logoEN
ކޮކާކޯލާ
މި ޖީލުގެ ގިނަ ޒުވާނުންގެ ދިރިއުޅުމުން އުފާވެރިކަން ގެއްލިފައިވަނީ ކީއްވެ؟

މި ޖީލުގެ ގިނަ ޒުވާނުންގެ ދިރިއުޅުމުން އުފާވެރިކަން ގެއްލިފައިވަނީ ކީއްވެ؟

maxresdefault-3-1140x657

ފަހުގެ ދިރާސާތަކުން ދައްކާގޮތުން، މި ޖީލުގެ ގިނަ ޒުވާނުންނާއި، ފުރާއުމުރަށް އަރަމުން އަންނަ ކުދިންގެ ދިރިއުޅުމުގައި، މާޔޫސްކަން، ހިތްދަތި ކަން އަދި ޑިޕްރެޝަނަށް ދިޔުން ފަދަ ނުތަނަވަސްކަން ކުރިމަތިލާ މިންވަރު، ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެގެން ގޮސްފައި ވެއެވެ. މިގޮތުން މިފަދަ ދިރާސާތަކުގެ ނަތީއްޖާއަށް ބަލާލާއިރު، ތަފާތު ނަފްސާނީ މައްސަލަތަކާއި، އަވަސް އަވަހަށް މޫޑު ބަދަލުވުމުގެ މައްސަލަ ހުންނަ ކުދިންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ހާމަވެގެން ގޮސްފައިވެއެވެ. މިފަދަ އާދަޔާ ޚިލާފު މައްސަލަތަކެއް، އަޅުގަނޑުމެންގެ މުސްތަޤުބަލް ކަމުގައިވާ، ފުރާވަރަށް އަންނަ ކުދިންނާއި ޒުވާނުންގެ ދިރިއުޅުމުން ފާހަގަވެފައިވާއިރު، މިފަދަ ކުދިންނަށް އެހީތެރިވުމުގެ ގޮތުން އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތައްތަކާއި މެދުގައި ވިސްނާލުން މުހިންމެވެ.

އަބުޅޯ

ކެލިފޯނިއާގެ ޕަބްލިކް ރިސާޗް ޔުނިވާސިޓީއެއް ކަމުގައިވާ ސެން ޑިއެގޯ ސްޓޭޓް ޔުނިވާސިޓީގެ ސައިކޮލޮޖިކަލް ޑިޕާޓްމަންޓުން، ޒުވާނުންނާއި ފުރާވަރަށް އަރަމުންދާ ކުދިންނަށް އަމާޒުކޮށްގެން ހިންގުނު، ނޭޝަނަލް ސާވޭ އޮން ޑްރަގް ޔޫސް އެންޑް ހެލްތް ސާވޭއިން ޒުވާނުންނާއި ފުރާވަރަށް އަރަމުން އަންނަ ކުދިންގެ ދިރިއުޅުމާއި ގުޅޭ ކަންބޮޑުވާންޖެހޭ ނަތީއްޖާތަކެއް ފެނިފައިވެއެވެ.

މިގޮތުން މިދިރާސާއިން ދައްކާގޮތުން، އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން، އަވަސް އަވަހަށް މޫޑް ބަދަލުވުމުގެ މައްސަލަ ހުންނަ ކުދިން، އަމިއްލަ ނަފުސަށް ގެއްލުން ދިނުން އަދި އަމިއްލަޔަށް މަރުވުމުގެ ވިސްނުން ގެންގުޅޭ ކުދިންގެ އިންސަތަ މީގެ ކުރީ އަހަރުތަކާއި އަޅާ ބަލާއިރު، %52 އިންސައްތަ އިތުރުވެފައިވެއެވެ. އަދި މިމައްސަލަތައް އުމުރުން 18 އަހަރާއި 25 އަހަރުގެ ޒުވާނުންނަށް ބަލާއިރު، %63 އިންސައްތަ އިތުރުވެފައިވެއެވެ. 25 އަހަރުގެ މަތީގެ ބޭފުޅުންގެ ތެރެއިން މިމައްސަލަ ކަންބޮޑުވާންޖެހޭ މިންވަރަކަށް ފެނިފައި ނުވެއެވެ.

undefined

މިފަދަ ނުރައްކަލަކަށް ފުރާވަރަށް އަރަމުން އަންނަ ކުދިންނާއި ޒުވާނުން ހުށަހެޅިގެން ދިޔުމުގެ ޒިންމާ ނަގަންޖެހެނީ ކޮންފަރާތެއް ހެއްޔެވެ؟

undefined

ސެން ޑިއެގޯ ސްޓޭޓް ޔުނިވާސިޓީގެ ސައިކޮލޮޖިކަލް ޑިޕާޓްމަންޓުގެ ސައިކޮލިޖިސްޓެއް ކަމުގައިވާ ޖޭ.އެމް ޓްވެން އަދި އޭނާގެ ދިރާސާ ޓީމް ހާމަކުރައްވާ ގޮތުގައި، ޒުވާނުންނާއި ފުރާވަރަށް އަރާކުދިން މިފަދަ ނުރައްކަލަކަށް ހުށަހެޅިގެން ދިޔުމުގައި އަޅުގަނޑުމެންގެ ދިރިއުޅުމަށް އައިސްފައިވާ 2 ބަދަލަކާއި ގުޅުވާލެވެއެވެ.

އިލެކްޓްރޯނިކް އާލަތް ބޭނުންކޮށް ކުރާ މުޢާސަލާތު ގިނަވުން

ހަމަ ނިދި ނުލިބުން ނުވަތަ ނިދަން ހޭދަކުރާ ވަގުތު މަދުވުން

ޝޯޝަލް މީޑިޔާ، ޗެޓްކުރުން، ތަފާތު އޮންލައިން ގޭމްކުޅުން، އަދިވެސް އިލެކްޓްރޯނިކް އާލަތްތަކުގެ ޒަރީއާއިން އުފެދިފައިވާ "ވާޗުއަލް ވޯލްޑް" ގެ ސަބަބުން ހެދިބޮޑުވަމުން އަންނަ ޒުވާނުންގެ ސިކުނޑި ތަރައްޤީ ވާންޖެހޭ މިންވަރަށް ތަރައްޤީނުވެއެވެ. އިލެކްޓްރޯނިކް އާލަތް ބޭނުންކޮށް ކުރާ މުޢާސަލާތުތައް އިންތިހާއަށް އިތުރުވެފައި ވުމުން، އެކަކު އަނެކަކަށް ކުރާ މުޢާމަލާތް ވަރަށް ބޮޑުތަން ދަށްވެފައިވެއެވެ. މިގޮތުން ރާއްޖޭގެ މާހައުލަށް ބެލިކަމުގައި ވިޔަސް މިކަން ވަރަށް ބޮޑަށް ފެނެއެވެ. ޒުވާން ރަޙްމަތްތެރިންކޮޅެއް އެއްކޮށް ކޮފީއެއް ބޯލުމަށް ރެސްޓޯރަންޓަކަށް ދިޔަކަމުގައިވިޔަސް، އެކަކު އަނެކަކަށް އަނގައިން ބުނުމުގެ ބަދަލުގައި ގިނައިން ފެންނަނީ ފޯނަށް ބަލަހައްޓައި، ކޮންމެވެސް ރައްޓެހިންގެ ވައިބާ ގްރޫޕެއްގައި ޗެޓްކުރުން ނުވަތަ ހުރިހާ ރައްޓެހިން އެއްކޮށް، ޕަބްޖީ ފަދަ އޮންލައިން ގޭމެއް ކުޅުމުގައި އަވަދިނެތި އުޅޭތަނެވެ. ރައްޓެހިންނާއި، ޚިޔާލު ބަދަލުކޮށް، ދިރިއުޅުމުގައި ދިމާވާ ހާސްތައް ފިލުވާލަން ލިބޭ ފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފެއެވެ. ފުރާވަރަށް އަރާކުދިންނަށް ލިބޭ ހުރިހާ ހުސް ވަގުތެއް ހޭދަކުރަނީ ސްކްރީން ކުރިމަތީގައި ކޮންމެވެސް ސިރީސް އެއް ބެލުން، އޮންލައިން ގޭމެއް ކުޅުން، ނުވަތަ ޗެޓް ކުރުމުގައެވެ.

މިދިރާސާކޮށްފައިވާ ސައިކޮލޮޖިސްޓުން އެއްބަސްވާގޮތުގައި، އަވަސް އަވަހަށް މޫޑު ބަދަލުވުމުގެ މައްސަލައިގެ އިތުރުން ތަފާތު ނަފްސާނީ މައްސަލަތައް ޒުވާނުންނަށް އަދި ފުރާވަރަށް އަރަމުން އަންނަ ކުދިންނަށް ދިމާވެފައިވެއެވެ. ބަލާ ސީރިސްތަކުންނާއި، ޝޯޝަލް މީޑިޔާގައި ތަފާތު މީހުން ޝެއަރކުރާ ކޮންޓެންޓް، އަދި ސްކްރީން ޓައިމް އާދަޔާ ޚިލާފަށް ގިނަވުމުގެ ސަބަބުންވެސް މިމައްސަލަ އިތުރަށް ގޯސްވެއެވެ.

undefined

ގިނަ އަދަދެއްގެ ޒުވާނުންގެ ދިރިއުޅުމުގެ ބޮޑު ކޮންޓްރޯލެއް ފޯނު، ޓެބްލެޓް އަދި ޓީވީ ފަދ އިލެކްޓްރޯނިކް އާލަތްތަށް ވަނީ ނަގާފައެވެ. ޒުވާނުން ވަނީ މިފަދަ އާލާތްތަކަށް ދެވި ހިފާފައެވެ. މިފަދަ އާލާތްތަކާއި ނުލައި ދިރިއުޅުމަކީ މިއަދުގެ ޒުވާނުންނަށް އުދަނގޫ ކަމެކެވެ. މިފަދަ އިލެކްޓްރޯނިކް އާލާތް ބޭނުންކުރާއިރު ވަގުތު ހޭދަވާ ގޮތެއްވެސް ގިނަ ޒުވާނުންނަށް ނޭނގެއެވެ. ރޭގަނޑުގެ ބޮޑު ބައެއްގައި ނުނިދާ މިފަދަ އާލަތްތައް ބޭނުންކުރުމަށް ހޭދަކުރެވެއެވެ. އިންސާނާ ނަފްސާނީ ގޮތުން އަދި ޖިސްމާނީ ދުޅަހެޔޮ މީހަކަށް ވުމަށް ރޭގަނޑުގެ ނިދި ވަރަށް މުހިންމެވެ. ހަމަ ނިދި ނުލިބޭ ނަމަ، ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރުމުގެ އިތުރުން ތަފާތު ސިއްޙީ މައްސަލަތައް ކުރިމަތިކުރުވައެވެ. ހަމަޔަށް ނިދި ލިބިގެން ނޫނީ، އަހަރަމެންގެ ސިކުނޑި ތާޒާ ނުވެއެވެ. ނަފްސާނީ ޤާބިލްކަން އިތުރުކުރުމަށް އަދި ޖިސްމާނީ ހެދިބޮޑުވުމަށް ނިދި މުހިންމު ރޯލެއް އަދާކުރެއެވެ.

undefined

undefined

މިފަދަ ހާލަތްތަކުން ޒުވާނުން ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅުތައް

ކުދިންގެ އުޅޭ ނޫޅޭގޮތާއި ކުދިން ޙަރަކާތްތައް ފަރުވާ ބަހައްޓައިގެން ބަލައި މޮނިޓަރ ކުރުމަކީ ކުދިންނަށް ލިބިދާނެ މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށް ކުރިން އެޅިދާނެ ފިޔަވަޅެކެވެ. ތަފާތު އިލެކްޓްރޯނިކް ގެޖެޓްތައް ބޭނުންކުރުމަށާއި އިންޓަރނެޓް ބޭނުންކުރުމަށް ކުދިން ހޭދަކުރާ ވަގުތު މަދުކުރުމަށް މަސައްކަތްކުރުމަކީ ބެލެނިވެރިންނަށް ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އެޅިދާނެ ފިޔަވަޅުތައް ގިނަގުނައެވެ.

