ހުވަދު އަތޮޅަކީ ދުނިޔޭގެ އެންމެ ބޮޑު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅަކަށްވެފައި، ހުވަދު އަތޮޅުގެ އެންމެހާ ރައްޔިތުން ރާއްޖޭގެ އެހެން ކަންކޮޅުތަކާއި ތަފާތު ބަހުރުވަޔަކުން ވާހަކަ ދައްކާކަމީ ހުވަދު އަތޮޅުގެ ކޮންމެ ރައްޔިތަކަށް ލިބިގެންދާ ފަޚުރެކެވެ. ޝައްކެއްވެސް ނެތްގޮތުގައި ހުވަދޫ ބަހުރުވަޔަކީ އަހަރަމެންނަށް ކާބަފައިންގެ ފަރާތުން ވާރުތަ ވެފައިވާ އަގުބޮޑު ތަރިކައެކެވެ. ހުވަދޫ ބަހުރުވަ ދިރުވައި އާލާކޮށް، އޭގެ އެންމެ ފުރިހަމަ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ހުވަދުއަތޮޅަށް ނިސްބަތްވާ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.
ކަންމިހެން އޮތް އިރު، މިއަދު ޤަބޫލުކުރަންޖެހިފައިވާ ހަޤީޤަތަކީ، ހުވަދޫ ބަހުރުވައިގައި ބޭނުންކުރަމުން އަންނަ ބައެއް ބަސްތަކަކީ ހުތުރު، ޒަމާނެއް ނުފެތޭ ބަސްތަކެއްކަމަށް ދެކި، އެބަސްތައް ބޭނުންކުރުން ހުއްޓާލާފައި ވާކަމެވެ. މިގޮތުން ހުވަދޫ ބަހުރުވައިގައި ބޭނުން ކުރާ ބަސްތައް ކަމުގައިވާ "ތަ"، "ތޯ" ފަދަ ބަސްތަކަކީ ހުތުރު ބަސްތަކެއްކަމަށް ދެކި، ވާހަކަ ދެއްކުމުގައި މިބަސްތައް އެއްގޮތަކަށްވެސް ގިނަ ބަޔަކު ބޭނުން ނުކުރެއެވެ. "ތަ"، "ތޯ" ކިޔައިގެން ވާހަކަ ދައްކައިފިނަމަ، ބައެއް މީހުން ހިންހަމަ ނުޖެހި ރުޅިވެސް އާދެއެވެ. ނަމަވެސް ހަޤީޤަތަކީ މިއީ އަހަރަމެންގެ ބަހުރުވައިގައި ބޭނުންކުރާ ބަސްތަކެވެ.
ހަށިގަނޑުގެ ބައިތަކަށް ކިޔަން ޚާއްސަ ނަންތަކެއް ހުވަދޫ ބަހުރުވައިގައި ހުރެއެވެ. ނަމަވެސް ހަށިގަނޑުގެ ބައިތަކަށް ކިޔާ ހުވަދޫ ބަހުރުވައިގެ ނަންތައް އެނގެނީ ކިތައް ޒުވާނުންނަށްތޯ ސުވާލު އުފެދެއެވެ. މިގޮތުން ރަސްމީ ދިވެހިބަހުގެ ނުފޫޒު، ހުވަދޫ ބަހުރުވައަށް ވަނުމުގެ ސަބަބުން ހުވަދޫ ބަހުރުވައިގައި ހުރި މިފަދަ ބަސްތައް އުވިގެންދާކަން ފާހަގަކުރެވެއެވެ.
އައްތެލާ ގޮޑިޔާ، ކަރެބެޔާ، މެއިދަޓާ، އޮޅަކޮޑާ، ހުޓިކަހާ، ކަބޮޅެޔާ، ކަކެލެ ފޮނެޔާ، ހަންދިރޯ، ކަރެގޮއްޓާ، ބޮއިފޮޅުވަޑާ ފަދަ ބަސްތަކަކީ ހަށިގަނޑުގެ ބައިތަކަށް ހުވަދޫ ބަހުރުވައިން ބޭނުންކުރާ ނަންތަކެވެ. ހަށިގަނޑުގެ ބައިތަކަށް ކިޔާ، މިފަދަ މުއްސަނދި ނަންތައް ހުވަދޫ ބަހުރުވައިން ހުރިއިރު، މިބަސްތައް ބޭނުން ނުކުރަންވީ ކީއްވެ ހެއްޔެވެ؟. ދެ އިނގިލި ދޭތެރެއަށް ކިޔަން ޚާއްސަ ނަމެއް ހުވަދޫ ބަހުރުވައިގައި އޮތް އިރު "ކަރެބެޔާ" ނުކިޔައި "ދެއިގިލި ދޭތެރާ" ކިޔަންޖެހޭ ސަބަބެއް ނެތެވެ.
