
ޖުލައި 1 ގައި އިންޓަނެޓް އަގުހެޔޮ ކުރަން ނިންމައި އަގުތަކާ މެދު މަޝްވަރާ ކުރަން ފަށައިފި އެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކުން މިރޭ ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. ސަރުކާރުން މިރޭ ބައްދަލުވުމެއް ބާއްވާފައިވަނީ މިހާރު ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކުގައެވެ.
މިހާރު ތިބި އޮޕަރޭޓަރުންގެ އިތުރުން އެހެން އޮޕަރޭޓަރުންނަށް ކުރިއަށް އޮތް 3 އަހަރު ފުރުސަތު ނުދޭ ގޮތަށް އިންޓަރނެޓުގެ އަގުތަކަށް ބަދަލު ގެންނަން މަޝްވަރާ ކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރުން ހުށަހެޅި ގޮތަކީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބީ (ތްރޮޓުލްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ (ތްރޮޓުލްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 200 ޖީބީ (ތްރޮޓުލްގައި 25 އެމްބީޕީއެސް) ލިބޭ ގޮތަށެވެ. މިއީ ހަމައެކަނި ފިކްސް ބްރޯޑްބޭންޑަށް ކަނޑައަޅާ ގޮތެވެ.
އިންޓަނެޓް އަގުހެޔޮ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި ސަރުކާރަށް ތިން އަހަރު ވާއިރު ވެސް އިންޓަނެޓްގެ އަގަށް ބަދަލެއް އައިސްފައިނުވާތީ އާންމުން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުކޮށްފައެވެ.