logoEN
cocacola
މާހިރުގެ ވަކިވުން - ކަން ހިނގައިދިޔަ ގޮތް ދަރިފުޅުގެ ދުލުން

މާހިރުގެ ވަކިވުން - ކަން ހިނގައިދިޔަ ގޮތް ދަރިފުޅުގެ ދުލުން

101568930_255414535525841_5623617590175238870_o

މި ފަހުން މުޅި ހުވަދޫ އަތޮޅު ސިއްސުވާލި އެއް ޚަބަރަކީ ގއ. ގެމަނަފުށިން އެ އަތޮޅު ވިލިގިނއްޔަށް ފޮނުވި ބަލި މީހަކު އެެ ރަށު ހޮސްޕިޓަލުގެ އިހުމާލުން ނިޔާވި ކަމަށްބުނާ ޚަބަރެވެ. އެ މައްސަލައާ ގުޅިގެެން ގިނަ ބައެއްގެ ނުރުހުން އެ ހޮސްޕިޓަލަށް ވަނީ އަމާޒުވެފައެވެ.

ގޮސިޔާ

އެހާދިސާ ހިނގައިދިޔަ ގޮތް، ނިޔާވި، އުމުރުން 79 އަހަރުގެ މުހައްމަދު މާހިރުގެ ދަރިފުޅު، ޝަޒީމާ މާހިރު ވަނީ "ގާފު" އަށް ކިޔައިދީފައެވެ. ޝަޒީމާ ކިޔައިދިން ގޮތުގައި އޭނާގެ ބައްޕަ ގެމަނަފުށީ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައިވަނީ ބޮލުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން ދިއުމުންނެވެ. އެއީީީ މިދިޔަ މަހުގެ 28 ވަނަ ދުވަހެވެ. އެ ދުވަހު މާހިރު ސިއްހީ މަރުކަޒަށް ދިޔައީ އެކަނިކަމަށާއި ބައްޕަ ސިއްހީ މަރުކަޒުގައި އެޑްމިޓްކުރިކަންވެސް އެނގުނީ އާއިލާގެ މީހަކު ޝަޒީމާގެ ފޯނަށް ގުޅައި އެމައުލޫމާތު ދިނުމުން ކަމަށް އޭނާ ބުނެއެވެ.

މުޙައްމަދު މާހިރު އަކީ ގދ. ގައްދޫއަށް ނިސްބަތްވާ އެރަށު އެންމެން ދަންނަ، "ގައްދޫ މާހިރު" އެވެ. ގއ. ގެމަނަފުށީގައި އޭނާ ދިރިއުޅެމުން އަންނަނީ އެރަށު މީހަކާ އިނދެގެންނެވެ. އެއީ މާހިރުގެ ދެވަނަ ކައިވެންޏެވެ. އެ ކައިވެންޏަށް ތިން ދަރިން ލިބިފައިވާއިރު މާހިރު ދުނިޔެ ދޫކޮށް ދިޔަ އިރު އޭނާގެ ފަސް ދަރިން ދުނިޔޭގައ އެބަ ތިއްބެވެ. ޝަޒީމާއަކީ މާހިރުގެ ދެވަނަ ކައިވެންޏަށް ލިބުނު ދެވަނަ ދަރިފުޅެވެ.

ޑޮކްޓަރަށް ދައްކަން ގޮސް އެޑްމިޓް ކުރުމުން ސިއްހީ މަރުކަޒުގައި ހުރި ދައްތައަކު ގުޅާފަ ބުނީ ބައްޕަ އެޑްމިޓްކޮށްފިއޭ. ދެން އަހަރުމެން ދިޔައީ އަވަހަށް ހޮސްޕުޓަލަށް. ބައްޕަ އުޅުނީ ބޮލަށް ތަދުވެގެން ކަމަށްވާތީ ޕެއިން ކިލާއެއް ދީ އައިވީވެސް އޮތީ ގުޅާފަ. ދެން ބައްޕަ ބުނީ މެޔަށް ތަދުވާ ވާހަކަ. އެއީ އެދުވަހުގެ ހެނދުުނު 9:30، 10:00 ހާއިރު. އެހިސާބުން ސިއްހީ މަރުކަޒުގައި ބައްޕައަށް އޮކްސިޖެން ދޭން ފަށައިފި. އެހިސާބުން ފެށިގެން ބައްޕައަށް ދިޔައީ މެދުކެނޑުމެއް ނެތި އޮކްސިޖެން ދެމުން

