logoEN
cocacola
ތިނަދޫގައި ހުރި ގޯތިތަކެއް ބިދޭސިންނަށް؟

ތިނަދޫގައި ހުރި ގޯތިތަކެއް ބިދޭސިންނަށް؟

ރ.ޝ.މ

logo

8/28/2021, 8:00:47 PM

# ކޮލަމް

DSC_1565

ދަރިފުޅު ގޮވައިގެން ބުރެއްޖަހާލަން ނިކުމެ އުޅެނިކޮށް ރަށުގެ އެކި ސަރަހައްދުތަކުން ދުން އަރާތީ ފެނުނެވެ. މިދެންނެވި ސަރަހައްދުގައި ދިރިއުޅެމުންދިޔަ މީހުން ގެތަކުން ނިކުމެ މަގުމަތީގައި ގިނަވެގެން އުޅޭތަން ފެނުމުން އަޅުގަނޑު ވެސް އެސަރަހައްދަށް ގޮސް މަޑުކޮށްލީ ވެގެން އުޅޭ ގޮތެށް ބެލުމަށެވެ. އޭރު ވެސް އެސަރަހައްދުން އާދަޔާ ހިލާފަށް ދުންއަރަމުން ދިޔައެވެ. އެތަނުން މީހަކާ ވާހަކަ ދައްކާލުން ކައިރީގައި ހުރި ފަޅު ގޯއްޗަކަށް އިޝާރާތްކޮށްލުމަށްފަހު އެގޯތިތެރޭގައި ހުރި ކުނިތަކެއްގައި ރޯކޮށްފައިވާ ކަމަށާއި، ދުމުގެ ސަބަބުން އެސަރަހައްދުގައި އެމީހުންނަށް އުޅެން ދަތިވެފައިވާ ކަމަށް ބުންޏެވެ.

ގޮސިޔާ

"އެއްޗެހި ދޮވެފަ ބޭރުގަ އެއްޗެހި ހިއްކަން އެޅޭ ވަރެއް ނުވޭ..."އެތަނުން މީހަކު ރުޅިއައިސްގެހުރެ ވާހަކަ ދައްކަމުން ދިޔައެވެ.

އެމީހުންގެ ވާހަކަތައް އަޑުއަހަން ކުޑައިރުކޮޅަކު އެތަނުގައި މަޑުކޮށްލުމަށްފަހު އެމީހާ އިޝާރާތްކުރި ދޮރާ ދިމާލަށްގޮސް ބެލިބެލުމުން ވަށައިގެން އުސްކޮށް ފާރު ރާނާފައިވާ މިދެންނެވުނު ގޯތީގައި ހަރުކޮށްފައިހުރި ދޮރާށީގައި ބޮޑު ތަޅެއް އަޅުވާ ތަޅުލާފައި ހުއްޓެވެ. ދޮރާށީގައި އެތެރެ ފެންނަ ގޮތަށް ހުރި ލޯވަޅަކުން ބަލާލުމުން ގޯތިތެރެ ރީއްޗަށް ސާފުކޮށް ކުނިތައް އެއްތަނަކަށް ޖަމާކޮށްފައި ކުނި އަންދަން އަލިފާން ރޯކޮށްފައި ހުރިކަން އެގުނެވެ.

އަވައްޓެރިޔަކާއި ވާހަކަ ދެއްކުމުން އެގޯތިގެ ވެރިފަރާތް އެމީހާއަށް ނޭގުނު ނަމަވެސް އެގޯތި ސާފުކުރަން އެދުވަހު އައިސް އުޅުނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށް ބުންޏެވެ. އަދި މިބިދޭސި ގާތުން މީގެ ދެތިން ދުވަސް ކުރިން އެތަން ސާފުކުރަން ހުއްޓާ އެހުމުން އެމީހާ "ބޮސް ބުނަނީ ގޯތި އޮންނަނީ.. އެއްވެސް މީހާ އެތަނުގަ ނުހުންނަނީ...އަހަރެން ބޭނުންވީމަ އެތަން ސާފުކޮށް ބޭނުންކަމެއް ކުރަނީ...މައްސަލަ ނެެތޭ ބުނަނީ..." މިހެން އަވައްޓެރިޔާ ގާތު ބުނި ކަމަށެވެ.

އަލިފާން ރޯކޮށްފައި ތަޅުލާފަ ދިޔުމުން އެތަނުން އަރާ ދުމުގެ ސަބަބުން ހުރިހާ އުނދަގުލެއް ވަނީ އަވައްޓެރިންނަށެވެ. މަގުމަތި ބަލަހައްޓަމުންދިޔަ ދެފުލުހަކު އެތަނަށް އައިސް ފާރުމަތިން އެގޯތިތެރެއަށް ފޭބުމަށްފަހު އަވަށްޓެރިންގެ އެހީތެރިކަމާއެކު އެ އަލިފާންގަނޑު ނިއްވާލަން މަސައްކަތް ކުރަން ފެށިއެވެ. އަހަރެން ހިތަށް އެވަގުތު އެރީ މީގެ ދުވަސްތަކެއް ކުރިން ރައްޓެއްސަކު ދެއްކި ވާހަކައެކެވެ. އެދުވަހު އޭނާ ދެއްކި ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދެވުނީ މި ތިނަދޫގައި ދަނޑު ހައްދައިގެން ބަޔަކު އޭގެއިން މަންފާ ނަގާފަނެ ކަމަށް ގަބޫލު ނުކުރެވޭތީ އެވެ.

