
181574_725c1fc8-0_
މިއަދު ދިވެހި ނޫސްވެރިން ތަޖުރިބާކުރަމުންދަނީ ދިވެހި ރައްޔިތުންނާއި ދިވެހި ނޫސްވެރިން، މީގެ އަހަރުތަކެއް ކުރިން ޚިޔާލުވެސް ނުކުރާވަރުގެ މިނިވަން ނޫސްވެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ، މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މަރުޙަބާއާއި ތަހުނިޔާ ދަންނަވައި، ފޮނުއްވި ހިތާބުގައެވެ.
މިއަދު ދިވެހި ނޫސްވެރިން ތަޖުރިބާކުރަމުންދަނީ، މީގެ އަހަރުތަކެއް ކުރިން ޚިޔާލު ވެސް ނުކުރާ ވަރުގެ މިނިވަން ނޫސްވެރިކަމެއްކަމަށާއި މިހާރުގެ ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ޖާގަދިނުމަށް ކުރެވުނު މަސައްކަތްތަކަށް ފަހު، ފާއިތުވެގެން މިދާ ތިން އަހަރުގެ ތެރޭގައި، ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ރާއްޖެ ބޮޑު ކުރިއެރުމެއް ހޯދައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެގޮތުން، ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި، ރާއްޖެ 72 ވަނައަށް ކުރިއަށް ޖެހިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، މީސްމީހުންނާ ބެހޭ ގޮތުން، ޙަޤީޤަތެއް ނެތް ވާހަކަތައް ނުފެތުރުމަށާއި ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މިހާރަށް ވުރެވެސް ބޮޑަށް ޒިންމާދާރު ވުމަށް ހުރިހާ ދިވެހި ނޫސްވެރިންނަށް، އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު އެތައް ކަމެއް، ނޫސްވެރިންގެ ޚަބަރުތަކާއި ރިޕޯޓްތަކުގެ ޒަރީޢާއިން، ޢާންމު ރައްޔިތުންނާ ހަމައަށް ތިލަކުރުމުގެ ސަބަބުން، އެކަންކަން އިޞްލާހްކުރުގެ ފުރުޞަތު ތަނަވަސްވެގެން ދިޔަކަމަށް ވެސް ރައިސް ވިދާޅުވިއެވެ. އަދި، މިކަމަކީ ދައުލަތުގެ މުވައްޒަފުން އަމިއްލައަށް ޒިންމާދާރުވުމަށް ލިބުނު ވަރަށް ބޮޑު ބާރަކަށްވި ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިތާބު ނިންމަވާލެއްވީ މިފަދަ ދުވަހެއް ފާހަގަކުރާއިރު، ދިވެހިރާއްޖެ ޑިމޮކްރެސީއަށް ކުރި ދަތުރުގައި، ދިވެހި ނޫސްވެރިން ވެފައިވާ މަތިވެރި ޤުރުބާނީ ހަނދާނަށް ގެންނަންޖެހޭކަން ފާހަގަކުރައްވަމުންނެވެ. މިގޮތުން ޑިމޮކްރެސީއަށް އަޑުއުފުލައި ޚިޔާލު ފާޅުކުރުމުގެ ތެރޭގައި، ތަފާތު އަނިޔާތަކާއި ޖަލު ޙުކުމްތައް ތަޙައްމަލުކުރި ނޫސްވެރިންނާއި، އަނިޔާވެރި ޢަމަލުތަކުގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރި ނޫސްވެރިންގެ ހަނދާންތައް އެމަނިކުފާނު ވަނީ އައުކުރައްވާފައެވެ.