އެ ދުވަހު ގެމަނަފުށީ ސިއްހީ މަރުކަޒުގެ އޮބްޒަވޭޝަންގައި ފަރުވާ ދިނުމަށްފަހު ޖެހިގެން އައި ދުވަހު ސްކޭނެއް ހަދަންވެގެން މާހިރު ވިލިގިއްޔަށް ގެންދަން އެ ރަށު ސިއްޙީ މަރުކަޒުން ނިންމިއެވެ. އެއީ ނޮވެމްބަރު 29 ވަނަ ދުވަހެވެ. ވިލިނގިއްޔަށް ގެންދަން ދަތުރަށް ތައްޔާރުވާން ފެށީ އެދުވަހު ހަވީރު 15:30 ހާއިރު އެވެ. އޭރުވެސް މާހިރުގެ ހާލު ރަނގަޅު ކަމަށް އޭނާގެ ދަރިފުޅު ކިޔައިދިނެވެ.

އޭރު ހާލު ސީރިއަސްއެއް ނޫން. އަޅުގަނޑުމެންނާ ވާހަކަ ދައްކާ ހަމަ ރީތިކޮށް. ހަމަ ނޯމަލްކޮށް ކައިގެން ބޮއިގެން ވަރަށް ރީއްޗަށް އިނީ. އޭރުވެސް ބައްޕަގެ މެޔަށް ތަދުވާ ކަމަށް ބުނި. އެހެންވެ ބޮލުގެ ސްކޭނަކާއި މޭގަނޑުގެ ސްކޭނެއް ކުރަން ވިލިނގިއްޔަށް ފޮނުވަން ޑޮކްޓަރު ނިންމީ.

އެދުވަހު ހަވީރު، މާހިރު ވިލިނގިއްޔަށް ގެންދިއުމަށްޓަކައި ސީ އެމްބިއުލާންސް އޮތީ ގެމަނަފުށްޓަށް އައިހެވެ. މާހިރުއާ އެކު ވިލިނގިއްޔަށް ދިޔައީ ޝަޒީމާއާއި މާހިރުގެ އަންހެނުން (ޝަޒީމާގެ މަންމަ) އެވެ. ޝަޒީމާ ކިޔައިދިން ގޮތުގައި މާހިރުގެ ހޭންޑޯވަރ ދިން އިރު އޭނާ ހުރީ އަޑު އަހައިގެންނެވެ. އެއްވެސް ހާލެއްގައި އޮކްސިޖަން ދިނުން ނުހުއްޓުވުމަށް ހޭންޑްއޯވަރ ދިން ގެމަނަފުށީ ނަރުސްކުއްޖާ ބުނި ކަމަށް ޝަޒީމާ ކިޔައިދިނެވެ.

އެތާ ކައިރީ ހުރެ ބުނި އަޑު އެހިން ޕޭޝަންޓް ނީޑްސް އޯޓޫ (އޮކްސިޖެން) އޭ. ޕޭޝަންޓް މި ފޮނުވަނީ މޭގަނޑަށް ތަދުވާތީއާއި ބޮލަށް ތަދުވާތީ ސްކޭނެއް ހަދަން ކަމަށް. އެއްވެސް ހާލަތެއްގައި އޮކްސިޖެން ނުލިބިއްޖެ ނަމަ ޕޭޝަންޓްގެ ހާލަތު ސީރިއަސް ވެދާނެ ކަމަށްވެސް ބުނި.

