
ރޭ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ތަހުގީގުކުރުމަށް ސީޕީ އަމުރުކޮށްފި
1544694662
ޖިންސީ ފުރައްސާރައާއި ދެކޮޅަށް ރޭ މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ތަހްޤީޤު ކުރަން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އަމުރުކުރައްވައިފިިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭގައި ކުރިޔަށް ދިޔަ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތުގެ ފުރިހަމަ ތަހުޤީޤެއް ކުރައްވާނެކަމަށެވެ. އަދި ފުލުހުންގެ ގާނޫނުގެ ދަށުން ތަހުގީގުކުރުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމަށް އަންގާފައިވާކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
އާންމުންގެ ކަންބޮޑުވުންތަކަށް ޤަދަރުކުރާކަމަށާއި، އަދި އެކަމަށް ހައްލެއް ގެނައުމައްޓަކައި ޕްރޮފެޝަނަލް ސްޓޭންޑަރޑެއްގައި އެ މައްސަލަ ބަލާނެކަމަށްވެސް ކޮމިޝަރ ވަނީ ވިދާޅުވެފައެވެ.
ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ބައްލަވާނެކަން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރަން ގާނޫނުން ހުއްދަ ހާލަތުގައިވެސް އެ ބާރު ބޭނުންކުރަންޖެހޭނީ ބާރުގެ ބޭނުން ކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިންކަމަށެވެ. އަދި ރޭ ހިނގި ހާދިސާގައި ފުލުހުން ބާރު ބޭނުންކުރުމުގެ މިންގަނޑުތަކާއި ހިލާފަށް އެއްވެސް ކަމެއް ހިންގާފައިވޭތޯ ބައްލަވާނެކަމަށްވެސް ހޯމް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.
ރޭގައި އާންމުން ކުރިޔަށް ގެންދިޔަ މުޒާހަރާއަކީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ކުރި އިހްތިޖާޖެކެވެ. މި އިހްތިޖާޖު އެމީހުން ފެށީ ރަސްފަންނު ސަރަޙައްދުންނެވެ.އެއްވުމުގެ ބައިވެރިން މަޖީދީމަގުން ހިނގައިގަންނަން އުޅުމުން ފުލުހުން ވަނީ ބައިވެރިން ހުއްޓުވާ އަޑުގަދަކުރަން ބޭނުން ކުރާ ލައުޑް އަތުލާފަ އެވެ. އަދި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާފަ އެވެ.
މުޒާހަރާ ކަވާކުރަން ދިޔަ ނޫސްވެރިންނަށްވެސް ފުލުހުން ހުރަސްއެޅިކަމަށް ބުނެ ނޫސްވެރިންވެސް ވަނީ ކަންބޮޑުންވުން ފާޅުކޮށްފައެވެ.