
2PVW5QHQWFBNVCUPDQ3DDGDLOI
ބާސެލޯނާގެ ކޯޗުކަމާއި 2020 ވަނަ އަހަރުގެެ ޖެނުއަރީ މަހު ހަވާލުވި ކީކޭ ސެޓިއެން ޓީމުގެ ބޯޑާއި މެނޭޖްމެންޓާއި ދެކޮޅަށް ކޯޓަށް ދާން ނިންމައިފިކަމަށް މީޑިޔާ ރިޕޯޓުތަކުން ބުނެފިއެވެ.

ކުރީގެ ރެއާލް ބެޓިސް ގެ ވެސް ކޯޗު ސެޓިއެން ކޯޓަށް ދާން ނިންމީ ކޯޗުކަމުގައި އެއްބަސްވުމާއި ހިލާފުވިކަމަށް ބުނެއެވެ. ސެޓިއެން ބުނާގޮތުގައި މަގާމުން ވަކިކުރަން އަންގާފައިވަނީ ސެޕްޓެމްބާރ 16 ވަނަ ދުވަހު ފެކުހެއް މެދުވެރިކޮށް ކަމަށެވެ. އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް މި އަހަރުގެ ޖެނުއަރީ މަހު ސެޓިއެން ބާސެލޯނާގެ ކޯޗުކަމަށް ގެނައީ 2022 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. އެކަމަކު މަގާމުގައި އޭނާ އަށް ދެމިހުރެވުނީ އަށް މަސް ދުވަސް ވަންދެނެވެ. އޭނާ ވަކިކުރަން ބާސެލޯނާ އިން ނިންމީ މިދިޔަ އޮގަސްޓް މަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން 8-2 އިން ބަލިވި މެޗަށް ފަހު އެވެ. އެކަން ސްޕެއިނުގެ ނޫސްތަކަށް އެންގީ ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެފް ބާޓޮމެއުއާ އެވެ.
ސެޓިއެން ބުނީ މަގާމުން ވަކިކުރިކަން އޭނާ އަށް ރަސްމީކޮށް ބާސެލޯނާ އިން އެންގީ ސެޕްޓެމްބަރު މަހު 16 ވަނަ ދުވަހު ފެކުހެއް މެދުވެރިކޮށް ކަމަށާއި އޭގެ ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކާ މެދު ހިށްހަމަ ނުޖެހޭ ކަމަށެވެ. ސެޓިއެން ވަކިކުރަން ބާސެލޯނާ އިން ނިންމީ އެ އެއްބަސްވުމުގައިވާ ކޮންމެ ސީޒަނެއް ނިމުމުން ވަކި ކަންތައްތަކެއް ފުރިހަމަ ނުވެއްޖެނަމަ ސެޓިއެން ވަކިކުރަން ބާސެލޯނާ އަށް އިހުތިޔާރު ލިބޭ މާއްދާ އަށް ބަލައިފަ އެވެ. އެކަމަކު މިދިޔަ ސީޒަނަކީ އެއްކޮށް ސެޓިއެން އަށް ފުރިހަމަ ސީޒަނެއްގެ ގޮތުގައި ނުގުނޭނެތީ އެ މާއްދާ އަށް ބަލައި އޭނާ ވަކިނުކުރެވޭނެކަމަށް ސެޓިއެން ގަބޫލުކުރެ އެވެ. އަދި އެ ގޮތަށް ބާސެލޯނާ އިން ކޮންޓްރެކްޓް ކެންސަލްކުރާނަމަ މާލީ ބަދަލެއްގެ ގޮތުގައި މަދުވެގެން 10 މިލިއަން ޑޮލަރު ހޯދަން ސެޓިއެން ޑިމާންޑްކުރެ އެވެ. ސްޕެއިން ނޫސްތަށް ބުނާގޮތުން ބާސެލޯނާ އިން އެގޮތަށް އެއްބަހެއް ނުވެ އެވެ.
މައްސަލަ ހައްލުނުވި އެންމެ ފަހުން ސެޓިއެން ވަނީ އޭނާގެ ވަކީލުން މެދުވެރިކޮށް ކެޓަލޫނިއާ ކޯޓަކަށް ބާސެލޯނާއާ ދެކޮޅަށް މައްސަލަ ހުށަހަޅަން ނިންމައިފަ އެވެ. ސެޓިއެންގެ ގާތް ފަރާތްތަކާއި ހަވާލާދީ ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ދެ ފަހަރެއްގެ މަތިން ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލުކުރެވޭނެ ގޮތެއް އޮތްތޯ ބަލައިފަ އެވެ. އެކަމަކު މާލީ ބަދަލުދޭން ބާސެލޯނާ އިން ބޭނުންވަނީ ބަހާލައިގެން ކަމަށް ބުނާތީ ސެޓިއެން އެ މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުމެއްނުވެއެވެ.