ގއ. މާނަގަލާގައި ހެޗަރީއެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނުގައި ވާގޮތުން މި ޕްރޮޖެކްޓަކީ، ދިވެހި ސަރުކާރުން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ގއ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް، އަމިއްލަ ޚަރަދުގައި ޤާއިމްކޮށް އެތަން ހިންގައި ބަލަހައްޓާނެ ބަޔަކު ހޯދުމަށް ކޮށްފައިވާ އިޢުލާނެކެވެ.
އެ އިއުލާނުގައިވާ ގޮތުން ހެޗަރީ އިމާރާތްކުރުމުގެ މަސައްކަތް 12 މަސް ތެރޭގައި ނިންމަން ޖެހެއެވެ. އަދި އިމާރާތްކުރުމަށްފަހު ހެޗަރީ ހިންގުމަށް ދޫކުރެވެނީ 20 އަހަރު ދުވަހުގެ މުއްދަތަށްކަމަށާއި، ޕްރޮޖެކްޓްގެ ޕްރޮކިއުމަންޓް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޯލްޑް ބޭންކުގެ ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށްކަމަށް އިއުލާނުގައި ވެއެވެ.
މާނާގަލާ ހެޗަރީ ޕްރޮޖެކްޓުގެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ މާލީ ޤާބިލްކަން ބަލާނީ އެކައުންޓުގައި މަދުވެގެން 5 މިލިއަން ޑޮލަރު ހުރުމާއެކު، އަންދާޒާކުރާ އިންވެސްޓްމަންޓް ޕްލޭނެއް އަދި ފައިނޭންސިން ޕްލޭނެއް ހުށަހެޅުމުންނެވެ.
މީގެ އިތުރުން މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކަކީ ކުރިން ހެޗަރީއެއް ކާމިޔާބުކަމާއެކު ހިންގާފައިވާ ފަރާތަކަށް ވާން ޖެހެ އެވެ. އަދި ތިން އަހަރުގެ މުއްދަތުގެ ތެރޭގައި އަހަރެއްގެ މައްޗަށް މަދުވެގެން 2.5 މިލިއަން ފިންގަލިންގްސް އުފައްދާފައިވާ ފަރާތަކަށްވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން މަސައްކަތަށް ކުރިމަތިލާ ފަރާތް ނުވަތަ ސަބް ކޮންޓްރެކްޓް ކުރާ ފަރާތަކީ މަދުވެގެން އެއް މިލްކްފިޝް ހެޗަރީ ކާމިޔާބުކަމާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އަދި ތިން އަހަރުގެ ތެރޭގައި އަހަރެއްގެ މައްޗަށް މަދުވެގެން 10 ޓަނު އުފައްދާފައިވާ ފަރާތަކަށް ވާންވާނެ ކަމަށް ބުނެފައިވެ އެވެ.
މަސައްކަތަށް ކުރިމަތިލާ ފަރާތް ނުވަތަ ސަބް ކޮންޓްރެކްޓަރު ނުވަތަ ސަބް-ކޮންސަލްޓަންޓަކީ ޕްރޮޖެކްޓަށް ހުށަހަޅާ ޓެކްނޮލެޖީ ބޭނުންކޮށްގެން ފާއިތުވި ހަތް އަހަރުގެ ތެރޭގައި މަދުވެގެން އެއް މެރިން ފިންފިޝް އަދި މިލްކްފިޝް ހެޗަރީ ފަރުމާކޮށްފައިވާ ފަރާތަކަށްވާން ޖެހެ އެވެ.
ކުރިމަތިލާ ފަރާތް ނޫނީ ސަބް ކޮންޓްރެކްޓް ކުރާ ފަރާތަކީ މަދުވެގެން އަހަރެއްގެ ތެރޭ 2.5 މިލިއަން ކުދި ފާނަ އުފެއްދުމުގެ ކެޕޭސިޓީއާއެކު ހެޗަރީއެއް ހިންގާ އެތަކެތި ބާޒާރަށް ނެރެފައިވާ ފަރާތަކަށް ވާން ޖެހެ އެވެ.