
exam
ޕޭޕަރުތައް ލީކް ވަމުންދާ މައްސަލާގައި ރާއްޖެއިން އޭލެވެލް އިމްތިހާން ކެންސަލް ކޮށްފައިވާ ކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ ފުރަތަމަ 2 ޕޭޕަރެއް ލީކުވުމާއި ގުޅިގެން އެޑެކްސެލްއާ ވާހަކަދެކެވުނުކަމަށާއި، އެޑެކްސެލް އިންވެސް 2 ޕޭޕަރެއް ލީކުވިގޮތް ހޯދައި ލީކުވިކަން ކަށަވަރުކޮށްދީފައިވާކަމަށާއި އިތުރަށް ލީކުނުވާނެކަން އެޑެކްސެލްއިން އެ މިނިސްޓްރީއަށް ޔަގީންކަން އެރުވިކަމަށެވެ.
ނަމަވެސް މިއަދު މެންދުރުފަހު ހެދުމަށް ތާވަލު ކުރެވިފައިވާ ޕޭޕަރު މިއަދު ހެނދުނު ލީކުވުމުން ކަމާބެހޭ ހުރިހާފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު މިހާރު ކުރިއަށްދާ އިމްތިހާނުގެ ކްރެޑިބިލިޓީ ގެއްލިފައިވުމުން އިމްތިހާން ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވާ ކަމަށް އެޑިކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މިހާރު ކުރިއަށްދާ އިމްތިހާނުގައި ބައިވެރިވި ކުދިންނަށް މިވަގުތު ދެވެން އޮތް އެންމެ ރަނގަޅު އޮޕްޝަންއަކީ އޮކްޓޯބަރ/ ނޮވެމްބަރ އިމްތިހާނަށް ބަދަލުވުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންނަމަވެސް ބައެއް ދަރިވަރުން އަވަހަށް އޭލެވެލް ނިންމާލަން ބޭނުންވާތީ އެ ދަރިވަރުންނަށް ދެވެން އޮތީ ޓީޗަރ ބޭސްޑް އެސެސްމެންޓެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ޓީޗަރ ބޭސްޑް އެސެސްމެންޓް ހަދާކުދިންނަށްވެސް ލިބޭނީވެސް އެޑެކްސެލްގެ ސެޓްފިކެޓެއްކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެގޮތުން މިހާރު އޭލެވެލް ނިންމާލަން ބޭނުންވާ ދަރިވަރުންނަށް ދޭނެ ޓީޗަރ ބޭސްޑް އެސެސްމަންޓް ތައްޔާރުކުރާނީ ސްކޫލްތަކުން ކަމަށް އެޑިކެޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މި އެސެސްމެންޓުގެ ނަތީޖާއާއި މިހާރު ހަދާފަހުރި މޮކް އިމްތިހާނުގެ ނަތީޖާގެ އިތުތުން ޓީޗަރުން މިހާރު އެކުދިންނަށް ތައްޔާރުކޮށްފައިވާ ފޯކާސްޓް އެ މިނިސްޓްރީއާ ސްކޫލްތަކުން ހިއްސާކުރުމުން އެޑެކްސެލްގެ ފަރާތުން އެދަރިވަރުންނަށް ގްރޭޑެއް ދެވިގެން ދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.