ތައުލީމީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ "ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު" އަދި ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހް ކުރައްވައިފި އެވެ.
އޮންލައިންކޮށް ބޭއްވުނު ރަސްމިއްޔާތެއްގައި އެ ސިޔާސަތާއި އެކްޝަން ޕްލޭން އަދި ވެބްސައިޓް އިފްތިތާހްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.
މި ސިޔާސަތުގައި ފާހަގަކުރެވޭ އެންމެ މުހިންމު ބައިތަކަކީ ޅަފަތުގެ ތަޢުލީމާއި ތަރުބިޔަތަށް ޚާއްޞަ ސަމާލުކަމެއް ދީފައިވުމާއި، ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމާއި، މުޅި ސްކޫލު މިކަމުގައި ޝާމިލުކުރުވުމެވެ.
ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތަކީ މިއަހަރު ގެޒެޓުކުރި "ތައުލީމީ ގާނޫނުގައި" ބަޔާންކޮށްފައިވާ ސިޔާސަތެކެވެ. ބައިނަލްއަގުވާމީ މުއާހަދާތަކަށް ރިއާޔަތް ކުރުމާއެކު ޔުނެސްކޯގެ އިންކުލޫސިވް އެޑިޔުކޭޝަން ފުރޭމް ވޯކް ގައިވެސް ހިމަނާފައިވާ ކަންކަމަށްވެސް މި ސިޔާސަތުގައި ރިޔާއަތް ކޮށްފައިވާނެެއެވެ.
މި ރަސްމިއްޔާތުގައި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަންގެ ވެބްސައިޓުވެސް ވަނީ އިފްތިތާހު ކޮށްފައެވެ. އެ ވެބްސައިޓް މެދުވެރިކޮށް އިންކުލޫސިވް އެޑިޔުކޭޝަންއާ ގުޅޭ ގޮތުން ސްކޫލުތަކާއި ބެލެނިވެރިންނާއި ދަރިވަރުންނަށް ކަމާއި ގުޅުންހުރި މައިގަނޑު ނަންތަކުގެ ތެރެއިން އާއްމުކޮށް މިހާތަނަށް ރާއްޖެއިން ލިބެން ނެތް ގިނަ މައުލޫމާތުތަކެއް ލިބޭނެ އެވެ.