
i
ބުރާސްފަތި ދުވަހުގެ ރޭ ގްރަނާޑާ އާ ދެކޮޅަށް ކުޅުނު މެޗުގައި، ބަދަލު ރެފްރީއާ ދިމާލަށް އެއްޗެއް ބުނުމުން ރަތް ކަޑު ދައްކައި ބެންޗުން ފޮނުވާލި، އެފްސީ ބާސެލޯނާގެ ކޯޗް ރޮނަލްޑް ކޫމަން، ދެ މެޗަށް ސަސްޕެންޑް ކޮށްފި އެވެ.

ގްރަނާޑާ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލީގު ހޯދުމުގެ ފުރުސަތު ބާސާއަށް ވަނީ ހަނިވެފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ އާއި ބާސާއާ ދެމެދު ދެ ޕޮއިންޓް ފަރަގު އެބަހުއްޓެވެ. ލީގު ޑިސައިޑިން މެޗުގެ ގޮތުގައި މަޝްހޫރު ވެފައިވާ އެތުލެޓިކޯގެ މެޗުގައި ކޫމަން ބެންޗުގައި ނެތުމަކީ ބާސާގެ ޓީމަށް ކުރިމަތިވާނެ އުނދަގޫ މައްސަލައެކެވެ.
ގްރަނާޑާ މެޗުގައި ބެންޗުން ފޮނުވާލަން ޖެހޭ ވަރުގެ ކަމެއް ކޮށްފައި ނުވާނެ ކަމަށް، ކޫމަން ވަނީ ބުނެފަ އެވެ. "އަހަރެން ބޭނުން ބަލަން ކޮން ވާހަކައެއްތޯ އަހަންނަށް ބުނެވުނީ ބޭއިހްތިރާމް ވާގޮތަށް. އަހަންނާ ރޫޑްކޮށް ވާހަކަ ދެއްކީ އޭނަ. އަހަރެން ނުބުނާ އެއްޗެއް ރެފްރީ ރިޕޯޓްގައި ހިމަނާފައި ވާނަމަ އެކަމާ ކޮންމެވެސް ކަމެއް އަހަރެން ކުރަން ޖެހޭނެ." ކޫމަން ބުނެފައި ވެއެވެ.
މި ސަސްޕެންޝަނާއި އެކު ލަ ލީގާގައި ބާސާއަށް އެންމެ މުހިންމު ދެ މެޗު ކަމުގައިވާ ވެލެންސިއާ އާ ދެކޮޅަށް މެސްޓެޔާގައި ބާސާ ކުޅޭ މެޗާއި، އަންނަ ހޮނިހިރު ދުވަހުގެ ރޭ، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކޭމްޕް ނޯ ގައި ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ދޭން ކޫމަން އަށް ބެންޗުގައި ނީނދެވޭނެ އެވެ.