
ތިނަދޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލު ގެނެސްފި
DSC_6650
ގދ. ތިނަދޫން ކޮވިޑް-19 ކޭސްތަކެއް ފެނި ތިނަދީ އިމަތޖެންސީ އޮޕަރޭޝަން ސެންޓަރ (އީއޯސީ) އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލު ގެނެސްފިއެވެ.

އެގޮތުން ތިނަދޫ އީއޯސީން އިއްޔެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ކަސްޓަމަރުން އެތެރެއަށް ނުވަދެ ފިހާރަތަކުން ހިދުމަތް ލިބިދެވޭ ގޮތައް ތަކެތި ވިއްކުމުގެ އިންތިޒާމް ހަމަޖެއްސުމަށް ވަނީ އަންގާފައެވެ. އެހެން ނަމަވެސް ތިނަދޫ އީއޯސީން މިހާރު މިވަނީ މި ނިންނުން ބަދަލުކޮށް ކަސްޓަމަރުންނަށް ފިހާރަތަކަށް ވަދެވޭގޮތައް ހާއްސަ އުސޫލުތަކާއެކު ހަމަޖައްސާފައެވެ.
ތިނަދޫ އީއޯސީ އިން މިހާރު އަންގާފައިވަނީ، ފިހާރަތަކުން ޑެލިވަރީ ޚިދުމަތް ދިނުމާއި، ފިހާރަތެރެއަށް 1 ކަސްޓަމަރުންނަށްވުރެ އިތުރަށް ނުވެއްދުމާއި ފައިސާ ބަލައިގަތުމުގައި ނަގުދު ފައިސާ ބޭނުންކުރުމުގެ ބަދަލުގައި ފައިސާ ޓްރާންސްފާ ކުރެވޭގޮތް ހެދުމުގެ އިތުރުން ފިހާރަތަކުގެ ބޭރުގައި ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.
ތިނަދޫ ކައުންސިލުން ވަނީ މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުންވެސް ވީހާވެސް ގިނަ ވަގުތު ގޭގައި ތިއްބެވުމަށާއި ޟަޒޫރީ ކަމެއްގައި ނޫނީ ބޭރަށް ނުދިމުގެ އިތުރުން ބޭރަށް ދާނަމަ މާސްކު އެޅުމަށް އިލްތިމާސް ކޮށްފައިއެވެ. ހަމައެއާއި އެކު ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ކޮވިޑް-19 ހޮޓްލައިން ނަންބަރ 7934641 އާއި ހިއްސާކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައިއެވެ.