ނުދަންނަ މީހުން ގިނަ ތަންތަނުގައި ވާހަކަ ދައްކަން ލަނދުގަނެ، މީހުންނާއި އެކަހެރިވުމަކީ އާންމުކޮށް ގިނަމީހުންނަށް ދިމާވާކަމެކެވެ. މިއީ ގިނަ މީހުންގެ ޠަބީއަތުގައި ހަރުލާފައި ހުންނަ ސިފައެކެވެ. އަހަރަމެން އެއްވެސް އިންސާނަކީ، "ޝޯޝަލް ސްކިލްސް" ނުވަތަ އެކަކު އަނެކަކާއި ގުޅުމުގެ ހުނަރަކީ، އެއްވެސް މީހަކަށް ވިހާއިރު، ލިބިފައިވާ ހުނަރުތަކެއް ނޫނެވެ. މިފަދަ ހުނަރުތަކުގެ ތެރެއިން ވާހަކަ ދެއްކުމުގެ ހުނަރަކީ ދިރިއުޅުމުގެ ތަފާތު މަރުހަލާތަކުން އަހަރެމެން ދަސްކުރާ ހުނަރެކެވެ. މިފަދަ އާ ހުނަރުތައް ދަސްކުރުމަށް، އެމީހެއްގެ ޝަހުސިއްޔަތު ކޮންމެހެން ބަދަލުކުރާކަށް ނުޖެހެއެވެ. ނަމަވެސް ބައެއް "ޝޯޝަލް ސްކިލްސް" ދަސްކުރެވިއްޖެނަމަ، ތިބާއަކީ އެހެން މީހުންނަށް ފާހަގަކުރެވޭ، އެހެންމީހުން ބަލައިގަންނަ ބަސްވިކޭ މީހަކަށް ވެވިދާނެއެވެ. މިގޮތުން ލަނދުރަކިގޮތް ފިލުވައި އެހެން މީހުންނާ ނުގުޅޭ ގޮތް ބަދަލުކޮށް މީހުން ޝައުގުވެރިވާ ކަހަލަ މީހަކަށް ބަދުލުވާން ކުރެވިދާނެ ބައެއް ކަންކަން ހިމަނާލާނަމެވެ.
- އެމާހައުލެއްގައި ތިބާ ހާޒިރުވެ ހުރުން.
އެހެން މީހުންނާއެކު، ތިބާ ވަގުތު ހޭދަކުރާއިރު، ތިބާ ކަންކަމާ ފިކުރު ބޮޑުވެ، އެހެން ކަންކަމަށް ވިސްނާ، އެމާހައިލުގައި ހިގާކަން ކަމަށް ތިބާގެ ސަމާލުކަށް ނުހުންނަ ނަމަ، އެހެން މީހުންނަށް ވަރަށް ފަސޭހައިން އެކަން ފާހަގަ ކުރެވޭނެއެވެ. މިގޮތަށް ތިބާގެ އަމަލުތައް ހުންނަ ނަމަ، ތިބާއަށް އުދަނގޫވާ ފަދައިން، ތިބާއާއި އެކު ވާހަކަދައްކާ ފަރާތަށްވެސް ވާހަކަ ކުރިޔަށް ގެންދަން އުދަނގޫވެ، ތިބާއަށް ދޭ ސަމާލުކަން ކުޑަވެގެން ދާނެއެވެ. މިގޮތުން އެހެން މީހުންގެ ސަމާލުކަން ހޯދަން ބޭނުންނަމަ، ތިބާގެ ވާހަކަތަކަށް އެހެން މީހުންގެ ސަމާލުކަން އަނބުރާލަން ބޭނުންނަމަ، އެމާޙައުލެއް ތިބާ ޖިސްމާނީގޮތުން އަދި ނަފްސާނީގޮތުންވެސް ހާޒިރުވެ ހުރުން މުހިންމެވެ.
- ތިބާއަކީ، ލަނދުރަކި މީހެއްކަމަށް ދެކިގެން މާފަށް އެދުން
ލަނދުރަކި ވުމަކީ ކޮންމެހެން އެހެން މީހުންކިބައިން، މަޢާފަށް އެދެންޖެހޭ ސަބަބެއް ނޫނެވެ. ލަނދުރަކި މީހަކަށް ތިބާ ވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ގިނަ މީހުންނާއި ގިނައިން މުޢާމަލާތްކޮށް، ތަފާތު މިޒާޖުތަކުގެ މީހުންނާއި އެކީ އުޅެން ދަސްކުރުމުން، މިމައްސަލަޔަށް ހައްލެއް ލިބިގެން ދާނެއެވެ.
- އާއެކޭ ނޫނެކޭ ޖަވާބުގައި ބުނަންޖެހޭ ސުވާލުތަކުގެ ބަދަލުގައި، ގިނަގިނައިން ހުޅުވާލެވިފައިވާ ސުވާލުކުރުން:
އާއެކޭ ނުވަތަ ނޫނެކޭ ޖަވާބުގައި ބުނަންޖެހޭ ސުވާލުތައް ކުރުން ވީހާވެސް މަދުކުރާށެވެ. އަދި މުއާމަލާތްކުރުމުގައި ވީހާވެސް ބޮޑަށް ހުޅުވިފައިވާ ސުވާލުތައް ކުރުން ގިނަކުރާށެވެ. މިގޮތުން ވާހަކައެއް ފުޅާކުރަން ބޭނުންނަމަ، ފަސް ކާފުގެ ސުވާލުތައް ކުރެވިދާނެއެވެ. ކާކު؟، ކޮންއިރަކު؟، ކޮންތާކު؟ ކޮންކަމެއް؟ ކީއްވެ؟ މިސާލަކަށް ކޮންމެ ހުކުރުދުވަހަކު އާންމުކޮށް ދަނީ ކޮންތަންތަނަކަށް ތަ؟ ކާއެއްޗެހީގެ ތެރެއިން އެންމެ މީރީ ކޮންތަކެއްޗެއް؟ ދިރާސާތަކުން ދައްކާގޮތުން ގިނަ މީހުން އެމީހުންގެ އަމިއްލަ ނަފުސާއި ގުޅުން ހުންނަ ސުވާލުތަކަށް ވާހަކަ ދައްކާ ހިތްވެއެވެ. އެހެންކަމުން ވާހަކަ އެއް ދައްކަން ފެއްޓުމަށްޓަކައި، ސުވާލުކުރުމަކީ، ވާހަކަ ކުރިޔަށް ގެންދިޔުމަށް އިތުރަށް ބާރު ލިބޭ، އަދި އެވާހަކައެއް އިތުރުރަށް ފުޅާކުރުމަށް ބާރު އެޅިގެންދާ ކަމެކެވެ.
- އަމިއްލަ ނަފުސަށް ނިސްބަތްކޮށް ހީލުން:
އަމިއްލަޔަށް މޮޔަކަމެއް ނުވަތަ ލަނދުގަންނަންޖެހޭ ކަމެއް ކުރެވިއްޖެނަމަ، އެކަން މަޖަލަކަށް ހަދައި އަމިއްލަ ނަފުސަށް ނިސްބަތްކޮށް ހީލާށެވެ. މިފަދަ ގޮތަކަށް ތިބާ ކަންތައް ކުރުމުން، އެހެން މީހުން އެކަންތައް، ޒާތީގޮތަކަށް ނުނަގައި، މާބޮޑު ސީރިއަސް ކަމެއްގެ ގޮތުގައި ނުދެކޭނެއެވެ. ގިނަ މީހުން ކަން ކަން ތިބާ ހީކުރާހާ ގޮތަށް ވިސްނައި، ނުވަތަ ޒާތީކޮށް ނުނަގައެވެ.
- އަމިއްލަ ނަފުސާއި، އެހެންފަރާތްތަކާއި އަޅާނުކިޔުން.
ކޮންމެ އިންސާނަކީވެސް އެމީހެއްގެ ޒާތުގައި އަމިއްލަ ގޮތްތަކެއް ހުންނަ ތަފާތު މީހެކެވެ. ބައެއް މީހުން ވަރަށް ފަސޭހައިން، ޠަބީޢީ ކަމެއްގެ ގޮތުގައި އެމީހެއްގެ ދިރިއުޅުމުގައި ދިމާވާ ހުރިހާކަމެއް އެހެން މީހުންނާއި ހިއްސާކުރާ މީހުންނެވެ. ނަމަވެސް ލަނދުރަކި، އެހެން މީހުންނާއި ގުޅެން އުދަނގޫ މީހުންނަށް ދިރިއުޅުމުގައި ދިމާވާ ކަންކަން އެހެން މީހުނާއި ހިއްސާކުރުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ތިބާ އަކީ މިފަދަ މީހެއްނަމަ، އަމިއްލަ ނަފުސާއި، އެހެން މީހުންނާ އަޅާކިޔުމުން، އާދަޔާ އުދަނގޫ ގޮތްތައް ކުރިމަތިވެ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ދަށްކުރުވައެވެ. މިގޮތުން ތިބާ އަކީ، ތިބާގެ ޒާތުގައި ތަފާތު މީހެއްގެ ޝަރަފު ލިބިގަނެ، "ކޮމިއުނިކޭޝަން ސްކިލްސް" ނުވަތަ އެހެން މީހުންނާއި ގުޅިގެން އުޅުމުގެ ހުނަރުތައް ދަސްކޮށް، މުޖުތަމަޢުގެ އެހެން ފަރާތްތަކާއި ގުޅިގެން އުޅެން ދަސްކޮށް، މީހުން ޝައުޤުވެރިވާ މީހަކަށް ތިބާ ބަދަލުވާށެވެ.
- ހަށިގަނޑުގެ ޙަރަކާތް:
ލަނދުރަކި މީހުންގެ ލަނދުރަކި ގޮތް ކަނޑުވާލުމަށް ހަށިގަނޑުގެ ޙަރަކާތް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ. ސާބިތުކަމާއެކު މީހާ ކޮޅަށް ހުރެ، ހިނިތުންވުމާއެކު، އެހެން މީހުންނާއި ކުރިމަތިލައި، ލޮލުގެ ނަޒަރު ކުރިމަތީގައިވާ މީހާއަށް އަމާޒު ކުރާގޮތަށް ހުރުމުން، ތިބާއަކީ ވާހަކަ ދެއްކިދާނެ، ކިބުރުވެރިކަން އަދި ބޮޑާކަމެއް ނެތް މީހެއްގެ ގޮތުގައި އެހެން ފަރާތްތަކަށް ފެނިގެން ދާނެއެވެ. މިފަދަ ހަށިގަނޑުގެ ހުނަރުތަކުން، ސިކުނޑީގެ ހާސްކަން ދުރުކޮށް، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުކޮށްދެއެވެ.
- އެހެން މީހުންނަށް ކިޔަވައިދިނުން
ލަނދުރަކިކަން ހުންނަ އެހެންމީހުންނާއި ގުޅިގެން އުދަނގޫވާ މީހުންނަށް ތިބާ އެހީތެރިވެ، އެފަދަ ކަންކަމުން އަރައިގަންނަ ގޮތްތައް ދަސްކޮށްދޭށެވެ. މިއީ ތިބާ އަމިއްލަޔަށްވެސް މިފަދަ ކަންކަމުން އަރައިގަތުމަށް ބާރު ލިބިގެންދާނެ ކަމެކެވެ.
- ތަފާތު މައުޟޫތަކާއި ގުޅޭ މައުލޫމާތު ކުރިން ހޯދާފައި ބެހެއްޓުމެވެ.
ގިނަ މީހުން އެއްވާ އެއްވުންތަކަށް ދިޔުމުގެ ކުރިން، އެ މުނާސަބަތަކާއި ގުޅޭ މައުލޫމާތުކޮޅެއް އެއްކޮށްލާށެވެ. މިގޮތަށް އަމަލުކުރުމުން، ބައްދަލުވާ މީހުންނާއި ދައްކާނެ ވާހަކަތައް ހުސްވެގެން އުޅޭކަށް ނުޖެހޭނެއެވެ.
އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ، ތިބާ އަކީ ލަނދުރަކި މީހަކަށް ވުން އެއީ އެއްވެސް ހާލެއްގައި މައްސަލައެއް ނޫނެވެ. އަބަދުވެސް އަމިއްލަ ނަފުސަށް އިތުބާރުކޮށް، އެހެން މީހުންގެ ނަޒަރުގައި ތިބާއަކީ އެހެން މީހުންނަށް އިޙްތިރާމްކުރާ، ހިތްތިރި މީހެއްގެ ސިފަ ލިބިގަންނާށެވެ.