logoEN
cocacola
ހުވަދޫ ބަސް ދިރުވައި އާލާކުރުން މިއީ ކުރަންޖެހޭ ކަމެއް.

ހުވަދޫ ބަސް ދިރުވައި އާލާކުރުން މިއީ ކުރަންޖެހޭ ކަމެއް.

ގާފު އެޑިޓޯރިއަލް

logo

11/24/2020, 5:32:56 PM

# ކޮޮލަމް

1A4AE3EF-4F4F-4519-B856-CFDC5A7E8508

އިންސާނުން އެކަކު އަނެކެއްގެ ހިތުގައި އުފެދޭ ޚިޔާލުތަކާއި، ޝުޢޫރުތަކާއި، ޖަޒުބާތުތައް އެކަކު އަނެކަކާއި ހަމަޔަށް ފޯރުކޮށްދިނުމަށް އަޑު ނުވަތަ ނިޝާން ނުވަތަ ޙަރަކާތް އެކުލެވޭގޮތަށް ބޭނުންކުރާ ނިޒާމަކަށް ބަސް ކިޔެއެވެ. މިއީ ބަހުގެ ތަޢާރަފެއްގެ ގޮތުގައި މަޝްހޫރު ބަސްވާރު އެޑްވާޑް ފިނިގަން ދެއްވާފައިވާ ތަޢާރަފެވެ. އަޅުގަނޑުމެން ދިވެހިންނަށް ވީތީ ފަޚުރުވެރިވާ ސަބަބުތަކުގެ ތެރޭގައި އެއް ބަހަކުން ވާހަކަދެއްކުން ހިމެނިގެންދެއެވެ. އަޅުގަނޑުމެން އެންމެހާ ދިވެހިން ވާހަކަ ދައްކަނީ، ދިވެހި ބަހުންނެވެ. ނަމަވެސް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ވާހަކަ ދެއްކުމުގައި ކޮންމެވެސް ވަރުގެ ތަފާތުތަކެއް އެކުލެވެއެވެ. މިގޮތުން ދިވެހި ރާއްޖޭގެ އުތުރު، މެދުރާއްޖެތެރެ، ދެކޮނުގެ އަތޮޅުގައި މީހުން ވާހަކަދެއްކުމުގައި މިފަދަ ތަފާތުތަކެއް ފާހަގަކުރެވެއެވެ. ޚާއްސަކޮށް ރާއްޖޭގެ ދެކުނުގެ ތިން އަތޮޅު ކަމުގައިވާ ހުވަދޫ، ފުވައްމުލައް، އައްޑޫ މީހުން ވާހަކަދައްކައި އުޅޭއިރު އެހެން ހުރިހާ ހިސާބުތަކާއި ވަރަށް ބޮޑުތަން ތަފާތެވެ. މިގޮތުން ދިވެހި ބަހުން އުފެދިފައިވާ ދިވެހި ބަހުގެ މިތަފާތު ކަފިތަކަށް ބަހުރުވައޭ ކިޔައެވެ. ބަހުރުވައަކީ ބަހެއްގެ ބައެކެވެ. މިގޮތުން ހުވަދޫ ބަހުރުވަ، ފުވައްމުލައް ބަހުރުވަ، އައްޑޫ ބަހުރުވަ ތަފާތު ބަހުރުވަތައް ދިވެހި ބަހުގައި އެކުލެވެއެވެ.

ގޮސިޔާ

ބަސްވާރުން ވިދާޅުވާގޮތުގައި، އެއްބަހެއްގެ ދެބަހުރުވައިން ވާހަކަ ދައްކާއިރު، ދައްކާ ވާހަކައިގެ ބޮޑުބައި އެނގެން ޖެހެއެވެ. ދައްކާ ގިނަ ވާހަކަ ނޭނގޭނަމަ، އެއީ މުޅިން އާ ބަހެކެވެ. މިގޮތުން ހއ. ކެލާ މީހަކަށް ހުވަދޫ ބަހުރުވައިން މީހަކު ވާހަކަ ދައްކާއިރު، ދައްކާ ވާހަކަ ފަހުމް ވާނީ ކިހާ މިންވަރަކަށްތޯ މިއީ ބަލާލަން ރަނގަޅު ކަމެކެވެ. ޤަބޫލުކުރެވޭ ގޮތުގައި ހުވަދޫ ބަހުރުވައިން ވާހަކަ ދައްކާއިރު، ކެލާ މީހަކަށް ހުވަދޫ ބަހުން ދައްކާ ވާހަކައިގެ 80 އިންސައްތަ ފަހުމް ނުވާނެއެވެ. އެގޮތުން ބަސްވާރުން ވިދާޅުވާ ފަދައިން ހުވަދޫ ބަހުރަވައަށް ބަހެއްގެ ދަރަޖަ ދެވިދާނެތޯ މިއީ ބަހުސް ކޮށްލަން ރަނގަޅު ސުވާލެކެވެ.

ހުވަދޫ ބަހުރުވައަކީ ޝައްކެއްވެސް ނެތް ގޮތުގައި ވަރަށް މުއްސަނދި ބަހުރުވައެކެވެ. ރަސްމީ މާލޭ ބަހުގައި އެކުލެވިގެން ނުވާ އެތައް ބަސްތަކަކާއި، ފަށުވިކަމެއް ހުވަދޫ ބަހުރުވައިގައި އެކުލެވިގެންވެއެވެ. މިފަދަ އަލިގަދަ ހެއްކެއް މިސާލެއްގެ ގޮތުގައި މިތާ އެކުލަވާލާނަމެވެ.