ކުދިން ޝޯޝަލް މީޑިއާ ބޭނުންކުރާގޮތް ބެލުން

ޝޯޝަލް މީޑިއާ އަކީ، ކުދިންގެ ޅަ ސިކުނޑިތަކަށް ނޫފުޒު ފޯރުވާ އެންމެ ބޮޑު ޕްލެޓްފޯމަށް ވުމުން، ޝޯޝަލް މީޑިޔާ ކުދިން ބޭނުންކުރަނީ އެންމެ ރަނގަޅަށްތޯ ބެލެނިވެރިން ކަށަވަރުކުރުން މިޒަމާނުގައި މުހިންމެވެ. މިގޮތުން، ކުދިން ބޭނުންކުރާ ޝޯޝަލް މީޑިއާ އެކައުންޓްތަކުގެ ހިސްޓްރީ ބަލައި، ކުދިން ވާހަކަ ދައްކަނީ ކޮންކޮންފަރާތަކާތޯ ބެލުން މުހިންމެވެ. ދައްކަނީ ކޮންކަހަލަ ވާހަކަތަކެއްތޯ ޗެކްކުރެވިދާނެވެ. ގޮތް ނޭގޭ، ވަކި މީހަކު ކަނޑައެޅިގެން ނޭނގޭ މީހުންނާއި، ވާހަކަ ނުދެއްކުމަށާއި، އެހެން އަމަލު ކުރަންވީ ސަބަބުތައް ކުދިންނާއި ހިއްސާކޮށް، "ޗައިލްޑް ގްރޫމިންގް" ނުވަތަ ކުދިންނަށް އޮޅުވާލައިގެން ތަފާތު ޖިންސީ ގުޅުންތަށް ހިންގަން ދައުވަތު ދޭފަރާތްތަކުގެ މައުލޫމާތު ކުދިންނަށް ދީ އެފަދަ ކަންކަމަށް ދަރިން ހޭލުންތެރިކުރެވިދާނެއެވެ.

އިންޓަނެޓް ހެޔޮގުތުގައި ބޭނުންކުރަން ދަސްކޮށްދިނުން

އިންޓަނެޓް ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތްތައް ދަރިންނަށް ދަސްކޮށްދީ، ޕޭރަންޓަލް ކޮންޓްރޯލް ނުވަތަ ވަކި ބާވަތް ބާވަތުގެ ތަކެތި ނުވތަ ސައިޓްތަކަށް ނުވަދެވޭގޮތަށް އިންޓަރނެޓް ސެޓިންގ ގައި ބޭނުންކުރުވިދާނެއެވެ. އިންޓަނެޓް ބޭނުންކުރުމަށާއި، ޓެބްލެޓް ނުވަތަ ފޯނު ބޭނުންކުރުމަށް ޚާއްސަ ވަގުތުތައް ކަނޑައަޅައި ވަކި ޚާއްސަ ގަޑިތަކުގައި ބޭނުން ނުކުރެވޭ ގޮތަށް އުޞޫލުތައް ހެދިދާނެއެވެ.

ރޭގަނޑުގެ ވަގުތު ރަނގަޅަށް ނިދުމަށް ބާރުއެޅުން

ކުދިން ނިދުމަށް ޚާއްސަ ގަޑިތަކެއް ކަނޑައެޅިފައި ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން ކަނޑައެޅޭ ގަނޑިތަކުގައި ކުދިން ނިދާކަން ބެލެނިވެރިޔާއަށް ކަށަވަރު ކުރެވިދާނެއެވެ. ނިދާގަޑިތަކުގައި، ކުދިންގެ ފޯނާއި، ޓެބްލެޓްތައް ބެލެނިވެރިޔާގެ ބޭލުމުގެ ދަށުގައި ބެހެއްޓިދާނެއެވެ.