އޭރު މާހިރުގެ ދެފަރާތުގައި ދެ ނަރުހުން ތިބި އިރު ޝަޒީމާއާއި ޝަޒީމާގެ މަންމަ އިނީ މާހިރުގެ ކުރިމައްޗަށްވާ ގޮތަށް ހުރި ސީޓުގައެވެ. އޭރުވެސް ހާލު ރަނގަޅެވެ. ޝަޒީމާ ބުނި ގޮތުގައި ވިލިނގިއްޔަށް ކައިރި ކުރުމަށްފަހު ސީއެމްބިއުލާންސް އިން ފައިބައިގެން އެރަށު ހޮސްޕިޓަލުގެ އެމްބިއުލާންސަށް ގޮސް އެރީވެސް މާހިރު އަމިއްލަ އަށް ހިނގާފައި ގޮހެވެ.

އެވަގުތަށް، އޮކްސިޖެން ނައްޓާލި. އެއީ ސީ އެމްބިއުލާންސްގައި ބޭނުން ކުރަމުން އައީ ވަރަށް ބޮޑު އޮކްސިޖެން ފުޅިއެއް. އެހެންވެ ރަށު އެންބިއުލާންސަށް އަރުވަން ވެގެން އޮކްސިޖެން ނައްޓާލި. ދެން އެރަށު ހޮސްޕިޓަލްގެ އެމްބިއުލާންސަށް އެރި ފަހުން އެނގުނީ އޭގައި އޮކްސިޖެން ނެތް ކަމަށް. ދެން ނަރުސް ކުއްޖާ ބުނީ ސީ އެމްބިއުލާންސްގައި ހުރި އޮކްސިޖެން ފުޅި ގެނައުމަށް. ނަމަވެސް ސީއެމްބައިުލާންސްގައި ހުރީ ބޮޑު ފުޅިއެއް ކަމުން އެ ފުޅި ނުގެނެވޭނެ ކަމަށް ސީއެމްބިއުލާންސްގައި ހުރި މީހާ ބުނި.

އެހިސާބުން ސީއެމްބިއުލާންސްގައި ހުރި މީހާއާއި އެރަށު ހޮސްޕިޓަލުގެ އެމްބިއުލާންސްގެ ޑްރައިވަރާ ކުޑަވަރެއްގެ ޒުވާބެއް ހިނގިއެވެ. އެއީ އެމްބިއުލާންސްގައި އޮކްސިޖެން ނެތްކަން އެނގުމުންނެވެ.

ސީއެމްބިއުލާންސްގައި ހުރި މީހާ ބުނީ އެމްބިއުލާންސް އަންނަ އިރު އޮކްސިޖަން ނުލައި އައީ ކީއްވެ ހޭ. ދެން އެމްބިއުލާންސް ގަ ހުރި މީހާ ބުނީ އޭނަ ކައިރީގައި އޮކްސިޖަން ބޭނުންވާ ވާހަކަ ނުބުނެޔޯ. ނުބުންޏަސް ގެންނަން ޖެހެެނެ ކަމަށް ސީއެމްބިއުލާންސް ގަ ހުރި މީހާ ހިތްހަމަނުޖެހިފައި ހުރެ ބުނި.

އެވަގުތު އެންބިއުލާންސް ގެ ތެރޭގައި އިން މާހިރު ހާސްވާ ވާހަކަ ބުނުމުން އެމްބިއުލާންސް އިން ބޭލުމަށް ފަހު އަނެއްކާވެސް ސީއެމްބިއުލާންސް އަށް އެރުވިއެވެ. މާހިރު ސީއެމްބިއުލާންސަށް އެރުވުމަށް ފަހު ސީިއެމްބިއުލާންސްގައި ހުރި އެނދުގައި ބޭއްވިތަނުން ނޭވާ ހުއްޓުނުކަމަށް ޝަޒީމާ ކިޔައިދިނެވެ. އަދި އޮކްސިޖަނާ ނުލައި މާހިރު އެމްބިއުލާންސް ތެރޭ 10 ވަރަކަށް މިނެޓް ހޭދަކުރި ކަމަށް ޝަޒީމާ ބުންޏެވެ.

