logoEN
cocacola
ކުޑަކަމެއްނޫން! ވަރަށް ނުރައްކާތެރިކަމެއް!

ކުޑަކަމެއްނޫން! ވަރަށް ނުރައްކާތެރިކަމެއް!

ހުސެއިން

logo

11/23/2020, 11:21:39 AM

mazumoonu_1

ފިޤްހު ޢިލްމުވެރިންގެ އަރިހުގައި الميراث އަކީ، ތަރިކަމުދަލުން ޙައްޤުވާ މީހުންނަށް ލިބެންޖެހޭ މިންވަރު ބަޔާންކޮށްދޭ ފިޤްހީ ޤަވާޢިދާއި ހިސާބެވެ. އެހެންކަމުން މިއީ ތަރިކަމުދާ ބެހުމުގެ ޤަވާޢިދުތަކަށް ކިޔާނަމެކޭ ބުނެވިދާނެއެވެ.

ގޮސިޔާ

މާތްﷲ ނިސާ ސޫރަތުގެ 7ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ. "لِّلرِّجَالِ نَصيِبٌ مِّمَّا تَرَكَ ٱلْوَالِدَانِ وَٱلأَقْرَبُونَ وَلِلنِّسَآءِ نَصِيبٌ مِّمَّا تَرَكَ ٱلْوَالِدَانِ وَٱلأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ نَصِيباً مَّفْرُوضاً" މާނައީ، "މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން ފިރިހެނުންނަށް ބައެއްވެއެވެ. އަދި މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށް ވެސް ބައެއްވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުންވެސް ކަނޑައެޅިގެންވާ ބައެއްގެ ގޮތުގައެވެ". މީގެ އިތުރުންވެސް، ކޮންމެ ވާރުތަވެރިއަކަށް ދޭންޖެހޭ މިންވަރު ﷲ ޞުބްޙާނަހޫ ވަތަޢާލާ ވަނީ ހަމަ އެ ސޫރަތުގެ 11 އަދި 12 ވަނަ އާޔަތުގައި ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވާފައެވެ.

އެކި ޙާލަތްތަކުގައި ފަރުޟުވެރިންނަށް މުދާދޭންޖެހޭ މިންވަރު ކީރިތި ޤުރުއާނުގެ ނައްޞުން ބަޔާންކޮށް ދެއްވާފައިވާކަމީ، މި ޢިލްމުގެ މުހިންމުކަން އެތައް ގުނައެއް އިތުރުވެގެންދާކަން އަންގައިދޭ އަލިގަދަ ހެއްކެކެވެ. އަލް ޤުރުޠުބީ ފަދަ ޢިލްމުވެރިން ސިފަކުރައްވާ ގޮތުގައި ނިސާ ސޫރަތުގެ 11 ވަނަ އާޔަތުން މީރާޘްގެ ޙުކުމް އައިސްފައިވާ ގޮތަށް ބަލާއިރު، މި ދެންނެވުނު އާޔަތަކީ ދީނުގެ ޙުކުމްތަކުގެ ތެރެއިން ޙުކުމެކެވެ. އަދި ބައެއް ޢިލްމުވެރިން ސިފަކުރައްވާ ގޮތުގައި މިއީ ޢިލްމުތަކުން އެންމެ މާތް ޢިލްމެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިކަމަށް އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. "تعلموا الفرائض وعلموها فإنه نصف العلم وهو ينسى وهو أول شيء ينزع من أمتي" (رواه ابن ماجه والدار قطن والحاكم والبيهقي) މާނައީ، "ފަރާއިޟުގެ ޢިލްމު އުނގެނި އެ ޢިލްމު މީސްތަކުންނަށް އުނގަންނާދޭށެވެ. ފަހެ ހަމަކަށަވަރުން އެއީ ޢިލްމުގެ ދެބައިކުޅަ އެއްބައެވެ. އަދި އެއީ ހަނދާންނެތިވެ ދަނިވި ޢިލްމެކެވެ. އަދި އެއީ ތިމަންކަލޭގެފާނުގެ އުންމަތުން އެންމެ ފުރަތަމަ ނިގުޅައިގަނެވޭނެ ޢިލްމެވެ".

