީހުން އައިސް ފަސޭހައިން ލަފައިއުޅެވޭ ރަށްރަށަށް އަރައި މީހުންގެ މުޅިމުދާ ފޭރި ލޫޓުވުމުންނާއި، އަދި މިނޫންވެސް ޝައިތާނީ ބާރުތަކުން ރަށްނާމާންވުމާއި، އެރަށަކަށް ކަނޑުން "ބޭރި" އެރުމާއި ފަދަ ކަންކަން އެކުލެވެއެވެ. އެފަދަކަންކަން ދިމާވުމުން ރަށުގެ އަހުލުވެރިން، ވަގުތީގޮތުން ރަށްދޫކޮށް އެހެން ރަށަކަށް ހިޖްރަ ކުރުމަށްފަހު ދުވަސްކޮޅަކު އެރަށުގައި އުޅުމަށްފަހު، އަލުން އެނބުރި ރަށަށް އާދެއެވެ. އަދި ބައެއް ފަހަރު އެހިޖްރަކުރިރަށް ދިރިއުޅުމަށް ފަސޭހަރަށަކަށް ވެއްޖެނަމަ ދާއިމީގޮތަކަށް އެރަށެއްގައި ދިރިއުޅުން ބަދަލުކުރެއެވެ. މިސާލެއްގެ ގޮތުން ދަންނަވަނީނަމަ އިސްވެ ދެންނެވި ސަބަބު ތަކުން ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ސ. އަތޮޅު މަރަދޫ މީހުން އެއަތޮޅު "ހަންކެޑެ" އަށްގޮސް އެރަށުގައި އުޅެފައި އެރަށް ފަޅުކޮށްފައި އެނބުރި މަރަދުއަށް ބަދަލުވެފައި ވަނީ އައްސުލްތާން މުހައްމަދު މުއީނުއްދީން1 ގެ ރަސްކަމުގައެވެ.

ނަމަވެސް ހުވަދުއަތޮޅުން މީހުން ފޭބި އެއްވެސް ރަށަކަށް ފަހުން މީހުން އެނބުރި ގޮސްފައިވާ ކަމެއް އެނގެން ނެތެވެ. އެބައެއްގެ އަސްލު ރަށް ފަޅުކޮށްފައި އެހެން ރަށަކަށް ނުވަތަ ރަށްރަށަށް ހިޖްރަކުރި ނަމަވެސް އެބައެއްގެ ދަރިކޮޅު އެހެން ރަށްރަށުން ފާހަގަކުރެވެއެވެ. މިގޮތާ ޚިލާފަށް ގަން ފަޅުވި ހާދިސާގައި ގަމުން ފޭބި އެއްވެސް މީހެއްގެ ދަރިކޮޅު އެރަށާކައިރީގައިވާ އެއްވެސް ރަށެއްގައި އަދި އަތޮޅުގެ އެހެން ރަށެއްގައި ނެތްކަމަށްވެއެވެ. މިއީ ވަރަށް ބޮޑަށް ހައިރާންކުރުވަނިވި އާދަޔާ ޚިލާފުކަމެކެވެ. ގަންފަޅުވިގޮތާއިމެދު ގައްދުއާއި އަތޮޅުގެ އެހެން ރަށްރަށުގައި ދެކެވޭ ވާހަކައެއް އޮވެއެވެ. އެއީވެސް ހައިރާންކުރުވަނި ވާހަކައެކެވެ.

"ގަން ފަޅުވީ އެއްރެއެއްގެ ދަންވަރު ރަށުގެ ފުށްޓަރު ފަރާތުން ރަށަށް އެރި ބޮޑެތި ބުޅާތަކެއް (ބުޅަލުގެ ރަސްކަމެއް) ރަށަށް އެރުމާއި އެކު ރަށުތެރެއަށް ފެތުރިގެން ދިޔުމާއި ގުޅިގެންނެވެ. އިރުއެރުމުގެ ކުރިން އެބުޅާތައް ރަށުގެ އަނެއްފަރާތުން ފައިބައިގެން ދިޔައިރު ރަށުގައި ދިރިހުރި އެކަކުވެސް ނެތެވެ. މަރުވެފައިވާ މީހެއްގެ ހަށިގަނޑުވެސް ފެންނާކަށް ނެތެވެ. މިކަމުން ސަލާމަތްވީ ހަމައެންމެ މީހެކެވެ. އޭރުއޭނާހުރީ ދަތުރުވެރިއެއްގައި މާލެގޮސްފައެވެ."