އެވަގުތު މަންމަ މީހަކަށް ގުޅައިގެން ހުރީ ޖެޓީ މަތީގަ. އަޅުގަނޑުވެސް ޖެޓީ މަތީގައި މަންމަ ކައިރީގައި ހުއްޓާ ނަރުސް ކުއްޖާ ބާރަށް ބޭބެ ބޭބޭ އޭ ކިޔާފައި ގޮވަން ފެށީމަ އަޅުގަނޑުވެސް ބައްޕަ އަށް ވީގޮތެއް ބަލަން ދުވެފަ ގޮސް ލޯންޗަށް އެރީ. އޭރު އެމީހުން ބައްޕަ އޮތީ ހުއްޓިފަ. ނަރުސް ކުދިން ސީޕީއާރު ދެމުން ދިޔައީ. ދެން އަޅުގަނޑުވެސް ބައްޕަގެ ގައިގަ ހިފާފާ ތަޅުވާލަމުން ބައްޕައަށް ގޮވަންފެށީ. އެވަގުތު ބައްޕަ ލޯ ހުޅުވާލާފައި ނޭވާ އެއް ލި. އޭގެ ފަހުން ބައްޕަ ނޭވާއެއް ނުލާ.

އޮކްސިޖަން ބަލާ ދިޔަ އެންބިއުލާންސް އަށް އޮކްސިޖަން ހިފައިގެން އާދެވުނީ 10 ވަރަކަށް މިނެޓް ފަހުން ކަމަށް ޝަޒީމާ ބުންޏެވެ. އަދި އެވަގުތު ހޮސްޕިޓަލްގެ އެންބިއުލާންސް އަށް އަރުވަން މަސައްކަތް ކުރި ވަގުތު ޝަޒީމާ ވެސް ހޭނުތެނެވެ. ދެން ކަންތައްތައް ޝަޒީމާ ކިޔއިދިނީ އޭނާގެ މަންމައާ ހަވާލާދީއެވެ.

މާހިރުގެ އަންހެނުންނާއި ހަވާލާދީ ދަރިފުޅު، ޝަޒީމާ އިތުރަށް ކިޔަދިން ގޮތުގައި އޭނާ ހޭނެތުމުން ބައްޕަގެ ހަށިގަނޑާއެކު އޭނާވެސް ހޮސްޕިޓަލަށް ގެންދިޔައީ އެމްބިއުލާންސްގައެވެ. އެމްބިއުލާންސަށް އެރުވުމަށްފަހު ހޮސްޕިޓަލަށް ފޮނުވާލީ އޭނާގެ މަންމަ ބަނދަރުމަތީގައި ބަހައްޓާފައެވެެ.

މަންމަ ކިޔައިދިން ގޮތުގައި އަޅުގަނޑު ހޭނެތުމުން އަޅުގަނޑާއި ބައްޕަ އެމްބިއުލާންސް އަށް އަރުވާފަ ހޮސްޕިޓަލަށް ގެންދިޔައީ މަންމަ ޖޭޓީ މަތީ ބަހައްޓާފަ. މަންމަ ބުނިގޮތުން މަންމަ ވެސް ހުރީ ޝޮކެއްގަ. އެމްބިއުލާންސް ދުއްވާލި އަޑަށް މަންމައަށް ވެސް ހޭވެރިކަން އައީ. މަންމަ އެކަނި އެތާ ބަހައްޓާފަ އަޅުގަނޑުމެން ގެންދިޔައީ.

މާހިރުގެ އަންހެނުން ހޮސްޕިޓަލަށް ދިޔުމަށް އެވަގުތު ބަނދަރު ސަރަހައްދުގައި ހުރި މީހެއްގެ ކައިރިން އެހީ އަށް އެދުނު ކަމަށާއި އަދި އެމީހާ މާހިރުގެ އަންހެނުން ހޮސްޕިޓަލަށް ގެންގޮސްދިން ކަމަށްވެސް މާހިރުގެ އަންހެނުންނާއި ހަވާލާދީ ޝަޒީމާ ކިޔައިދިނެވެ. އަދި މާހިރުގެ އަންހެނުން ހޮސްޕިޓަަށް ވަދެ ފުރަތަމަ ދިޔައީ މާހިރު ކައިރިއަށް ކަމަށާއި އެއިރު މާހިރުގެ ހަށިގަނޑު އޮތީ ފިނިވެފައި ކަމަށް ވެސް ޝަޒީމާ ކިޔައިދިނެވެ.

