ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފިއެވެ.
ހެލްތު މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ މި މުއްދަތު އަންނަ ޖެނުއަރީމަހުގެ 4 ވަނަ ދުވަހާ ހަމައަށް ދަމަހައްޓާފައިވާކަމަށެވެ.
ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ސޮއިކުރައްވައި ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، މާޗް މަހުން ފެށިގެން އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަނެއްކާވެސް އިތުރުކުރިއިރު މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
މިއަހަރުގެ މަރޗްމަހުގެ 12ވަނަ ދުވަހު، އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނުނުގެދަށުން، މުޅި ރާއްޖޭގައި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވަނީ ދުނިޔޭގައި ފެތުރެމުންއައި ކޮވިޑް-19ބަލި ރާއްޖެއިން ފެނި، ރިސޯޓަކުން މީހަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.