ދަރިން އެއްވެސް ރައްޓެއްސަކު އިޚްތިޔާރު ކުރުމަށް ފުރުޞަތު ނުދިނުން!
ދަރިން ރައްޓެހިން އިޚްތިޔާރުކޮށް، ގިނަ ވަގުތު ރައްޓެހިންނާއެކު އުޅުމަކީ، ބައެއް މައިންބަފައިން އެހާ ރުހޭ ކަމެއް ނޫނެވެ. ބައެއް މައިންބަފައިން ދެކޭގޮތުގައި، ގިނަ ޒުވާނުން ގޯޅި އަޅައި ގޯސްކަންކަމަށް އަރައިގަންނަނީ ރައްޓެހިންގެ ސަބަބުންނެވެ. "ދަ އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން"ގެ ސައިކޮލޮޖިސްޓުން ވިދާޅުވާ ގޮތުގައި، މިފަދަ ބެލެނެވެރިން ތާ އަބަދު، ކުދިންނަށް ކުރަންވީ ކަންތައްތަކާއި، ނުކުރަންވީ ކަންތައް، އަދި ކަންތައް ކުރަންވީ ގޮތް ކިޔާދީ، މަގުދައްކައެވެ.
މައިންބަފައިންގެ ނަޒަރުގައި، މިއީ މިކަން އޮންނަންވީ ގޮތްވެސްމެއެވެ. ދަރިންނަކީ، ރައްކާތެރި މާޙައުލެއްގައި، ދުޅަހެޔޮ ސިއްޙަތެއްގައި ބޮޑުވާ ކުއްޖަކަށް ހެދުމަކީ މައިންބަފައިންގެ އަމާޒެވެ. ނަމަވެސް މިފަދަ ގޮތަކަށް ދަރިން ބޮޑުކުރުމުން، ކުދިންނަށް އެކުދިންގެ އިޙްސާސްތަކާއި، ބޭނުންވާގޮތްތައް އަމިއްލަޔަށް އިޚްތިޔާރުކޮށް، އަމިއްލަޔަށް ކަންކަން ނިންމުމަށް ލިބިގެންދާ ފުރުޞަތު ހަނިވެގެންދެއެވެ. ރައްޓެހިންނާއި، މުޖުތަމަޢުގެ އެހެނިހެން ފަރާތްތަކާއެކު އުޅުމުގެ ފުރުޞަތު ދަރިންނަށް ނުލިބޭނަމަ، ޒުވާނެއްގެ ގޮތުގައި މުޖުތަމަޢުއަށް ކުއްޖާ ނުކުންނައިރު، އެހެން މީހުންނާއި ރައްޓެހިންނާއި އެކު އުޅެން ނޭނގި، އަދި މުޖުތަމަޢުގައި އުޅޭ ތަފާތު މީހުންގެ އުޅުން ބަލައިގެން ރަނގަޅުގޮތް ނުބައި ގޮތް ވަކިކުރަން ނޭނގިދާނެއެވެ.
މުޖުތަމަޢުއަށް ނުފެތޭ ދަރިޔަކު ތަރުބިއްޔަތުކުރަން، ދަރިންނަށް ހެޔޮއެދޭ އެއްވެސް މަޔަކު އަދި ބަފަޔަކު ބޭނުން ނުވާނެއެވެ. މިފަދަ ގޮތެއް ވާން ނެދޭ ނަމަ، ދަރިންގެ ބޭނުންތަކާމެދު ފަރުވާތެރިވާށެވެ. މިގޮތުން، ދަރިފުޅަށް ވަކިކަމެއް ކުރެވިދާނެކަމަށް ފެންނަނަމަ، އެކަން ދަރިފުޅު އަމިއްލަޔަށް ކުރުމުގެ ފުރުޞަތު ދޭށެވެ.
ދަރިން އަޚުލާޤް ރަނގަޅު ބަޔަކަށް ހެދުމުގެ ނިޔަތުގައި، ކުދިންނަށް އަދަބުދިން!
ބައެއް މައިންބަފައިން ދެކޭގޮތުގައި، ދަރިން ތަރުބިއްޔަތުކުރުމުގައި، ހަރުކަށިވެ، އަދަބު ދިނުމުން ދަރިން އަދަބުވެރި ވެއެވެ. އަދި ބައެއް މައިންބަފައިން މިއުޞޫލުތަށް ދަރިން ތަރުބިއްޔަތުކުރުމުގައި ބޭނުންކުރެއެވެ. ދަރިން އަޚުލާޤް ރަނގަޅު ބަޔަކަށް ހެދުމުގެ ނިޔަތުގައި، ކުދިންނަށް އަދަބުދީގެން ނުކުންނަ ނަތީއްޖާ، ސައިންސްގެ އަލީގައި ފާހަގަވެގެންދަނީ މުޅިން އެހެންގޮތަކަށެވެ.
ދަރިންނަށް ޖިސްމާނީ އަނިޔާ، ނުވަތަ، ނަފްސާނީ އަނިޔާކޮށްގެން، ވަރަށް ނުރަނގަޅު ނަތީއްޖާ ނުކުންނަކަމަށް، ނަފްސާނީ މާހިރުން އެއްބަސްވެއެވެ. މިގޮތުން، މުޖުތަމަޢު ބަލައި ނުގަންނަ ކަންކަން، ނަފްސާނީ މައްސަލަތައް، ޑްރަގަށް ހުށަހެޅިގެން ދިޔުން ފަދަ އަޚްލާޤީ މައްސަލަތައް ނަތީއްޖާއެއްގެ ގޮތުގައި ކުދިންގެ ކިބައިން ފެނިގެންދެއެވެ. ހަރުކަށި އުޞޫލުތައް ބޭނުންކޮށްގެން، ނުވަތަ އަދަބު ދީގެން ބޮޑުވާ ކުދިންނަށް ގިނަ ސިއްޙީ މައްސަލަތަކާއި ކުރިމަތިލުމުގެ ފުރުޞަތު ބޮޑެވެ. މިގޮތުން ކެންސަރަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވުން، ހިތުގެ މައްސަލަތައް ދިމާވުން އަދި ނޭވާލުމަށް ދަތިވުމުގެ މައްސަލަތައް ފެންމަތިވުން ހިމެނެއެވެ.
ކުދިން ތަރުބިއްޔަތުކުރުމުގެ ރަނގަޅު އުޞޫލުތަކެއްގައި ހިފަހައްޓަން ބޭނުންވާނަމަ، ކުދިންނަށް ވިސްނޭފަދަ ގޮތަކަށް ނަސޭހަތްދީ، އެގޮތަށް އަމަލު ކުރުމުން، ދިމާވާނެ މައްސަލަތަކާއި، އޭގެ ރަނގަޅުގޮތް އޮޅުންފިލުވައިދޭށެވެ. މިފަދަ ގޮތަކަށް އަމަލުކުރެވިއްޖެނަމަ، ކުދިން އެނަސޭހަތް ބަލައިގަނެ، އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުވެގެން ދާނެއެވެ.
ކުދިން އެހެން ކުދީންނާއި، އަޅާކިޔުން!
އެއްކުއްޖަކު އަނެއްކުއްޖަކާއި އަޅާކިޔައި، ދަށްކަމަށް، ނުވަތަ ކަންކަން ނޭނގޭކަން ދައްކައި، އެގޮތަށް ވިސްނުވައިދިނުމަކީ، ކުދިން، އެކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދަށްކުރުވާ ކަމެކެވެ. ނަފްސާނީ އިލްމުވެރިން ވިދާޅުވާގޮތުގައި މިއީ ވަރަށްވެސް ނުރައްކާތެރި، އަދި އޭގެ ސަބަބުން ކުއްޖެއްގެ ދިރިއުޅުން ހަލާކުވެގެން ހިގައިދާނެ ކަމަކެވެ. މިފަދައިން މައިންބަފައިން އަމަލު ކުރާނަމަ، މައިންބަފައިން ބޭނުންވާ ކަހަލަ ކުއްޖެއް ނޫންކަން، އޭނާއަކީ، މިގޮތަށް ވިސްނި، މައިންބަފައިންނާއި ދަރިންނާއި އޮންނަ ގުޅުން ދަށްކުރުވައި، ދަރިން މައިންބަފައިންނަށް ކުރާ އިތުބާރު ގެއްލެއެވެ. އެހެންކަމުން ދަރިން ދަށްކޮށް ކަންކަން ނުވާކަން ނޭނގޭކަން ދެއްކުމުގެ ބަދަލުގައި، މައިންބަފައިން ބޭނުންވާ ކަމެއް ހާޞިލްކުރުމަށް އެހީތެރިވެ، އެއްބާރުލުން ދޭށެވެ.