ރައްޓެހި މީހާ އޭނާގެ ގެއާއި އިންވެގެން އޮންނަ ފަޅު ގޯއްޗެއްގައި ބިދޭސީންތަކެއް ދަނޑު ހައްދާ ވާހަކައާއި، އެމީހުން އެ ދަނޑު ބެއްދުމަށް ބާރުގަދަ ކެމިކަލްތައް ބޭނުން ކުރާތީ އެސަރަހައްދުގައި ދުވާ ވަހުން ނޫޅެވޭވަރުވެޔޭ ބުނަން ޖެހެނީ މިކަހަލަ ކަންތައްތަކެއް ތިނަދޫގައި ހިނގާތީކަމަށް މިހާރު ގަބޫލު ކުރަން މަޖުބޫރު ވެއްޖެ އެވެ.

ތިނަދޫގެ ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅޭ ވަރަށް ގިނަ ބިދޭސިންނާ ގާތް ގުޅުމެއް އޮންނަ އަހަރެން ދަންނަ ބިދޭސި މީހަކަށް ގުޅާ މިކަމުގެ މައުލޫމާތެއް އެނގޭތޯ ބެލުމުގެ ޝައުގުވެރިކަން އުފެދި އެމީހާއަށް ގުޅީމެވެ. އެމީހާގެ ވާހަކަ ތަކުން އެނގުނު ގޮތުގައި މިދެންނެވުނު ދަނޑުވެރި ކަމުގެ މަސައްކަތަކީ އެކަމުން ބިދޭސިން ވަރަށް މަންފާ ހޯދަމުންދާ މަސައްކަތެކެވެ. އެމީހުން އެކަން ކުރަނީ ތިނަދޫގައި ފަޅަށް ހުންނަ ގޯތީގެ ވެރިފަރާތާ ވާހަކަ ދެއްކުމަށް ފަހު އެގޯތިތައް ސާފުކޮށް ވަށާފާރު ނުހުންނަ ގޯތިތަކުގެ ވަށާފާރު އަމިއްލަ ހަރަދުގައި ރާނައިދޭނެކަމަށްބުނެ ޝަރުތުކޮށްގެންނެވެ.

"އެވައްތަރު ގޯތީގެ ބޮސްގެ އާއިލާގެ އެއްވެސް މީހާ ތިނަދޫގައި ނުހުންނަނީ...ދެން އެމީހާ ( ބިދޭސި މީހާ ) އަމިއްލައަށް ބޭރު ފާރު ރާނަނި...އަނެއްމީހާ ޓިނު ވައްތަރު އެއްޗެއް ޖަހާ ބަންދު ކުރަނީ.." އެމީހާ ބުންޏެވެ.

ދުމުގެ ސަބަބުން އަވައްޓެރިންގެ ޝަކުވާތަކާ ގުޅިގެން ކަމާބެހޭ މުވައްސަސާތަކުގެ ބޭފުޅުން އައިސް ބަލާލުމުން މިދެންނެވި ގޯތިތަކާ ހަވާލުވެ ވެރިފަރާތުގެ ގޮތުގައި ތިބެނީ މިދެންނެވި ބިދޭސިންނެވެ. ބޮސް ކޮބައިތޯ ބަލާއިރު ކައިރި ރިސޯޓު ތަކުގައި އެއްބަޔަކު އުޅޭއިރު އަނެއް ބަޔަކު "މާލޭ ރައްޓެހިންގެ" ގޮތުގައި އެކި ނަންތައް ކިޔާ ފުލެޓް ތަކުގައި އަރާމު ދިރިއުޅުމުގައި އާއިލާއާއެކު އެބައުޅެއެވެ. ބޮސްގެ ނަން އަހާ ގުޅޭނޭ ނަންބަރެއް ހޯދާ އަހާލުމުން އާސިމެއް ކާސިމެއް އިދްރީހެއް ކިޔާލައެވެ. އެމީހުންނަށް ދީފައި އޮންނަ ނަމްބަރަށް ގިނަ ފަހަރު ނުގުޅެއެވެ. ބޮސްއަށް ކޮންކަމެއް ހެއްޔެވެ. ބިދޭސިންގެ ޖީބު ބަރުކުރަމުން މިދަނީ އަވައްޓެރިންނަށް އެކިކަލަ ކެމިކަލްގެ ވިހަ ގޭހުގެ ދުމުގެ ތޫފާނުން މީހުން އަވަދިކޮށްގެންނެވެ.

މިފަދަ ކަންކަމަށް ހައްލު ހޯދައިދޭން ރަށު ކައުންސިލުންވެސް މަސައްކަތްކުރާ ތަނެއް ފެންނާކަށް ނެތެވެ. ދެކެވެނީ ހުސް ވާހަކައެވެ.

އެޑިޓަރުގެ ނޯޓު: މިއީ ގާފު އޮންލައިނުގެ ކޮލަމް ސެކްޝަނަށް ރ.ޝ.މ ލިޔެދީފައިވާ ލިޔުމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