މީރާޘް ޝަރުޢު ކުރެއްވުމުގެ ޙިކުމަތްތަކަށް ބަލާއިރު، އިސްލާމް ދީނަކީ ފަރުދުންގެ މިލްކިއްޔާތަށް އިޙުތިރާމް ކުރާ ދީނަކަށްވެފައި، މައްޔިތާގެ ތަރިކަ އޭނާގެ ވާރުތަވެރިންނަށް ލިބޭގޮތަށް އެދީނުގައި ހަމަޖައްސަވާފައިވާކަން ދޭހަކޮށްދެނީ އިސްލާމްދީނުގައި ޢަދުލުވެރިކަމަށް އަހަންމިއްޔަތުކަން ދެއްވާފައިވާ މިންވަރެވެ. ހަމައެހެންމެ، މުދަލާއި ދަރިންދެކެ ލޯބިވުމަކީ އިންސާނާގެ ފިޠުރީ ކަމަކަށްވާތީ، އިންސާނާގެ ފިޠުރަތު ނުރުހޭ ކަމެއް ކުރުމަކީ މާތް ﷲގެ ފިޠުރަތާއި އަރާރުންވާ ކަމެކެވެ. އެހެންކަމުން މި ދެކަމަކީ، ވާރުތަވުން ޝަރުޢު ކުރެއްވުމުގެ އެންމެ މައިގަނޑު އަދި އެންމެ މުހިންމު ދެ ސަބަބެވެ.

ނަމާދަކީ ނުވަތަ ޒަކާތަކީ ފަރުޟެއްކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވީ ނަމަވެސް އެކަމުގެ ތަފްޞީލު އަޅުގަނޑުމެންނަށް އެނގެނީ رسول صلى الله عليه و سلم ގެ ޙަދީޘްފުޅުތަކުންނެވެ. އަދި ކީރިތި ޤުރުއާނުގައި ނަމާދުގެ ވާހަކަ ނުވަތަ ޒަކާތުގެ ވާހަކަ ބަޔާންކުރައްވާފައި ނުވާހާ ތަފްޞީލުކޮށް ވާރުތަމުދަލުގެ ވާހަކަ ގެންނަވާފައިވެއެވެ. ވާރުތަމުދާ ބެހުމުގެ ކަންކަން މިހާ ތަފްޞީލުކޮށް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވުމުން، އިސްލާމް ދީނުގައި މީސްތަކުންނަށް ލިބެންޖެހޭ ޙައްޤުތައް އެމީހުންނަށް ފޯރުކޮށްދިނުމަށް ބާރުއަޅުއްވާފައިވާ މިންވަރު ހާމަވެގެންދެއެވެ.

އިސްވެދިޔަ ދަލީލުތަކުން ދަލާލަތުކޮށްދޭ ގޮތުގައި، ވާރުތަމުދަލަކީ މީހަކު އަދާކުރަންޖެހޭ ވާޖިބެއް އަދާނުކުރުމުގެ ސަބަބުން އެމީހެއްގެ ކިބައިން ނިގުޅިގެންދާނެ އެއްޗެއް ނޫނެވެ. އަޅުގަނޑުމެންނަށް ވިސްނިފައި އޮންނަގޮތަށް، މައިންބަފައިން ދުނިޔެ ދޫކުރާއިރު އެމީހުންގެ މިލްކިއްޔާތުގައިވާ ފައިސާނުވަތަ ތަކެއްޗަކީ ހަމައެކަނި މައިންބަފައިންނަށް އަޅާލައި މައިންބަފައިންގެ ކަންތައްތައް ބެލެހެއްޓި ދަރިއަކު އެކަނި ބޭނުންކޮށްލަންޖެހޭ އެއްޗެއް ނޫނެވެ. އެމީހެއްގެ މައިންބަފައިންނަށް އެމީހަކު އަޅާނުލުމަކީ އޭނާގެ މައްޗަށްވާ، މައިންބަފައިންގެ ޙައްޤަށް އުރެދުމެވެ. އެކަމަކީ އެއާމެދު އޭނާއާއި ސުވާލުކުރެވި، އެ ޙައްޤަށް ފަރުވާކުޑަކުރުމުން ﷲގެ ޙަޟްރަތުގައި އެމީހަކު ޛިންމާ ކުރެވޭނެ ޙައްޤެކެވެ.

މިކަމަކީ، އޭގެ ނުރައްކާތެރިކަން އަޅުގަނޑުމެންގެ ހިތަށް ވަޒަންނުކުރެވޭހާ ބޮޑުކަމެކެވެ. ކީރިތި ޤުރުއާނުގައިވާ، ވާރުތަ މުދަލާ ގުޅޭ އާޔަތްތައް ނިންމަވާލައްވާފައިވަނީ ވަޢީދުގެ ބަސްފުޅުތަކުންނެވެ. ނިސާ ސޫރަތުގެ 14 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ، وَمَن يُطِعِ ٱللَّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا وَذٰلِكَ ٱلْفَوْزُ ٱلْعَظِيمُ މާނައީ؛ އަދި ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައިދާ މީހަކު ނަރަކައަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި އެމީހަކަށް އިހާނާތްތެރިކަން ދެނިވި ޢަޒާބުހުއްޓެވެ.

އަޅުގަނޑުމެންގެ ތެރޭގައި މިހާރު ދިމާވާ ވަރަށް ޢާންމުކަމަކަށް ނަޒަރު ހިންގާލާއިރު، މަންމަ ނުވަތަ ބައްޕަ މުސްކުޅިޙާލުގައި ދުނިޔެ ދޫކުރާއިރު ގިނަފަހަރަށް ސަރުކާރުން ދޭ ޢިނާޔަތުގެ ފައިސާ މައިންބަފައިންގެ އެކައުންޓުގައި ހުރެއެވެ. މަންމަ ނުވަތަ ބައްފަ ނިޔާވުމުން، މުސްކުޅިވި ދުވަހު އެމީހުން ބެލި ދަރިއަކު އޭނާއަށް ފެންނަގޮތެއް އެފައިސާއަށް ހަދާލަނީ ބައެއްފަހަރަށް ދެންތިބި ދަރިންނަށް ނުވެސް އެނގިއެވެ. އޭނާގެ ވިސްނުމަކީ، "އެމީހުން މުސްކުޅިވީ ދުވަހު ބެލީ އަހަންނެވެ. ދެންތިބި ދަރިން އަޅާލީއެއްނޫނެވެ. އެހެންވީމާ މަންމަމެންގެ އެކައުންޓުގައި ހުރި ފައިސާއަކާ އެމީހުންނަކާ ނުބެހެވޭނެއެވެ. އެއީ އަހަރެންގެ އެއްޗެކެވެ." ނަމަވެސް ހިތާމައަކީ، މައިންބަފައިން ދުނިޔެ ދޫކުރާއިރު އެމީހުންގެ މިލްކިއްޔާތުގައިވާ ތަކެއްޗަކީ އެމީހުން މަރުވުމަށްފަހު ވާރުތަވެރިންގެ ޙައްޤެއްކަން އެދަރިފުޅަށް ނޭގުމެވެ. މިއީ ހިތާމަހުރި ކަމެކެވެ. މާބޮޑުކަމަކަށް ނަހަދައި އޭނާއަށް އެ އަރައިގަނެވުނީ އެތައް ބައެއްގެ ޙައްޤަށް ކަމަށްވެސް ވެދާނެއެވެ. އެހެންކަމަށްވާނަމަ، އޭނާގެ އެޢަމަލަކީ، ދުނިޔެއާއި އާޚިރަތުގެ ގަދަފަދަ ޢަޒާބަށް އޭނާ ހުށަހެޅިގެންދާފަދަ ބިރުވެރިޢަމަލެކެވެ.

އެގޮތަށް ޢަމަލުކުރެވޭނަމަ، ޖާހިލިއްޔަ ޒަމާނުގައި ވާރުތަމުދާ ބަހަމުން ގެންދިޔަ އުޞޫލެކޭ އެއްވެސް ތަފާތެއްނެތެވެ. ބާރުގަދަ މީހާއަށް މޮޅުގޮތެވެ. ނިކަމެތިމީހާއަށް ދެރަގޮތެވެ. ޖަހާލަތުގެ އަނދިރިކަމުގައި ދުނިޔެ ޣަރަޤުވެފައިވަނިކޮށް ﷲ ތަޢާލާ އަޅުގަނޑުމެންނަށް ބާވައިލެއްވި އިސްލާމީ ޝަރީޢަތަކީ އިންޞާފާއި ހަމަހަމަކަމަށް ގޮވާލާ ޢަދުލުވެރި ޝަރީޢަތަކަށްވީހިނދު، އަޅުގަނޑުމެންގެ ތެރޭގައިވާ މިފަދަ ނުބައި އާދަތަކާއި ދުރުހެލިވަމާތޯއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