
1
ކޮންމެ މީހަކީވެސް ދިރިއުޅުމުގެ ކަންކަމާއިގެން އަބަދުމެ ބުރަކޮށް އުޅޭ ބައެކެވެ. ޚާއްސަކޮށް ރަސްމީ ގަޑީގައެވެ. ރަސްމީ ގަޑީގައި އޮފީސްތަކުން އެ ލިބޭ އެއް ގަޑިއިރުގެ ކުޑަ ބްރޭކް ވެގެން ދަނީ އެންމެންވެސް އެ ގަޑިއަކަށް އިންތިޒާރު ކުރާ ގަޑިއަކަށެވެ. ހެނދުނުގެ ކޮފީއަށްފަހު ދެން އެންމެ އަވަހަށް ބޭރަށް ނުކުމެވޭ ވަގުތަކީ މި ބުނާ ބްރޭކް ގަޑި ކަމަށްވުމުން އެވަގުތު ރައްޓެހިންނާއެކު ގްރޫޕް ހަދައިގެން ކާން ދާ މީހުން ގިނައެވެ.

މި ބީދައިން އެއްދުވަހު، ދާދި ފަހުން ތިނަދޫގައި ހުޅުވި އައު ރެސްޓޯރެންޓުގެ ކެއުންތަކުގެ ރަހަ ބަލާލުމުގެ ނިޔަތުގައި އެތަނަށް ދިޔައީމެވެ. އެއީ އައު ތަނަކަށް ވިޔަސް މިހާރު އައު ނަމެއް ނޫނެވެ. "ސްޓްރީޓް ހަބް" އެވެ. ހެލްތީ ލައިފްސްޓައިލް ކޮންސެޕްޓަކަށް ބިނާކޮށްގެން ތިނަދޫގައި ހުޅުވި ފުރަތަމަ ރެސްޓޯރެންޓެވެ.
ސްޓްރީޓް ހަބް އަށް ގޮސް މެނޫ ބަލާލުމަށްފަހު އެންމެ ގަޔާވީ ޝަވަރުމާއެވެ. އެއީ މީގެ ކުރިން ތިނަދޫއިން ލިބެން ހުންނަ އެއްޗެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެ އުޅެއެވެ. އެހެންވެ އޭގެ ރަހަ ބަލާލާ ހިތްވީއެވެ. ނަމަވެސް މި ކެއުމަކީ އެއްކަލަ "މާލެ ކުދިން"ނަށް އައު އެއްޗެއް ނޫނެވެ. އެހެންވެ އެމީހުން އެ ކަނޑާ ފޮންޏެއްގެ ތެދު ދޮގު ވަޒަންކޮށްލަން ބޭނުންވީ އެވެ.
އަވަހަށް އެތަނުގައި ހުރި ޒުވާން ވެއިޓަރަކަށް ގޮވައި އޯޑަރު ދީފީމެވެ. މާ ލަސްތަކެއް ނުވެ، ބޮޑު ތަށްޓަކަށް ލައިގެން އައިސް މޭޒުމަތީގައި ޝަވަރުމާ ބެހެއްޓިއެވެ. ބަލާ ބެލުމަށް އެއީ ހަމަ އާދައިގެ ރޮއްޓެއްގެ ތެރެއަށް މަސްކޮޅެއް ލައި ރޯލްކޮށްފައި އޮތް "ފޮޅި" އެކެވެ. ރަނގަޅަށް ތަށި ތެރެއަށް ބަލައިލުމުން އެ ޑިޝް އިން ހަށިގަނޑަށް ލިބޭނެ ފައިދާގެ މިންވަރު އަންދާޒާ ކުރެވުނެވެ. ތަށީގައި ސެލެޑުކޮޅެއް ހަދާފައި އޮތެވެ. އާންމުކޮށް ސެލެޑުގައި ލާ ރަހަ އަނގަ ތެރެއަށް ސެޓްކޮށްލައިގެން އިނދެ ސަމްސަލަކުން އެ ސެލެޑުން އެތިކޮޅެއް އަނގަޔަށް ލީމެވެ. އެހިސާބުން އިނދެވުނީ ވާނުވާގައެވެ. އެއްކަލަ ސެޓްކޮށްލައިގެން އިން ރަހައާ ގާތް ކުރާ ފަދަ ރަހައެއް ނޫނެވެ. މުޅިން ތަފާތު ރަހައެކެވެ.
ފުރަތަމަ ހީކުރެވުނީ މަޔޮނައިޒް އަޅައިގެން ހަދާފައި ހުރި ސެލެޑެއް ކަމަށެވެ. ކުޑަވަގުތު ކޮޅަކަށް ވިސްނަން އިނދެފައި ހިތަށް އެރީ މިއީ ކުރިންވެސް ރަހަ އެނގިފައި ހުރި އެއްޗެއް ކަމަށެވެ. އާނ އެކެވެ. އެއީ ޔޯގަޓެވެ. ޕްލޭން ޔޯގަޓެވެ. ދެން ބަލައިލީ ސެލެޑުގައި ހިމަނާފައި ހުރި ތަރުކާރީގެ ބާވަތްތަކަށެވެ. އޭގައި ހުރީ ރަތް ކެބެޖާއި އާދައިގެ ކެބެޖާއި އޭގެ އިތުރުން ކެރެޓެވެ. ދުވަހަކުވެސް އެހާ މީރު ސެލެޑެއް ނުކެވެއެވެ.
ސެލެޑުގެ ރަހަ ބެލުމަށްފަހު ޝަވަރުމާގެ ރަހަ ބަލައިލުމަށް އަވަސްވެގަތީމެވެ. ދެ ފަޅިއަށް ކަފާލާފައި އޮތް އެ "ފޮޅި" ރަނގަޅަށް އަތަށް ހެޔޮވަރުކޮށްލައިގެން އަނގަޔަށް ލައިފީމެވެ. އެހިސާބުން ހޭވެރިކަމެއް ނެތެވެ. ހޭވެރިކަމެއް އައީ ޝަވަރުމާ ހުސްވީމައެވެ. ރަހަ ވަރަށް ތަފާތެވެ. އެހާމެ މީރެވެ. ޝަވަރުމާގެ ތެރެއަށްވެސް ޔޯގަޓް އަޅާފައި ހުއްޓެވެ. އޭގެ ރަހަ ޝަވަރުމާ ތެރެއަށް އަޅާފައި ހުރި މަސްކޮޅާ "ބްލެންޑް" ވަނީ އޭގެ ހައްދެއް ނެތް މިންވަރަށެވެ.
މިއީ ސްޓްރީޓް ހަބް ގެ މެނޫ އިން ފުރަތަމަ ރަހަ ބަލާލެވުނު ޑިޝް އެވެ. ޝަވަރުމާވެސް އެންމެ ފަހުން ތިނަދޫއަށް އައީ އެވެ. މިއީ ނުކައި ދޫކޮށްލެވޭ ވަރުގެ ކެއުމެއް ނޫނެވެ.
ސްޓްރީޓް ހަބްގެ ޝަވަރުމާގެ އަޖުމަ ބަލާލަން އަވަހަށް ދާންވީއެވެ. މި ލިޔުން ކިޔާލުމަކުން އަދި ނުފުދެއެވެ. އަމިއްލައަށްވެސް އެ ޝަވަރުމާގެ ރަހަ ތަޖުރިބާކޮށްލަންވީއެވެ. އަމިއްލައަށް ޖަޖްކޮށްލާށެވެ.