ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުމަށް އަންގައި ކަރަންޓީންގެ މުއްދަތު 10 ދުވަހަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރުކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށް ރަށުގައި މާސްކު އަޅައިގެން އުޅުމާއި ބޭރުގައި އުޅޭ ނަމަ ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށެވެ. މި އެންގުމަށް އަމަލު ކުރަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.
ކޮވިޑް-19 އާ ގުޅިގެން މާސްކް އެޅުން މަޖުބޫރުކޮށްފައި މީގެ ކުރީން އޮތީ މާލެ ސަރަހައްދު ކަމަށްވާ މާލެ، ވިލިމާލެ އަދި ހުޅުމާލެގެ އިތުރުން ގެސްޓް ހައުސް ހިންގާ ރަށްތަކުގައެވެ. އެހެންނަމަވެސް އަލަަށް ގެންނަ މި ބަދަލާއެކު މީހުން އުޅޭ ހުރިހާ ރަށެއްގައިވެސް މާސްކް އަޅަން ޖެހޭނެއެވެ.
މީގެކުރީން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ހޭދަކުރަން ޖެހުނު ނަމަވެސް އަންނަ ހުކުރު ދުވަހުން ފެށިގެން ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ބަދަލުވާނެ އެވެ. އެހެންނަމަވެސް އެގޮތަށް ބަދަލު ގެނެސްފައިވަނީ އެއް ރަށުން އަނެއް ރަށަށް ދާ ފަރާތްތަކުންނަށް އެކަންޏެވެ. ވައިރަސްއަށް ޕޮޒިޓިވްވާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ ފަރާތްތަކުންގެ ކަރަންޓީނުގެ މުއްދަތު ދެންވެސް އޮންނާނީ 14 ދުވަހަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.