ޝަޒީމާ އިތުރަށް ކިޔައިދިން ގޮތުގައި ބަލި މީހާ ބަލާ އެމްބިއުލާންސް ދާންޖެހޭނީ އޮކްސިޖަން ހިފައިގެން ކަމަށް ގއ.ވިލީނގިލީ ހޮސްޕިޓަލް ގެ މޭނޭޖާރ އޭނާގެ ކުރިމަތީގައި އެތަނުގެ ނަރުހުންނާ ވާހަކަ ދައްކަވަމުން ވަނީ ބުނެފަައެވެ.

މި މައްސަލައާއި ގުޅިގެެން މިހާދިސާ ހިނގި ދުވަހު ގއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފު އަހުމަދު " ގާފު " އަށް އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި ހޮސްޕިޓަލްގެ ޕްރޮޓޮކޯލް އޮންނަ ގޮތުންނަމަ ހޮސްޕިޓަލަށް ސީއެެމްބިއުލާންސްގައި ގެންނަ ބަލި މީހަކު ބަލާ އަންނަން ބުނާނަމަ އެ ގެންނަ ބަލިމީހަކީ އޮކްސިޖަން ބޭނުންވާ މީހެއްކަން އަންގަން ޖެެހޭޭނެ އެވެ. އެހެން ނަމަވެސް އެދުވަހު ހޮސްޕިޓަލަށް އެކަން އަންގާފައި ނުވާ ކަމަށް ރިސެޕްޝަނުން އެނާއަށް އަންގާފައިވާ ކަމަށެވެ. އަދި އެމްބިއުލާންސް އެތަނަށް އެެޓެންޑުވި އިރު އެމްބިއުލާންސްގައި އޮކްސިޖަން ނެެތީ އެސަބަބާ ގުޅިގެން ކަމަށް އޭނަ ވަނީ ބުނެފައެވެ.

އެެހެެން ނަމަވެެސް މިވާހަކަ ޝަޒީމާ ދޮގުކުރެެެއެވެ. ޝަޒީމާ ބުނިގޮތުގައި ސީއެމްބިއުލާންސުން ބައްޕައާއި ހަވާލުވި ދެނަރުހުންނަށް ބައްޕަގެެ ހާލަތު ވަރަށް ރަނގަޅަށް ގެމަނަފުށީ ސިއްހީ މަރުކަޒުން ވަނީ ކިޔައިދީފައެވެ.

އެދުވަހު ޝަރީފް ވިދާޅުވީ އެމައްސަލާގައި އިހުމާލުވީ ކޮން ހިސާބަކުން ކޮން ކޮން މުވައްޒަފުންނެއްތޯ ބަލަމުން އަންނަ ކަމަށެވެ. އަދި އިހުމާލުވެފައިވާ ބަޔަކު ހޯދައި އެކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތް އެންމެ ގާތުން ފެނުނު، މަރްހޫމްގެ ދަރިފުޅު ޝަޒީމާ “ގާފު” އަށް މި މައުލޫމާތު ހިއްސާ ކުރީ ކަން ހިނގައިދިޔަ ގޮތް ދިވެހި އެންމެހާ ރައްޔިތުންނަށް ހާމަކުރުމަށެވެ. ޝަޒީމާ ދެކޭ ގޮތުގައި އޭނާގެ ބައްޕައާމެދު ވިލިނގިލީ ހޮސްޕިޓަލުން ވަނީ ވަރަށް ބޮަޑަށް އިހުމާލުވެފައެވެ. އެކަން އޭނާ ވަރަށް ބޮޑަށް ކުށްވެރި ކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