
ދަރިފުޅަށް ބަލިވެ އިންކަން އެނގުނީ ވިހެއުމުގެ ހަތަރު ގަޑިއިރު ކުރިން
_91526634_15070897_1475603325_2043

ޔުނައިޓެޑް ކިންގްޑޮމްގައި ޑޮކްޓަރުން ކުދިން ލިބޭނެކަމުގެ އުންމީދު ކަނޑާލާފައި ހުރި އަންހެނަކު ބަލިވެ އިންކަން އެނގުނުތާ ހަތަރު ގަޑިއިރު ތެރޭގައި ވިހައިފިއެވެ.
ޑެނިއެލް އެޑަމްސް ނަމަކަށް ކިޔާ 28 އަހަރުގެ މި އަންހެން މީހާ އެދުވަހު ހޮސްޕިޓަލަށް ދިޔައީ އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސާތީ ކިޑްނީގައި ހިލަ އުފެދުނީ ކަމަށް ހީކޮށެވެ. ނަމަވެސް ކަންތަށް ވީ ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. އަލްޓްރާ ސްކޭން ހެއްދުމުން އެނގުނީ އޭނާގެ ބަނޑަށް މިހާރު 9 މަސް ވެފައިވާ ކަމެވެ.
އޭނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ވިންދު ދަށްވެ ބޭނުންވާ ވަރަށް އޮކްސިޖެން ސަޕްލައި ނުކުރެވޭކަން ފާހަގަ ވުމާއެކު ޑޮކްޓަރުން ވަނީ އެނާ އެމެޖެންސީގައި ސިޒޭރިއަން ހައްދައި ދަރިފުޅު ނަގާފައެވެ. އޭނާ ވިހެއީ އަންހެން ކުއްޖެކެވެ. އަދި ދަރިފުޅުގެ ސިއްޙަތު މިހާރު ރަނގަޅެވެ.
ޑެނިއެލް ބުނީ އޭނާގެ ދަރިފުޅަށް ބަލިވެ އިންއިރު ބަލިވެ އިންނަ މީހުންނަށް ދިމާވާ އެއްވެސް ކަމެއް ދިމާ ނުވާ ކަމަށެވެ. އާންމުގޮތެއްގައި ދަރިއަކަށް ބަލިވެ އިންނަ އެންމެންގެވެސް ބަނޑު ބޮޑުވާއިރު އޭނާ ބުނީ އޭނާގެ ބަނޑު ފާހަގަ ވާ ވަރަށް ބޮޑުވެސް ނުވާ ކަމަށެވެ. އަދި އޭނާ ބުނީ ދަރިޅުޅު ބަނޑުގައި އޮވެ ނުތެޅޭތީ ބަލިވެ އިންކަން ރޭކާވެސް ނުލާކަމަށެވެ.
އޭނާ ބުނި ގޮތުގައި ކުރިން ދަރިން ނުލިބޭނެކަމަށް ޑޮކްޓަރުން ބުނެފައި ހުއްޓާ ކުއްލިއަކަށް ދަރިއެއް ލިބެން އުޅޭކަން އެނގުމުން އުފަލުން ރޮވުނުވެ. އަދި ޤަބޫލުކުރަންވެސް ދަތިވިއެވެ. އަދި ދަރިއެއް ލިބުމުން އާޢިލާ ފުރިހަމަވީ ކަމަށާއި މިހާރު އޭނާ އާއި އޭނާގެ ފިރިމީހާ ތިބީ އުފަލުން ފޮޅިފައި ކަމުގައިވެސް ބުންޏެވެ.