ދީނީ ކަންކަމަށް ކުދިން ހޭލުންތެރިކުރުން

ދީނީ ކަންކަމަށް ކުދިން އަހުލުވެރިކުރުމަކީ އެންމެހާ ނުރައްކާތަކުން ސަލާމަތްވުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅެވެ. މިގޮތުން ފަސްވަގުތު ނަމާދަށް ރައްކާތެރިވާ، ޤުރުއާނަށް ފަރިތަ ކުދިންތަކަކަށް އަޅުގަނޑުމެންގެ ދަރިން ހެދިއްޖެ ނަމަ، އެންމެހާ ޝައިޠާނީ ވަސުވާސްތަކާއި ނުރައްކާތަކުން ކުދިން ސަލާމަތް ވެގެން ދާނެއެވެ. އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި، އަމިއްލަޔަށް މަރުވުމުގެ ނުބައިކަން އަދި ދީނުގައި މިކަންކަމަށް ކަނޑައެޅިފައިވާ ހުކުމްތައް ކުދިންނަށް އޮޅުންފިލުވައި ދޭށެވެ. ހަރާމް ކަންތައްތަކަށް އަރައިގަތުމުގެ ނުބައިކަމާއި، ސުވަރުގެއާއި ނަރަކައިގެ ވާހަކަ ކުދިންނަށް އޮޅުންފިލުވައިދޭށެވެ.

undefined

ކުދިންނާއި މައިންބަފައިންގެ ގުޅުން:

މައިންބަފައިންނަކީ ކުދިންގެ އިޙްސާތައް އަޑުއަހާ، ކުދިންނާއި ގާތް ގުޅުމެއް އޮންނަ، ކުދިން އިތުބާރު ކުރާ ބަޔަކަށް ވާންޖެހެއެވެ. ވީހާވެސް ގިނަވަގުތު ދަރިންނާއެކު ހޭދަކޮށް، ދޭތެރެ ދޭތެރެއިން ދިރިއުޅޭ މާޙައުލު ތަފާތުކޮށް އާ ކަންތައް ބަލައި ތަޙްލީލު ކުރުމުގެ ފުރުޞަތު ކުދިންނަށް ދިނުން މުހިންމެވެ. އާއިލީ ބައްދަލުވުންތައް ގިނަކޮށް ލިބޭ ޗުއްޓީތަކުގައި އާއިލާ އެއްކޮށް ދަތުރު ދިޔުން، ނުވަތަ ވަކި ޚާއްސަ ކަމެއް ކޮށްލުމުން މައިން ބަފައިންނާއި ދަރިންގެ ގުޅުން ރަނގަޅުވެގެން ދާނެއެވެ.

undefined

ފުރާވަރުގެ އުމުރުފުރާއަށް އަރަމުންދާ ކުދިންނާއި ޒުވާނުންނަކީ އަމިއްލަ ނަފުސަށް އިތުބާރު ކުރާ، ނަފްސާނީ ދުޅަހެޔޮ، އުފާވެރި ބަޔަކަށް ވުމަކީ ކޮންމެ މަޔަކާއި ބަފައެއްގެ ވެސް އުއްމީދެވެ. މިއަދުގެ ޒުވާނުންނަކީ މުސްތަޤުބަލުގައި ޤައުމުގެ ހުންގާނުގައި ހިފަންތިބި މީހުންނަށް ވާއިރު، ޒުވާނުންނަކީ ހަރުދަނާ ޒިންމާދާރު ބަޔަކަށް ހެދުމަކީ ދުޅަހެޔު މުޖުތަމަޢުއެއް ބިނާކުރުމަށް އެޅިގެންދާނެ އެންމެ ބޮޑު ބިންގަލެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