މިއަދާ ހަމަޔަށް އައިއިރު ހުވަދޫ ބަހުރުވައިގައި ބޭނުންކުރަމުންއައި، ބައެއް މުސްކުޅި ބަސްތަށް އުވި ވަނީ ނެތެން ފަށައިފައެވެ. މިގޮތުން ހުވަދޫ ބަހުގައި ބޭނުންކުރާ ބައެއް މުސްކުޅި، މިއަދުގެ ޒުވާނުން އެހާ ފަރިތަ ނޫން ބައެއް ބަސްތައް ހިމަނެފައިވާ ހުވަދޫ ބަހުރުވައިގެ ޖުމަލަތަކެއް ހިމަނައިލާނަމެވެ.
- ކުއްދާ އައްޕާ މިވޮންނާ ހީކަރައިގެން، ތިތާ އޮތެ މާސޯބާ ދިއްކޮށްލަ ހެލެ
- މަ ރުކަން އަރާހައި އެރުނެ ވޭލޭ ކެރެއްލާ ކޮޑީގެ
- އެކުއްދާ އެވޮންނާ ނީރާކޮށްގެން، އެޔަން ރޯފަނި ސިއްކެކެ ދީފަހެލެ
- މިތާ ލޮޓާން އޮޑާހައި ހުއްޓި ދޯބުރާލި ކޮބައި؟
- ކުއްދޭ ތޯ ސަރުބޮހާ ނަގައިގެން އަހަފެލެ.
- މަނިކާ ރޯއްދާ މިކުއްދާ މިހުއްޓޫ ކާޓު ރާއްވާ އޮޑައިގޮހޮ ކުން.
- އެތާ ކަނެތި ބަހުއްޓި އުއްމަޗޭ އުއްޅޭ ލިޔެނެވަރަން.
- އެހަމު ހުރެއި އުސްތުބާން، ސާހިމަޓެ ތެލެ ބަހުއްޓީ
- އޮޅެ ސިއްގިރި ފޭރެކެ ތަ ތިބިންނޫ ކޭއްކެރަން.
- މިވޮންނާ ބޮއިފޮޅު ވަޑަން ތަދެކެ އަރައިގެން
- މިތާ އޮތެ ގަންޖިފަރާހާ ތޯ ނެގޫ
- އަޅާ ތޯ ތިތަންނެން ކަންނޭނައިކެ ދިއްކޮލަހެން.
- ތިތަންނެން ކައޮއްޓަކު، އަތޮޅެޔާ ކަޑައިލައި، ގާހައި މަން ތުޑިއްލާ ދީހެން.
- އަދެ އާ އިދިހެނެ ބައްތެއްލެން ތަ އާއު؟
- ހިގަހެން ރާމީ ކައްކަންނަން އަދެ؟
- ގޮހޯ މޭޒޭ މަންތޭ ތެއި ކަނެއްތޭ މަކުއްބެއާ ޖަހައިލެހެން
މިއީ އަހަރެމެންގެ ހުވަދޫ ބަހުރުވައިގެ ހުރި ރީތި މުސްކުޅި ބަސްތަކެވެ. ނަމަވެސް މިބަސްތައް ބޭނުންކުރާ ގޮތް މަދުވެފައިވުމުން، މިއީ ހުވަދޫ ބަހުރުވައިގެ ބަހެއް ތޯވެސް ގިނަ ފަރާތްތަކަށް ސުވާލު އުފެދެއެވެ. މިގޮތުން ކުރިން ގެނެވުނު ޖުމްލަތަކުގެ ބައެއް ބަސްތަކުގެ މާނަ ހިމަނާލާނަމެވެ.
"މާސޯބާ"، މިއީ މުސްކުޅި ހުވަދޫ ބަހެކެވެ. މިއީ ހުވަދޫ ބަހުރުވައިން ފިނިވެގެން ބޭނުންކުރާ ރަޖަޔަށް ކިޔާ ގޮތެކެވެ. މިނޫން ގޮތްގޮތަށްވެސް އަޑުއިވިފައިވެއެވެ. މިގޮތުން "ބަނާތެކެ" މިހެންވެސް ބައެއް ފަރާތްތަކުން ކިޔާ އުޅެއެވެ. "ކެރެއްލާ" އަކީ މުންޑު އަނދެގެން މުންޑު ބާރުކުރަން ފަހާފައި އޮންނަ ދިގު ހިމަ ފޮތިކޮޅެކެވެ. "ނީރާ ކުރުން" މިއީ ގިނަ ވަގުތު ނުކައި ހުރުމުން ބަނޑުގައި ގޭސް ހެދި ހޮނޑުލަވައި ގަންނަ ގޮތެއް ވުމަށް ކިޔާ ނަމެކެވެ. "ރޯފަނި" އަކީ ހުސް ފެނާއި ހަކުރު އެއްކޮށްގެން ހަދާ ބުއިމެކެވެ. ނުކައި ގިނައިރު ހުންނަ މީހާ، ގައިގައި ވަރުޖެއްސުމަށް، "އެނާޖީ ބޫސްޓާ"އެއްގެ ގޮތުގައި "ރޯފަނި" ނުވަތަ ހަކުރުފެން ބޯންދެއެވެ. "ލޮޓާ" އަކީ ދަޅަށް ކުރީ ޒަމާނުގައި ހުވަދޫ ބަހުން ކިޔައި އުޅުނު ގޮތެވެ. "ދޯބުރާލި" އަކީ "ވައިޓް ޝުގާ" ނުވަތަ ހަކުރަށް ހުވަދޫ ބަހުން ކިޔަން އުޅުނު ގޮތެވެ.
އާދަޔާ ޚިލާފަށް ހިކި އަނަރޫފަވެ، ކަށިގަނޑަކަށް ބަދަލުވެފައިވާ މީހުންނަށް ނިސްބަތްކޮށް "ކާޓު ރާއްވާ އޮޑައިގޮހޯ" މިބަސް ބޭނުންކުރެއެވެ. ވަކިއެއްޗެއް އާދަޔާ ޚިލާފަށް ގިނައިން ހުރުމުން "އުމައްޗޭ އުއްޅޭ ލިޔެނެވަރަން" މި ލަފުޒުތައް ހުވަދޫ ބަހުރުވައިގައި ބޭނުންކުރެއެވެ. "އުސްތުބާން" އޭ ބުނެވެނީ އެއްޗެއް ފުރެންދެން ހުރުމުން، އަދި "ސާހިމަޓެ ތެލެ" މިއީ ކަރާސީނު ތެލަށް ބޭނުންކުރާ މުސްކުޅި ހުވަދޫ ބަހެކެވެ. "ގަންޖި ފަރާހާ" އަކީ ޓީޝާޓަށް ބޭނުންކުރާ މުސްކުޅި ހުވަދޫ ބަހެކެވެ. "ކަންނޭނަ" އަކީ ވެސް ބާލީހަށް ހުވަދޫ ބަހުރުވައިން ކިޔާ މުސްކުޅި ނަމެކެވެ. "އަތޮޅެޔާ" އަކީ ކާށި ދެފަޅިކޮށްފަ އޮންނައިރު، ކާށިކިބައިގެ އެންމެ މައްޗަށް ވާގޮތަށް ކާށި ކިބައިގެ ވަށައިގެން ހުންނަ ކާށި ގަނޑުގެ މަތިއެވެ. "ތުޑިއްލާ" އަކީ ކާށި ގާނާ ނިމޭއިރު، ނާށިގަނޑުގައި ނުގޭނި ހުންނަ ކާށިކޮޅެވެ. "ރާމީ" އަކީ ބެލެވޭ ގޮތުގައި ރާއްޖެއަށް އެތެރެކުރި ނޫޑުލްސްގެ ބްރޭންޑް ނަމެވެ. "ރާމީ" އަކީ ހުވަދޫ ބަހުރުވައިން ނޫޑުލްސް އަށް ކިޔާ ނަމެވެ. މިނަން އައިސްފައިވަނީ ބެލެވޭ ގޮތުން ނޫޑުލްސްގެ ބްރޭންޑާއި ގުޅުވައިގެންނެވެ. "މަކުއްބެއާ" އަކީ ކާތަކެތި މެހިން ސަލާމަތްކުރުމަށް މަތިޖަހަން ބޭނުންކުރާ އިލޮޝިން ހަދާފައި ހުންނަ އެއްޗެކެވެ. މިގޮތަށް ޕްލާސްޓިކް އިން ހަދާފައިވާ ތަކެއްޗަށްވެސް މިނަން ހުވަދޫ ބަހުރުވައިން ބޭނުންކުރެއެވެ.
ކުރިންވެސް ބުނެވުނު ފަދައިން ހުވަދޫ ބަހުރުވަޔަކީ މުއްސަނދި ބަހުރުވައެކެވެ. އެހެނިހެން ބަހުރުވަތަކާއި ތަފާތު ބޮޑު، އާދަޔާ ޚިލާފު މި ބަހުރުވަޔަކީ، އަހަރަމެންގެ އެންމެ ބޮޑު ތަރިކަ ކަމަށް ދެކި، ބަހުރުވަ ދިރުވާ އަލާކުރާމާތޯއެވެ. ހުވަދުއަތޮޅަށް އުފަން މަޝްހޫރު ޅެންވެރިޔާ އަބްދުﷲ އަފީފް (އަފީއްބެގެ) ހުވަދޫ ބަހުރުވަޔާއި ގުޅުވައިގެން ގެނެސްދީފައިވަނީ ވަރަށް ޢިބްރަތްތެރި ޅެމެކެވެ.
ބަހުރުވަ ހުވަދޫ ވެތެރެންނަން، ދަސްނުވެ ނުއެގެއި އެދުރުންނަށް
ހާފާ ނުވެ ތިޔެ ދެރެވޮންނަން، ވޮޅެމާ ހިގަހެލެ މިތުރުންނޭ.
ވިހި ރަޓު ބަހުރުވަ ބަހަ ރާގާއި، ކުދެ ކުދެ ފަރެގެކެ ހުޓެފަންނެއި،
މިފަރަގެ ވިސްނައި ދެނެގަންނަން، ވޮޅެމާ ހިގަހެލެ މިތުރުންނޭ.
10 Responses
ތީ ހުސް ތެނަދޫ ބަހަކުން
ސިއްގިރި މާނާ ކޫކޮވައި
ތެނަދޫ ބަހައްކޫ ދެން ކޮން ބަހެކެ؟
ވަރަޓެ ކުދެޔޯ
ހުވަދޫ ބަހަ އެކެ ބަހުރުވައިކެ ވިޔެސް، ހުވަދު އަތޮޅު ދެ ތަޑިޔަން ބަލައިލިޔެސް ބަޔަކު ބަހަ ވަރަން ތަފާތެ. މިސާލަކަން ތެނަދޫ މީހެނެ އައްޕާ، އަންމާ ކިޔަންނު (މަންމަ އަދި ބައްޕައަށް). އެކަމަކު ވިލިގިއްލޭ މީހެނެ ކިޔަންނު މަންމާ، ބައްޕާ.
ވަރަށް ވަރަށް ކުޑަ
ކެރައްލާ ކިޔަންނޫ އުގު އޮޑައިފައި އޮންނާ އޫފަދެކެ ނުންފެހޭ ކޮށްމިޔަސް ފަދެކެ. ފޮތިގަޑަކުން ފަހައިފައި އޮންނަު ސޯރު ފޮތިގަޑެކެވެ. ޢޭޔަސް އުގު އޮޑެނެ އެއްތެކެ. ޢެބޮނަނެހެން ގިނަވޫ ތެނެދޫ ބަހަދާ. ތިކަހަލަ ލިޔުމެކެ ލިޔަނެވޭލޭ ރަގަޅަށް ދެ އަތޮޅޭ ބަހަ ރަގަޅަށް ސާފްކޮށްގެން ލޭލުން ރަގަޅެ.
ހުވަދޫ ބަހުން ނުލޭއި ހުވަދޫ ބަހަ ނުދިރުވެންނެއި. ހުވަދޫބަހުން ލޭއި ކެޔައި ވޮންނާ ވޮޅެ.
ތިތާކު ނެން އުވެނެ ބަހެކެ. އަހަރި އަހަންނަގެ ބަހަ ނުގެއްލަވަންނާ
މި ނޫހާ ލެޔަހޭ ހުވަދޫ ބަހުން . 19 ރަހަޓެ ދެހޭ ކޮންމެ ރަހަހަކަޓެ އެކެ ސަފުހާ ލެޔަންނަ. އެވޭލޭ ތިކަމާ ވެންނައު