undefined

ކުއްލިއަކަށް ގަންފަދަ ބޮޑު ރަށެއްގެ އެންމެން ނެތިގޮސް ރަށްފަޅުވީ ބުއްދިޔަށް ގަބޫލުކުރަން ދަތިގޮތަކަށެވެ. ފަހަރުގައި އެފަދަ ގޮތެއްވުމަކީވެސް އެކަށީގެންނުވާ ކަމެއް ނޫނެވެ. ގަމުގެ ރަށްވެރިޔާ އަލްފާޟިލް ހަސަން ހުސައިން މަނިކު، މުހައްމަދު އިބްރާހިމް ލުތުފީ އަށް މަޢުލޫމާތު ދެއްވި ގޮތުގައި "1975މ. ވަނަ އަހަރާ ހަމައަށް ގަމަށް ބުޅާގެންދިޔުމަކީ މަނާކަމެކެވެ". ގައްދޫގެ ވަރަށް ގިނަ ބަޔަކުވެސް އެވާހަކަ އެގޮތަށް ބުނެއެވެ. ގަމަށް ބުޅާގެންގޮސްފިނަމަ ރަށް ނާމާންވެއެވެ. ރޭގަނޑުގައި އުދުހޭ އަލިގުޅައާއި ރަށުގެ އަތިރިމަތީގައި ކޮޅުކޮޅަށް ހަރަކާތްތެރިވެކުޑަވެ ބޮޑުވާ އަލިގަނޑު ފެންނަކަމަށްބުނެވެއެވެ. ގަމުގައި ދަނޑުވެރިކަން ކުރުމަށް ގޮސްއުޅޭމީހުނަށް ރަށުތެރޭން ނާމާން އަޑުއިވުމާއި އަންހެނުންގެ ސިފައިގައި ތިބޭ "ކަޅު ހަންޑި" ފެންނަކަމަށް ބައެއްމީހުން ބުނެއެވެ. ނަމަވެސް، މިހާރު ގަމުގައި ކޮންމެވެސް ވަރަކަށް ބުޅާ އުޅެއެވެ. 1985 ގައި އެރަށު ގޮއިގޭދޮށުގައި 2 ބުޅާ އޮއްވާ މުހައްމަދު އިބްރާހިމް ލުތުފީ އަށް ފެނިފައިވެއެވެ.

undefined

ގަން ފަޅުވުމާއި ގުޅިގެން ގދ. ގައްދޫ ނާމާންވެ ރަށުގެ ފެހުނުން އުދުހިފައި އަންނަ އަލިގަނޑެއް ރަށަށް ތިރިކުރާ ވާހަކައާއި އެރަށުން މީހުން މަރުވާ ވާހަކައާއި އައްޑުއަތޮޅު މީދޫ ކުޑަރަނިޔަގެ މުހައްމަދު މަނިކުފާނު ( ކުދުރަނިޔަގެ ބެއްޔާ) އެރަށަށް ފަންޑިތަ ހަދަން ގެނައި ވާހަކައެއް 1971މ. ގައި ގައްދޫން މުހައްމަދު އިބްރާހިމް ލުތުފީ އަށް އިވިފައި ވުމުން، އެވާހަކަ މުހައްމަދު މަނިކުފާނާއި މުހައްމަދު އިބްރާހިމް ލުތުފީ ސުވާލުކޮށްފައިވާ ކަމަށް ވެއެވެ. މިގޮތުން މުހައްމަދު މަނިކުފާނު ބުނުއްވީ "ތިޔަކަހަލަ ކަމެއް ހިނގާތީ ގައްދޫ އިސްމާއީލް ކަލޭފާނާއި ޚަތީބު ހުސައިން މަނިކު ތިމަން މިރަށަށް ގެންނަވައި ރައްޔިތުންގެ އެހީގައި ގެއެއް އަޅުއްވައި މިރަށުގައި (ގައްދޫގައި) ވަޒަންވެރިކުރުވީ އެސަބަބުތައް އެގޮތަށް އޮތުމުންނެވެ. އެކަމަކީ ހަގީގަތެކެވެ." ގައްދޫގެ ވަރަށް ގިނަބަޔެއްގެ ރަށްވެހިކަމުގައިވެސް ގައްދޫ ނާމާން ވުން ފެނިފައިވާކަމަށް ބުނެއެވެ. ނަމަވެސް މުހައްމަދު މަނިކުފާނުގެ މަސައްކަތުން ގައްދޫ އަމާންރަށަކަށް ވެގެން ގޮސްފައިވެއެވެ.

undefined

ނޯޓް: މިލިޔުމަކީ ފަތްތޫތައިގެ 158 ވަނަ އަދަދުގައި މުހައްމަދު އިބްރާހިމް ލުތުފީ ގދ. ގަމާއި ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

މިލިޔުމުގައިވާ ވާހަކަތަކަކީ ގަމުގައި ފެންނަން ހުރި އާސާރީ ތަންތަން ބަލައި ދިރާސާކުރުމަށް ޕްރޮފެސަރ ތޯހައިދާލް ކޮށްފައިވާ ދަތުރުގައި، ދުވަސްވީ މީހުންނާއި ބައްދަލުކޮށް ހޯދާފައިވާ ފްލޯކް ވާހަކަތަކާއި، ޕްރޮފެސަރުގެ އަމިއްލަ ތިޔަރީއެއްގެ ޚިޔާލުތަށް މަސްހުނި ކޮށްގެން 1966މ. ގައި ލިޔުއްވާފައިވާ " The Maldives Mystery" މިފޮތުގެ ޗެޕްޓަރ 4 ގައި ޕްރޮފެސަރ ގދ. ގަމާއި ބެހޭގޮތުން ދެއްވާފައިވާ ބަޔާންތައް އަސްލަކަށް ބަލައިގެން މަޝްހޫރު ތާރީޚީ ލިޔުންތެރިއެއް ކަމުގައިވާ، މުހައްމަދު އިބްރާހިމް ލުތުފީ 1971 ގައި ލިޔުއްވާފައިވާ ވާހަކައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