އެއްކަމެއް އެކި ހާލަތްތަކުގައި ތަފާތުކޮށް ކުރަން ބުނުން!
އެއްދުވަހު ދަރިފުޅުގެ ކުޅޭތަކެތި ނަގައި ކުޅޭތަން ސާފުކުރަން ބުނެފައި ދެވަނަ ދުވަހު ކުޅޭތަކެތި ނަގައި ސާފުކުރުން މަންމަ ނޫނީ ބައްޕަ ކޮށްފާނެއެވެ. ކުރީ ދުވަހު ދަރިފުޅު ލައްވާ ކުޅޭތަކެތި ނެގީ ބައްޕަ ނުވަތަ މަންމަ މޫޑް ގޯސް ވެފައި ހުރުމުންނެވެ. ނަމަވެސް އަނެއް ދުވަހު މޫޑް ރަނގަޅުވެފައި ހުރުމުން ދަރިފުޅު ލައްވާ ބުރަ މަސައްކަތް ނުކުރުވަން ކުޅޭތަކެތި ނަގައި ތަންވެސް އަމިއްލަޔަށް ކޮށްލީއެވެ. މަންމަ ދަރިފުޅުދެކެ ހިންހަމަ ނުޖެހި ރުޅިއައިސްގެން ވާހަކަ ދައްކާ ވަގުތު ބައްޕަ ހެވިފައި ދުރުގައި މަންޒަރު ބަލަން ހުރެދާނެއެވެ. މިއީ ކުދިންނަށް ރަނގަޅުގޮތާއި ނުބައިގޮތަކީ ކޮބައިކަން ނޭނގި، އަމަލުކުރަން ޖެހޭ ގޮތް އޮޅުން އަރާ ކަމެކެވެ.
ނަފުސާނީ ޢިލްމުވެރިން ދެކޭގޮތުގައި ގޮތް ނިންމަން އުދަނގޫވުން ނުވަތަ ރަނގަޅުގޮތް ނޭނގުމަކީ ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދަށްކުރުވާކަމެކެވެ. މިފަދަ ހާލަތްތައް މެދުވެރިވާ ކުދިންނަށް ޑިޕްރެޝަނަށް މަގުފަހި ކުރެއެވެ. އެހެންކަމުން އަބަދުވެސް ކަންކަން ކުރުމަށް އުޞޫލުތައް ކަނޑައަޅައި، އެ އުޞޫލުތައް ބަދަލު ނުކޮށް އަބަދުވެސް ވަކި މިންގަނޑެއްގައި ހިފެހެއްޓުން މުހިންމެވެ. މިގޮތަށް އަމަލުކުރުމުން، ކުދިންނަށް ކުރިޔަށް ވާންޖެހޭ ގޮތާއި، އަދި އެހާލަތުގައި އަމަލުކުރަންޖެހޭނެ ގޮތް ސާފުވެގެންދާނެއެވެ.
ރުޅި އިސްކުރެވޭ ކޮންމެފަހަރަކު ދަރިންނަށް ހަޅޭލެވުން!
