
އީގަލްސް
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ކުލަބް އީގަލްސްއާއި ވާދަކުރާ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ މުބާރާތުން ވަކިވުމުން ކުލަބް އީގަލްސްއަށް ޕްލޭއޯފްގެ ޖާގައެއް ޔަގީންވެއްޖެއެވެ.

އީގަލްސް އާއި ޑާކާ އަބަހާނީ މެޗް ދެ ފަހަރެއްގެ މަތިން މިހާރުވެސް ވަނީ ފަސްކުރެވިފައެވެ. ކޮވިޑް19އާ ގުޅިގެން ބަންގްލަދޭޝް ލޮކްޑައުންކޮށްފައި އޮތުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ގިނަ ދަތިތަކާއެކު މެޗް ކުޅުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. އަދި މިމެޗް ކުޅުމަށް އެހެން ގައުމުތައް ހަމަޖެއްސިނަމަވެސް، ބަންގްލަދޭޝް ލޮކްޑައުންގައި އޮތުމުގެ ސަބަބުން އެޓީމަށް ބަންގްލަދޭޝްއިން ބޭރުވުމުގައިވެސް ގިނަ ދަތިތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.
އޭއެފްސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަންގްލަދޭޝްގެ ކޮވިޑް19ގެ ހާލަތަށް ބެލުމަށްފަހު، އެގައުމުގައި ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކާގުޅިގެން އޭއެފްސީގެ ސަބްކޮމެޓީއަށް ބޮޑަށް ބެލެވެނީ ޑާކާ އަބަހާނީ މިމުބާރާތުގައި ކުރިއަށް ދިއުމަށް މިހުރި ހުރަސްތަކާއެކު، މުބާރާތުން ވަކިވާން އެޓީމުން ނިންމީކަމަށެވެ.
އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ވަކިވުމާއި ގުޅިގެން ޕްލޭއޯފް މެޗްގައި ރާއްޖޭގެ ކުލަބް އީގަލްސް ވާދަކުރާނީ އިންޑިޔާގެ ވަރުގަދަ ބެންގަލޫރު އެފްސީއާއިއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 11ވަނަ ދުވަހު މަލޭގައެވެ.