އަވައްޓެރި ސްރީލަންކާއިން ރިކޯޑް އަދަދަކަށް މީހުން ފައްސިވާން ފަށައިފި އެވެ.
ލަންކާ ސަރުކާރުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެގައުމުން އާދީއްތަ ދުވަހު ވަނީ 1891 މީހުން ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން އާދީއްތަ ދުވަހަކީ މިހައިތަނަށް ލަންކާ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.
ލަންކާ އިން ކޮވިޑަށް މިހާރު ގިނަ ބަޔަކު ފައްސިވަމުން އަންނަނީ ލަންކާގައި ކޮންމެ އޭޕްރީލް މަހެއްގެ 14 ވަނަ ދުވަހު ފާހަގަ ކުރާ އެގައުމުގެ ސަގާފީ އަހަރު ފެށުން ފާހަގަ ކުރުމުގެ ދީނީ އެއްވުމެއްގެ ސަބަބުންކަމަށް ލަންކާ ސަރުކާރުން ވަނީ ހާމަކޮށްފައި އެވެ. މިހާރު ކޮވިޑަށް ފައްސިވަމުންދާ ގިނަ މީހުން ނިސްބަތްވަނީ ވެސް އާއަހަރުގެ ކްލަސްޓާރ އަށް ކަމަށް ލަންކާ ސަރުކާރުން ބުނެއެވެ.
މިއަދު ފައްސިވި މީހުންގެ ތެރެއިން ވެސް 1843 މީހުން ނިސްބަތްވަނީ އާއަހަރުގެ އިހަލަށެވެ. ދެން ފައްސިވި 48 މީހުންނަކީ އެހެން ގައުމުތަކުން ލަންކާ އަށް އައިސް ކަރަންޓީންގައި ތިބި އެގައުމުގެ ރައްޔިތުންނެވެ.
ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނާތީ ލަންކާގައި މިހާރު ވަނީ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ސްކޫލްތައް ވަނީ ވަކި މުއްދަތެއް ނެތް ގޮތައް ބަންދުކޮށްފައެވެ. އަދި ޕާޓީތަކާއި ހަފްލާތައް އަމިއްލަ ގޭގައި ބޭއްވުން ވެސް ވަނީ މަނާ ކޮށްފައެވެ.