ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 357 މިލިއަން ރުފިޔާގެ ފައިދާ!

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 357 މިލިއަން ރުފިޔާގެ ފައިދާއެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބިއްޖެ އެވެ.

ބީއެމްއެލްއިން މައުލޫމާތުދޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކަށް 357 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ 2020 ވަނަ އަހަރާ އަޅާބަލާއިރު 23 ޕަސެންޓު އިތުރު އަދަދެކެވެ.

މި ނަތީޖާ ބޭންކަށް ހާސިލްކުރެވިފައިވަނީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ބޭންކުގެ މައިގަނޑު ވިޔަފާރިތަކަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ލިބިފައިވާތީ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 537 މިލިއަން ލިބިފައިވެ އެވެ. އެއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 25 ޕަސެންޓު އިތުރު އަދަދެކެވެ.

އެ ނަތީޖާ ހާސިލް ކުރެވުނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާ ގުޅިގެން ކަމަށް އެ ބޭންކުން ބުންޏެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައި ކަމަށް އެ ބޭންކުން ބުންޏެވެ.

"ވިޔަފާރީގެ މައިގަނޑު ދާއިރާ ތަކުން ލިބުނު ނަތީޖާއާ އެކު ކޮވިޑް-19 އާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ހާލަތު ރަނގަޅު ވަމުންދާކަމުގެ ނިޝާންތައް މިދަނީ ފެންނަމުން،" ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ވިދާޅުވި އެވެ.

20 އަތޮޅެއްގައި ބީއެމްއެލްގެ 35 ބްރާންޗް، 71 ސެލްފްސާވިސް ބޭންކިން ސެންޓަރު، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓް، އަދި 132 އޭޓީއެމް ހުރެ އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް