ދީނަށް ފުރައްސާރަކުރި މީހާ އަށް ފިޔަވަޅު އަޅަން ގޮވާލައިފި

ހައްދު ފަހަނައަޅާފައިވާ މީހަކު ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ކުޑައިމީސްކޮށް، ފުރައްސާރައާއި މަލާމާތް ރައްދުކޮށް އަދި މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ހަޖޫ ޖަހާފައި ހުރި ބައެއް ޕޯސްޓުތައް ފަތުރަމުންދާ ޢަލީ އާނިމް މުފީދުގެ މައްސަލަ ބަލައި އޭނާއާއި ފިޔަވަޅު އެޅުމަށް "ރައްޔިތުންގެ އިއްތިހާދު" އިން ފުލުހުންނަށް  ގޮވާލައިފި އެވެ.

ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަދު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ މި މައްސަލައަކީ މިދިވެހި ފަސްގަނޑުގައި އަޅައި ނުލައި ދޫކޮށްލެވިގެން ވާނެ މައްސަލައެއް ނޫންކަމުން، އެމީހާ މިހާރުން މިހާރަށް ހައްޔަރުކޮށް، ހައްޔަރުގައި ބައިންދައިގެން މައްސަލަ ވީހާވެސް އަވަހަކަށް ތަޙްޤީޤުކޮށްދެއްވައި، ޝަރުއީ ގޮތުން އެފަދަ ކަންކަމަށް މާތް ﷲ ބާވައިލައްވާފައިވާ ޙުކުމްފުޅު ތަންޒީޛު ކުރުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް ރައްޔިތުންގެ އިއްތިހާދުގެ ފާރާތުން އެދި ހުށަހަޅާކަމަށެވެ.

ރައްޔިތުންގެ އިއްތިހާދުން ބުނީ މިފަދަ ކަންކަން ތަރުކާރު ވެގެން ދަނީ އެފަދަ ކަންކަން ކުރާ މީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މާ ބޮޑަށްވެސް ލަސްވެ ކަންކަން ދިގުލައިގެން ދާތީ ކަމަށެވެ.

ދާދި ފަހުން އިންޑިއާ މީހަކުވެސް ވަނީ މަސްތުގެ ހާލުގައި ހުރެ މަގުމައްޗަށް ނިކުމެ ދީނަށް ހުތުރު ބަސްތައް ރައްދުކޮށްފައެވެ. އެ މީހާ އެކަން ކުރީ ފުލުހުންގެ އެތަށް ބައެއްގެ ކުރިމަތީގައެވެ. ހައްދު ފަހަނަ އެޅި އެ މީހާއަށްވެސް ފިޔަވަޅު އެޅުމެއް ނެތި ފުލުހުން ބުނީ އޭނާ ޑީޕޯޓް ކޮށްލައިފި ކަމަށެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް