މީސް މީޑިއާ މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހިގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފަށް މަރުގެ އިންޒާރު ދޭން ފަށައިފިއެވެ.
‘ގާފު’ އަށް މައުލޫމާތު ދެއްވަމުން މެމްބަރު ސަނީފް ވިދާޅުވީ މަރުގެ އިންޒާރުދީ ލިޔެފައި ހުންނަ ޕޯސްޓްތަކުގެ ސްކްރީން ޝޮޓް ފޮޓޯތަކެއް ލިބިފައިވާ ކަމަށެވެ.
މީސްމީޑިއާގައި ސަނީފް ހައްޔަރުކޮށް ޖަލަށް ލާން ޖެހޭ ކަމަށް ލިޔެފައިވާ ޕޯސްޓްތަކެއް ހުރިއިރު، އޭނާ ފްރޭމްކޮށް ޖަލަށް ލާން ޖެހޭ ކަމަށް ބުނެ ވެސް މީސްމީޑިއާ ޕޯސްޓްތަކެއްގެ ފޮޓޯތައް ދައުރު ވަމުންދެއެވެ.
އެކަމާ ގުޅިގެން ސަނީފް ވިދާޅުވީ އެފަދަ ޕޯސްޓްތަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވާ ކަމަށާއި ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި އަޑު އުފުލާނެ ކަމަށެވެ.
“އަޅުގަނޑު މަރާލއިގެން ލިބޭނެ ވަކި ފައިދާއެއްވެސް ގެއްލުމެއްވެސް ނޯންނާނެ، ބޮޑު ކަމަކަށް ކަނޑުވާލެވޭނީ އަޑު. ރައްޔިތުންގެ ހައްގުގަ އަބަދުވެސް ބަސް ބުނާނަން. ވަކާލާތު ކުރާނަން” ސަނީފް ވިދާޅުވިއެވެ.
ސަނީފަށް ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް އަމާޒުވެފައި މިވަނީ، ރައްޔިތުންގރ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީގައި ޓުއަރިޒަމް ބިލަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ސަނީފް ވިދާޅުވީ ދެކުނުގެ ސަރަހައްދުން ވަސީލަތްތައް ގިނަ އަތޮޅަކީ ހުވަދޫ އަތޮޅު ކަމަށާއި އައްޑޫ ގަމުގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ނުވާނެ ކަމަށެވެ.