ރަސްމީ ދިވެހި ބަހުގައި ބައްޕަ އަދި މަންމަގެ މަންމައަށް އަށް ބޭނުންކުރަން އޮންނަ ހަމައެކަނި ބަހަކީ "މާމަ" އެވެ. އަދި ބައްޕަ އަދި މަންމަގެ ބައްޕަ އަށް ބޭނުންކުރާ ހަމައެކަނި ބަހަކީ "ކާފަ" އެވެ. ނަމަވެސް މިއާ ޚިލާފަށް ހުވަދޫ ބަހުރުވައިގައި މަންމަގެ މަންމަޔަށް ނިސްބަތްކޮށް "މުންނަ"، ބައްޕަގެ މަންމަޔަށް ނިސްބަތްކޮށް "މާމަ"، މަންމަގެ ބައްޕަޔަށް ނިސްބަތްކޮށް "މާފަ"، އަދި ބައްޕަގެ ބައްޕަޔަށް ނިސްބަތް ކުރުމަށް "ކާފަ" ބޭނުން ކުރެވެއެވެ. ދަރިންނަށް ނިސްބަތްކުރުމަށް ބަދަލު ނަމެއްގެ ގޮތުގައި ރަސްމީ ދިވެހިބަހުގައި ހަމައެކަނި "ދަރިފުޅު" ދެޖިންސުގެ ކުދިންނަށް ބޭނުންކުރާއިރު، ހުވަދޫ ބަހުރުވައިގައި ދަރިންނަށް ނިސްބަތްކޮށް ބޭނުންކުރާ ބަދަލު ނަމުގެ ގޮތުގައި، އަންހެން ދަރިފުޅަށް، "ދިޔެ" އަދި ފިރިހެން ދަރިފުޅަށް "ކަލޯ" ބޭނުންކުރެއެވެ. މިފަދަ މަދު ކަމަކަށް ބަލައިލުމުންވެސް ހުވަދޫ ބަހުރުވައިގައި ހުރި މުއްސަނދިކަން ހާމަވެގެންދެއެވެ.

ނަމަވެސް ހިތާމަކުރަންޖެހޭ ކަމަކީ، ހުވަދޫ ބަހުރުވަ، ދުވަހެއް ދުވަހަކަށް ހީނަރުވެގެންދާކަމެވެ. ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ، އަޅުގަނޑުމެންގެ ތެރެއިން ގިނަ ޒުވާނުން ހުވަދޫ ބަހުރުވައިން ވާހަކަ ދައްކަން ލަނދުގަންނަކަމެވެ. މާލޭގައި ދިރިއުޅޭ ހުވަދު އަތޮޅަށް ނިސްބަތްވާ ދެމީހުން ބައްދަލުވެގެންވެސް، ލިބޭ ފުރުޞަތުގައި ހުވަދޫ ބަހުރުވައިން ވާހަކަ ދެއްކުމުގެ ބަދަލުގައި ގިނަފަހަރަށް ވާހަކަ ދެއްކެނީ ރަސްމީ ދިވެހި ބަހުންނެވެ. ސްރީލަންކާގެ ސިންގަޅަ ބަހާއި ވައްތަރު ގޮތެއް ހުންނަ ހުވަދޫ ބަހުރުވައިން ވާހަކަ ދައްކަން ބައެއް ބޭފުޅުން ލަނދު ގަތުން އެކަށީގެންވެއެވެ. ހުވަދު އަތޮޅަށް ނިސްބަތްވާ ޒުވާން، ތަޢުލީމީ ބޭފުޅުންވެސް، އަމިއްލަ ދަރިންނާއި ހުވަދޫ ބަހުރުވައިން ވާހަކަ ދެއްކުމުގެ ބަދަލުގައި، އިނގިރޭސި ބަހުން އަދި ރަސްމީ ދިވެހި ބަހުން ވާހަކަ ދައްކައެވެ. މިފަދަ ބޭފުޅުން، ހުވަދޫ ބަހުރުވައިން ވާހަކަދެއްކުން ކަޓު އަދި ޒަމާނަށް ނުފެތޭ ކަމެއްކަމުގައި ދެކުން އެކަށީގެންވެއެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ކުދިން ބަސްދަސްކުރާ އުމުރުގައި، އަމިއްލަ މާދަރީ ބަހަށް މޮޅުވި ވަރަކަށް، އެކުދިންގެ ނަފްސާނީ ޤާބިލްކަން އިތުރުވެއެވެ. މިއީ ފަހުގެ ދިރާސާތަކުން ދައްކާ ހަޤީޤަތެވެ.

ހުވަދޫ ބަހުރުވަ، ދިރުވައި އާލާކުރުމަށް ވަރަށް ބޮޑަށް މަސައްކަތްތަކެއް ކުރަންޖެހެއެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ހުވަދޫ ބަހުރުވައަކީ އެއާއި މެދު އަޅުގަނޑުމެން ފަޚުރުވެރިވާ ބަހަކަށް ހަދަންޖެހެއެވެ. ބަހުރުވަ އޭގެ ފުރިހަމަގޮތުގައި ޒުވާން ޖީލުތަކަށް ފޯރުކޮށްދިނުމަކީ ހުވަދޫ އަށް ނިސްބަތްވާ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. ހުވަދޫ ބަހުރުވަޔަކީ އަޅުގަނޑުމެންގެ "އައިޑެންޓެޓީ" ނުވަތަ ރަމްޒެވެ. އަމިއްލަ ބަހުރުވަޔަކުން ވާހަކަދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމީ، ފަޚުރުވެރިވެ އުފާކުރަންޖެހޭ ކަމެކެވެ. އެއީ އެއްވެސް ގޮތަކަށް ލަނދު ގަންނަންޖެހޭ ކަމެއް ނޫނެވެ. ހުވަދޫ ބަހުރުވަ ދިރުވައި އާލާކުރުން މިއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