މިއީ މަދު ނަމަވެސް ބައެއް މައިންބަފައިންނަށް ކުރެވޭ ކަމެކެވެ. ދަރިން ބޮޑާހާކާ ވަގުތު، ދެތިންފަހަރު އެހެން ނުހެދުމަށް ބުނެ، ނަމަވެސް ހައްލެއް ނާންނަ ފަދަ ހާލަތްތަކުގައި، ރުޅި ކޮންޓްރޯލް ނުވެ، އަޑު ގަދަކޮށް ހަޅޭލެވެއެވެ. ބައެއް ބެލެނިވެރިން ޤަބޫލުކުރާގޮތުގައި ހަޅޭލައިގެން މައްސަލަ ވަގުތުން ވަގުތައް ހައްލު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް މިފަދަ ގޮތަކަށް ދަރިންނާއި ދެތެރޭ ކަންތައް ކުރުމުން ފަހުން ވެދާނެ ގޮތެއް އިޙްސާސް ކޮށްލެވޭތޯއެވެ؟ ނަމަވެސް، ނަފްސާނީ ޢިލްމުވެރިން ބުނަނީ މުޅިން އެހެން ވާހަކައެކެވެ. ހަޅޭލެވުމުގެ ސަބަބުން ދަރިފުޅުގެ އަޚްލާޤު ދުވަހެއް ދުވަހަކަށް ދާނީ ގޯސްވަމުންކަމުގައި އެމީހުން ދެކެއެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ކުދިންނަށް ނަފްސާނީ މައްސަލަތައް ދިމާވެ، ޑިޕްރެޝަނަށް ދެއެވެ.
އާދަޔާ ޚިލާފަށް މަތީގެ އުއްމީދުތަށް ދަރީންނާއި ދޭތެރޭ ގެންގުޅުން!
އެއްވެސް މަޔަކު ނުވަތަ ބަޔަކު އެމީހުންގެ ދަރިންނަކީ ދިރިއުޅުމުގައި، ނާކާމިޔާބު، ބައެއްގެ ގޮތުގައި ދެކެން ބޭނުން ނުވާނެއެވެ. އަދި ދަރިފުޅާ މެދު މަތީ އުއްމީދު ގެންގުޅުމަކީ ދަރިފުޅުގެ ކުރިއެރުމަށް އެޅޭ ބާރެއްވެސްމެއެވެ. ނަމަވެސް އުއްމީދު ތައް ހުންނަންޖެހޭނީ ޙާޞިލް ވެވޭނެ، ކުއްޖާގެ ޤާބިލިއްޔަތާއި އެއްވަރަށެވެ. ކުދިންގެ ފެންވަރާއި، ކުދިންގެ ޤާބިލިއްޔަތުކަން ތަންނުދޭ މިންވަރުގެ މަތީ އުއްމީދު ކޮށް، އެއުއްމީދުތައް ހާޞިލްކުރުމަށް ދަރިވަރުންނަ މަޖުބޫރު ކުރުވުމަކީ ތަފާތު ސިއްޙީ މައްސަލަތައް ކުރިމަތިކުރުވާ ކަމެކެވެ. ސިންގަޕޫރުގެ ނޭޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯގެ ސައިކޮލޮޖިސްޓެއް ކަމުގައިވާ ރޭޔަން ހޮންގް ވިދާޅުވާގޮތުގައި، ސްކޫލް އިމްތިހާން ފަދަ އިމްތިހާނުން ފެއިލް ވެދާނެކަމަށް ބައެއް ކުދިން ވަރަށް ބޮޑަށް ބިރުގަނެއެވެ. ސަބަބަކީ މައިންބަފައިން ބޭނުންވާފަދަ ނަމޫނާ ކުއްޖަކަށް ނުވެދާނެތީއެވެ. މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ.
ދަރިފުޅު އެހާ ގޯސްވީ ކީއްވެ ހެއްޔެވެ؟ އަމިލްލަ ނަފްސަށް ބަލާލާށެވެ.
ހަރުބަހެއްގައި އޮވެއެވެ. ކުޑަ ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ގޮތަށެވެ. މިއީ ވަރަށްވެސް ބޮޑު ތެދެކެވެ. ދިރާސާތަކުން ދައްކާގޮތުން، އެހެން އެއްވެސް މީހެއްގެ ފަރާތުން ކަންކަން ދަސްވާ މިންވަރަށް ވުރެ ބޮޑަށް، ދަރިންނަށް، މައިބަފައިންގެ ޤަބޫލުކުރުންތަކާއި، އުޅުމާއި ގުޅުން ދަސްވެ، އެ އާދަތައް ދަރިން ގައިގައި ހަރުލައެވެ. ދަރިން އެންމެ ބޮޑަށް ކޮޕީކުރާ ބައެއްގެ ގޮތުގައި މައިންބަފައިން ވެއެވެ.
