
ތިނަދޫ މިއުޒިއަމް ޕާކު ޖަންކްޝަނެއްގެ ތެރެއަށް ކުޑަކުއްޖަކު ވެއްޓިއްޖެ
breaking ބްރޭކިންގް
ގދ. ތިނަދޫގައި ހުންނަ އާބާދީ މައިޒާން ނުވަތަ މިއުޒިއަމް ޕާކް ސަރަހައްދުގައި ހުންނަ ޖަންކްޝަން ވަޅަކަށް ކުޑަ ކުއްޖަކު ވެއްޓިއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 17:25 ހާއިރު އެވެ. މައުލޫމާތު ލިބޭ ގޮތުގައި ޖަންކްޝަނުގެ ތެރެއަށް ވެއްޓިފައިވަނީ އުމުރުން ތިން އަހަރުގެ ތުއްތު ކުއްޖެކެވެ.

މަންޒަރު ދުށް މީހުންގެ ތެރެއިން މީހަކު ކިޔައިދިން ގޮތުގައި ވަޅު ތެރެއަށް ވެއްޓުމުގެ ސަބަބުން ކުއްޖާއަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ. އެ ވަޅުގެ ފުން މިނުގައި 20 ފޫޓު ހުރެއެވެ.
އެމީހަ ބުނި ގޮތުގައި ކުއްޖާ ވަޅުތެރެއިން ނެގުމުގައި ކުއްޖާގެ މަންމައަށް އެހީތެރިވެދިނީ އެތަނުގައި ހުރި އެހެން ފިރިހެނެކެވެ. އަދި މިހަރު އެކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ގޮސްފައިވާ ކަމަށްވެސް އެމީހާ ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ކުއްޖާއަކީ އެ ކުއްޖާގެ މަންމައާއެކު މިއަދު އެ ޕާކަށް ކުޅެން ދިޔަ ކުއްޖެކެވެ.
އެ ޖަންކްޝަން ހުރީ ވަށައިގެން ބަންދުކޮށްފައެވެ. ކުއްޖާ އެތަނުގެ ތެރެއަށް ވަނީ ކިހިނެތް ކަމެއް ނޭނގެއެވެ. ނަމަވެސް އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނަނީ އެއީ ތިނަދޫ ކައުންސިލްގެ އިހުމާލުން ހިނގި ހާދިސާއެއް ކަމަށެވެ.
މިހާދިސާއާ ގުޅިގެން ތިނަދޫ ކައުންސިލްގެ ރައީސް، ސައުދު އަލީ ވިދާޅުވީ އެ ހާދިސާ ހިނގައިދިޔައީ ވަޅުގެ މަތިގަނޑު ހަލާކުވެފައިވާއިރު ކައުންސިލުން އެ މަތިގަނޑު ނުހެދި ހުއްޓާ ކަމަށެވެ.