ދަރިފުޅު ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން ބޭނުން ނަމަ، މައިންބަފައިން ކިބައިން ރަނގަޅު އާދަކާދަ، އަދި ރިވެތި އަޚްލާޤްގެ ނަމޫނާ ދެއްކުން މުހިންމެވެ.
ރަނގަޅު އަޚްލާޤް ހަރުލެއްވުމަށް، ކުދިންނަށް ބިރުދެއްކުން!
ކުދިންނަށް ބިރުދައްކައިގެން ރަނގަޅު އާދަ ހަރުލެއްވިދާނެ ކަމަށް ބައެއް މައިންބަފައިން ދެކެއެވެ. ވަކި ކަމެއް ކޮށްފިނަމަ، ކޮޓަރިއަށް ލައި ތަޅުލާނެކަމަށް، ނުވަތަ ގެއިން ނެރެލާނެކަމަށް ބުނުން ފަދަ ބިރުތައް ބައެއް މައިންބަފައިން ދަރިންނަށް ދައްކައި އުޅެއެވެ. މިފަދަ ބިރުދެއްކުންތައް މަސައްކަތްކުރެއެވެ. ނަމަވެސް ނަފްސާނީ ޢިލްމުވެރިން މިފަދަ ކަންތައް ކުރުމަށް ހިތްވަރު ނުދިނުމުގައި ހަޤީޤަތްތަކެއް އެކުލެވެއެވެ.
ނަފްސާނީ ޢިލްމުވެރިން ބުނާގޮތުން، ސިކުނޑިއަށް ބިރުގެ އިޙްސާސް ވުމުން، ސިކުނޑީގައި މަސައްކަތްކުރަނީ ވިސްނުމުގެ ކެވެލް އެންމެ ދަށް ހިސާބެވެ. އެހެންކަމުން، ބިރުދެއްކުމުން، އެކަމަކާއި ގުޅޭގޮތުން އެންމެ ރަނގަޅަކަށް ކުދިންނަށް ނުވިސްނެއެވެ. މިގޮތުން ކުދިން ތަރުބިއްޔަތު ކުރުމަށް ބިރުދެއްކުމަށް ނަގާ މިސާލުތަކުގެ ސަބަބުން، ފުލުހުން، ޑޮކްޓަރުން، އަދި މުޖުތަމަޢުގެ ޒިންމާދާރު މަސައްކަތްކުރާ ފަރާތަކާމެދު، ކުދިންގެ ވިސްނުން ބަދަލުވެ، ގޯސް ނުވަތަ ބިރުވެރި ބައެއްގެ ގޮތުގައި ބައެއް ހާލަތުގައި ކުދިން ދެކިފައި އެބަހުއްޓެވެ. ނަތީއްޖާ އަކަށް ވެގެން ދަނީ ދިރިއުޅުމުގައި ދިމާވާ ކުދިކުދި ކަންކަމުގައި ބިރުގަންނަ، އަމިއްލަ ނަފުސަށް އިތުބާރު ނުކުރެވޭ ބަޔަކަށް ކުދިން ބަދަލުވެގެން ދިޔުމެވެ. އެގޮތުން ރަނގަޅު އަޚްލާޤް ހަރުލެއްވުމަށް، ކުދިންނަށް ބިރުދެއްކުމަކީ ކުދިންނަށް ކުރެވޭ ވަރަށް ބޮޑު ނަފްސާނީ އަނިޔާއެކެވެ.
ބައެއް މައުޟޫއަށް ކުދިންނާއި ވާހަކަ އެއްގޮތަކަށްވެސް ނުދެއްކުން!
ފުރާވަރަށް އަރާ ކުދިންނަށް އަންނަ ބަދަލުތަކާއި، ލޯބީގެ ގޮތުން ގުޅޭ ގުޅުންތަކުގެ ވާހަކަ، މައިންބަފައިން ކައިރީގައި ހިއްސާކުރުން ނުވަތަ މައިންބަފައިން އޮޅުން ފިލުވުން ވެގެން ދަނީ ލަދުވެތިކަމަކަށެވެ. މިފަދަ މައުޟޫތަކުގެ ވާހަކަ މައިންބަފައިން އޮޅުން ފިލުވަން ޖެހެއެވެ. ސަބަބަކީ، ކުރެވެނީ ގޯސް ކަމެއްކަން ނުވަތަ ކިހާވަރެއްގެ ގޯހެއްކަން ނޭނގިހުރެ، އަނދަވަޅަކަށް ވެއްޓުމުގެ ކުރިން ހެޔޮގޮތް ކުދިންނަށް އޮޅުން ފިލުވައިދިނުން މުހިންމުކަމަކަށް ވާތީއެވެ.
ފުރާވަރުގެ އުމުރުފުރާއަށް އަރަމުން އަންނަ ކުދިންނަށް، ހަށިގަނޑަށް އަންނަ ޖިސްމާނީ ބަދަލުތަކުގެ މައުލޫމާތު ދަރިންނަށް ދިނުން މުހިއްމެވެ. ނަފްސާނީ ގޮތުން އަންނަ ބަދަލުތަކާއި، ޖިސްމާނީގޮތުން އަންނަ ބަދަލުތަކުގެ މައުލޫމާތު ކުދިންނަށް ދީ، ހިނައި ތާހިރު ވާނެގޮތްތައް ދަސްކޮށްދިނުމަކީ ކޮންމެހެން މުހިއްމުކަމެކެވެ. ކުދިންގެ އުޅުމާއި ގުޅުން ބަހައްޓަން ޖެހޭނެ ގޮތް ފުރިހަމަޔަށް ކިޔާދޭން ޖެހެއެވެ. މީގެ އިތުރުން، ދަރިންގެ ވިސްނުމާއި ފިކުރު، ހިއްސާކުރެވޭނެ ބަޔަކަށް މައިންބަފައިން ވުމަކީ ވަރަށް މުހިންމުކަމެކެވެ.
ޚާއްސަ، ތަފާތު ކުއްޖެއް ކުއްޖެއްކަމަށް ބުނެ، ކިބުރުވެރިއަކަށް ބަދަލުކުރުން!
ވަރަށް ގިނަ ފަހަރު، މައިން ބަފައިންނަށް، ކުދިންނަށް ތަޢުރީފުކުރުމުގެ ގޮތުން، "ތީ މުޅި ދުނިޔޭގައި ހުރި އެންމެ ރީތި ކުއްޖާ"، "އެންމެ ޤާބިލް ކުއްޖާ"، "އެންމެ މޮޅު ކުއްޖާ"، "ޔޫ އާ ދަ ބެސްޓް"، މިފަދަ ބަސްތައް ބޭނުންކުރެވެއެވެ. ބޭނުމަކީ ދަރިފުޅުގެ، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑު ކުރުވުމެވެ.
ނަމަވެސް ފަންނީ މާހިރުން ބުނާގޮތުން، ކުއްޖާ ގައިގައި ނުހުންނަ ޤާބިލްކަމާއި، މޮޅުކަން ދައްކައި، ތަޢުރީފު ކުރުން މާގިނަވެއްޖެ ނަމަ، ކުއްޖާ "އޯވަރ ކޮންފިޑެންސް" ނުވަތަ އަމިއްލަ ނަފުސަށް ކުރާ އިތުބާރު މާބޮޑަށް މަތިވެގެން ގޮސް، ބަލި ޤަބޫލު ނުކުރެވޭ ހިސާބަށް ދެއެވެ. ކުދިންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް ފާހަގަކޮށް ތަޢުރީފް ކޮށް، ނުހުންނަ ސިފަތައް ހަރުލެއްވުމަށް ހިތްވަރު ދެވިދާނެއެވެ. އަދި ހަމަ މި ބީދައިން ބަލިވުމަކީ ކާމިޔާބު ތަޅުދަނޑި ކަމަށް ބުނެ، ދިރިއުޅުމުގައި ބަލި ޤަބޫލުކުރަން ދަސްކޮށްދިނުން މުހިންމެވެ.